ޒުވާނުން ސިޔާސީ މަތީފަޑިއަށް އެރުމުގެ ކުރިން ތަރުބިއްޔަތުވާންޖެހޭ-އަޙުމަދު ސައުދު

image

ޒަމާންތަކެއް ވަންދެން ހާލީގައި ނިފާއިވާ ރާއްޖޭގެ ސިޔާސީ ޙަރަކާތްތައް ހޭލައިފިއެވެ. ލޯ ހުޅުވުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ފެށިއެވެ. އެމަސައްކަތުގައި ކުރިން ބައިވެރިވެ ޙަރަކާތްތެރިވަމުން ދިޔައީ ހަރުމީހުންނެވެ. އެމީހުން އެމަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔައީ ސިޔާސީ ކަންކަން "ނިދާފައި" އޮތް ޒަމާނުގައެވެ. ހޭލުމަށްފަހު ޒުވާނުން ދިޔައީ ތަފާތު ސިފަ ސިފައިގައި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވަމުންނެވެ. ހަރުމީހުން ތަޖުރިބާކުރި ހަގީގަތްތަކާ އެކު ލޯހުޅުވެމުން ކުރިއަރަމުންނެވެ.

އެންމެ ފަހުންރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ސިޔާސީ ވާދަވެރިކަން އިންތިހާއަށް ހިނގައްޖެއެވެ. ޒުވާން ޢުމުރުގެ ކުދިންނަށް އެންމެކުރީ ސަފުން ފުރުސަތު ލިބި ސިޔާސީ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ލިބުނެވެ. އޭގެ ތެރެއިން އެއް ޒުވާނަކީ ޖުމްހޫރީޕާޓީގެ ރަޖިސްޓްރަރ އަޙުމަދު ސަޢުދެވެ. އޭގެ ކުރިން އޭނާއަކީ ސިޔާސީ ކަންކަމަށް މާބޮޑު ޝައުވެރިކަމެއް ބެހެއްޓި ޒުވާނެއް ނޫންނެވެ. އީޕީއެސް ގްރޭޑް 10 ނިންމުމަށްފަހު ވިލާ ފައުންޑޭޝަނުން ވަޒީފާ ހޯއްދެވިއެވެ. ވިލާ ފައުންޑޭޝަންގެ މެޑިކަލް ޑައިރެކްޓަރެއްގެ ވަޒީފާގައި ހުންނަވައިގެން އޭނާވަނީ އެތައް ދިވެހިންނަށް އިޖުތިމާޢީ ޚިދުމަތްތަކެއް ޒަމާންތަކެއް ވަންދެން ކޮށްދެއްވާފައެވެ. ވިލާ ފައުންޑޭޝަނުގެ ފަރާތުން ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާ އެންމެންގެ ހުރިހާކަމެއްވެސް ބަލަހައްޓަމުން ގެންދެވީ އަޙުމަދު ސަޢުދެވެ.

އެޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އޭނާވަނީ 2006 ވަނަ އަހަރު އިންޑިއާއަށް ބަދަލުވެފައެވެ. އެޚިދުމަތުގައި 2012 ވަނައަހަރުގެ ނިޔަލަށް ދެމިހުންނެވިއެވެ. އެމުއްދަތުގައި އަޙުމަދު ވަނީ މެނޭޖުމެންޓްގެ ދާއިރާއިން ޑިގްރީއެއްވެސް ޙާސިލް ކޮށްފައެވެ. އަދި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ކުދި ކޯސްތަކެއް ފުރިހަމަ ކުރެއްވިއެވެ.އދ. މާމިގިލީ ހެވަން، އަޙުމަދު ސަޢުދު ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ރަޖިސްޓްރާ ކަމުގެ މަސްއޫލިއްޔަތު އުފުލަން ފެށި ހިސާބުން އޭނާގެ ހިތް މަޑުމަޑުން ސިޔާސީ ކަންކަމާ ދިމާއަށް ލެނބެން ފެށިއެވެ. ޓީވީން ދައްކާ ސިޔާސީ ބައެއް ޕްރޮގްރާމްތަކުގައި ޖުމްހޫރީޕާޓީގެ ފަރާތުން ބަސް ބުނަން ފެށިއެވެ. ދުވަހުން ދުވަހަށް ޖޭޕީ ހިންގުމުގެ ޙަރަކާތްތަކުގައި ޖޭޕީ ޓީމާއެކު ހީވާގި ކަމާއެކު މަސައްކަތް ކުރަން ފެށިއެވެ. ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވާން ފެށުމާއެކު ޤައުމުގެ ކަންކަމާމެދު ސިޔާސީ ފިކުރު ހިންގަން ފެށިއެވެ. އެގޮތުން އޭނާއަށް ފާހަގަ ކުރެވުނު އެއްކަމަކީ ޒުވާނުން ސިޔާސީގޮތުން އެންމެ އުހަށް ދިޔުމުގެ ކުރިން އެކަމަށް ދުރާލާ ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމެވެ. އެކަމަށް އެންމެ ފުރިހަމައަށް ނަފުސު ހާނުވައި ތަރުބިއްޔަތު ކުރަން ޖެހޭކަމުގެ މުހިންމު ކަމެވެ.

އަޙުމަދު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން އެންމެ މަތީ ފަޑިއަށް ދިޔުމުގެ ޚިޔާލެއް އަދި އޭނާ ނުކުރައްވައެވެ. އޭނާގެ ހުރިހާވެސް ވިސްނުމެއް މިހާރު ހުރީ އޭގެ ކުރިން ކުރަންޖެހޭ ކަންކަމަށް ނަފުސު ތަރުބިއްޔަތު ކުރުމަށެވެ. އެތަރިބިއްޔަތުގެ މޭސްތިރިއަކަށް ނުވަތަ "އެދުރަކަށް" ހަދަން އަޙުމަދު ބޭނުންވަނީ ޖޭޕީގެ ލީޑަރެވެ. އަޙުމަދުގެ ނަޒަރުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ކުޅަދާނަ ޕޮލިޓީޝަނެކެވެ. ރައްޔިތުންގެ އިޙުސާސްތަކަށް ފުރިހަމައަށް އިޙުތިރާމާއި، ޤަދަރު ދެއްވައިގެން ސިޔާސީ ޙަރަކާތް ހިންގުމަށް ބޭނުންފުޅުވާ ބޭފުޅެކެވެ.

"ރާއްޖެއަށް މިހާރު ޢާއްމުވެފައިވާ ސިޔާސީ ޙަރަކާތްތަކާއި، އުފެދިފައިވާ ޒުވާން ލީޑަރުން އުފެއްދުމުގެ އެންމެ ދުވަސްވީ އެއް މޭސްތިރިއަކީ އަޅުގަނޑުގެ ނަޒަރުގައި ޤާސިމް. ސިޔާސީ ދާއިރާއަށް ވަނުމަށްފަހު އެބޭފުޅެއްގެ ފަހަތަށް އަރަން އެންމެ އެކަށީގެންވަނީ ކޮންބޭފުޅެއްތޯ އަޅުގަނޑު ބެލިން. ދަންނަ މީހުން ގާތުން އެހިން. މާޒީގެ ސަފުހާތައް ބެލިން. ޤާސިމްގެ ވާދަވެރިންނާ ސުވާލު ކުރިން. އެންމެންވެސް އިއްތިފާގުވި ޤާސިމަކީ އެންމެ އެކަށީގެންވާ ބޭފުޅާކަމަށް. އެހެންވެ އަޅުގަނޑު ޖުމްހޫރީ ޕާޓީގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުތީ،" އަޙުމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ޒުވާނުންނަށް ފުރުސަތު ލިބޭތީ އަޙުމަދު އުފާކުރެއެވެ. އެހެންނަމަވެސް ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކާލާއިރަށް ސިޔާސީ ޕްރޮގްރާމެއްގައި "އަނގައިން ބުނެލާއިރަށް" ސިޔާސީ ގޮތުން އެންމެ މަތީ މަޤާމްތަކާއި، ވަޒީފާތައް ލިބުމަކީ އޭގެ ސަބަބުން ޤައުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. "އެކަން މިހާރުވެސް ރާއްޖެއިން ފެންނަމުން އެބަދޭ. އެހެން ކަމުން ޒުވާނުން ފުރަތަމަ ބަލަންވީ ސިޔާސީ ގޮތުން ތަރުބިއްޔަތުވާން. ސިޔާސަތަކީ ކޮބައިކަން ދެނެގަންނަން. މަލްޓީޕާޓީ ސިސްޓަމް އޮންނަ ޤައުމުތަކުގައި ހަމަހަމަ އުސޫލުން ކަންކަން ކުރުމަކީ އެންމެ ޚާއްސަ އެއްސިފަ ކަމަށް އަޅުގަނޑު ދެކެން. އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ހުރިހާ ކަމެއް ހިފެހެއްޓުމަކީ ސިޔާސީ ގޮތުންވެސް އެންމެ ފައިދާވާނެގޮތް. މިއީ ދަސްކޮށްގެން ޢަމަލުކުރަންވީ ޙަޤީޤަތަކީ،" އަޙުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ބޭރުގެ ޤައުމުތަކުގައި ކަންކަން ކުރަމުންދަނީ މިވެނި ގޮތަކަށޭ ބުނެ އެގޮތަށް ރާއްޖޭގައި އެއްވެސް ކަމެއް ކުރުމުން އެކަމުން އެންމެ ރަނގަޅު ނަތީޖާ ނުފެނިދާނެ ކަމަށެވެ. ބޭރު ޤައުމުތަކުގައި ކަންކަން ހިނގާގޮތް ބެކުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވިޔަސް ރާއްޖޭގެ ކަންކަން ކުރުމަށް ކޮންމެ ކަމެއް ކުރިޔަސް އެކަމެއް ބައްޓަން ކުރަންވާނީ ރާއްޖޭގެ މާޙައުލާއި، މީހުންގެ ވިސްނުމާއި، ބަދަލުވަމުން އަންނަ ސަގާފަތަށް ބެލުމަށް ފަހު އެންމެ ފުރިހަމަ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މާޙައުލު މިހާރުވަނީ ކިލަނބުވެފައެވެ. ޕާޓީތަކުގެ ޚިޔާލުވަނީ އިންތިހާއަށް ތަފާތުވެފައެވެ. ބޭރުގެ ފާޑުކިޔުންތައް ސަރުކާރަށްވަނީ އޮހެން ފަށައިފައެވެ.

އަޙުމަދު ސަޢުދުގެ ނަޒަރުގައި މިހެން ދިމާވާންޖެހުނީ ސަރުކާރުގެ ހަރުކަށިކަމުގެ ސަބަބުންނެވެ. ސިޔާސީ ލީޑަރުންގެ ހުންނަންޖެހޭ ސިތަކުގެ ތެރޭގައި ދޫދިނުމަކީ ވަރަށް މުހިންމު ސިފައެއް ކަމަށް އަޙުމަދު ވިދާޅިވިއެވެ. ލަސް ނުކޮށް މަޝްވަރާ ކުރުމަކީ މުޅި ޤައުމުގެ ހައިބަތާއި ރައްޔިތުންގެ ކަރާމާތަށްޓަކައިވެސް ކުރަން ޖެހޭ ކަމެކެވެ.

އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ސަރުކާރުން އެއްބަސްވެ އެކަން ހިނގަމުންދިޔުމަކީ މިހާރުގެ ދިމާވެފައިވާ ސިޔާސީ ކަންކަމަމަށް ރަނގަޅު ޙައްލެއް އަންނާނެ ކަމުގެ ހެއްކެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ސިޔާސީ ގޮތުން ޤައުމުގެ ކަންކަން އޮމާންކޮށް ގެންދިޔުމަށް ހުރިހާގޮތަކުންވެސް ރަނގަޅަށް ތަރުބިއްޔަތުވެފައިވާ އެކަމަށް ޤާބިލް މީހުން ޤައުމުގެ މަތީފަޑިއަށް އައުމަކީ ކޮންމެ ވަގުތަކުވެސް އެޤައުމަކަށް އެންމެ ފައިދާ ބޮޑުގޮތް ކަމަށް އަޙުމަދު ވިދާޅުވިއެވެ. ސިޔާސީ ފުރިހަމަ ތަރުބިއްތު ލިބިފައިނެތް ބައެއް ޒުވާނުން ރާއްޖޭގެ މަތީފަޑީގައި މިހާރުވެސް އެބަތިބި ކަމަށާއި އޭގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުންވެސް ވަރަށް ބޮޑުކަމަށް ސަޢުދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement