ހިކަނދިފަތުގެ ފައިދާ
ހޯދުންތަކުން ދައްކާ ގޮތުގައި ހިކަނދިފަތް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާގެ ޖަންގަލި ތަކުންނެވެ. އެއަށްފަހު ޕާކިސްތާނާއި ބަންގްލާދޭޝްއާ ހަމައަށް ފެތުރިގެން ދިޔައެވެ.
ފަހުން ސްރީލަންކާ، އޮސްޓްރޭލިއާ އަދި އެފްރިކާގައިވެސް ހިކަނދިފަތް ހައްދަން ފެށި ކަމަށް ތާރީޚުން ފެންނަން އެބައޮތެވެ. ބައެއް ލިޔުންތަކުން ދައްކާގޮތުން ހިކަނދިފަތަކީ ދިގުތާރީޚެއް އޮތް އެއްޗެކެވެ. ފުރަތަމަ ގަރުނުގައިވެސް މިފަތް ބޭނުން ކުރަމުން އައި ކަމަށް ވެއެވެ.
ހިކަނދިފަތް ރާއްޖެއަށް ތަޢާރަފްވެފައިވަނީ އިންޑިއާ ނުވަތަ ސްރީލަންކާއިން ކަމަށް ލަފާ ކުރެވެއެވެ. މިއީ ދިގުމިނުގައި 4-6 މީޓަރަށް ހެދޭ މީރުވަސްދުވާ ގަހެކެވެ. އޭގެ ފަތުގެ ދިގުމިނުގައި ގާތްގަޑަކަށް 2-4 ސެންޓިމީޓަރ ހުރެއެވެ. ފުޅާމިނުގައި 1-2 ސެންޓީމީޓަރ ހުރެއެވެ. ކޮންމެ ފަތްކޯޅިއެއްގައިވެސް ގާތްގަނޑަކަށް 11-21 ފަތް ހުރެއެވެ. މިގަހުގެ އޮށަކީ ވިހައެއް ކަމަށް ވެއެވެ.
ކާނާގެ ބައިތައް އެކުލެވިގެންވާ މިންވަރު (100ގްރާމްގައި)
ގާތްގަނޑަކަށް 66.3 ޕަސެންޓް ތެތްކަން،6.1ޕަސެންޓް ޕްރޮޓީންސް، ކާބޯހައިޑްރޭޓްސް 18.7 ޕަސެންޓް، 6.4 ޕަސެންޓް ފައިބަރ، އަދި 4.2 ޕަސެންޓް މިނަރެލްސް ހުރެއެވެ. މިއީ ވިޓަމިންއާއި މިނެރަލްސް (މައުދަން) ފޮސްފަރަސް، ދަގަނޑުގެ ބައި، ނިކޮޓިނިކް އެސިޑް އަދި ވިޓަމިން ސީ މުއްސަދި އެއްޗެކެވެ.
މާބަނޑު ދުވަސްވަރު ހޮޑުލުން
އޮލަވާވަރަށް ހިކަނދިފަތް ފުޑާފައި (ޕޭސްޓް ގޮތަށް) ރަހަ މީރުވަރަކަށް ލުބޯހުތް ފޮދަކާއި، މާމުއި އަދި ހަކުރު ކޮޅެއް އެއްކުރުމަށްފަހު ބޭނުން ކުރުމަކީ އޭގެ ފައިދާ ލިބޭ ކަމެކެވެ. އެއީ އަޖުމަ ބެލިފައިވާ ކަމެއް ކަމަށް ވެއެވެ. އަދި މިއީ ހޮޑުލަވާގޮތް ނުވަތަ މޭނުބައި ކުރުން ހުއްޓުވުމަށް ބޭނުން ކުރާ އެއްޗެކެވެ.
ހެއަ ޓޮނިކް/އިސްތަށި ފޭބުމަށް
ހިކަނދިފަތަކީ އިސްތަށިބުޑަށް އާރޯކަންގެނެސް އިސްތަށިގަނޑަށް އާ ދިރުމެއް ގެނެސްދޭ އެއްޗެކެވެ. ވިއްސަކަށް ހިކަނދިފަތް ޖޯޑެއްގެ ކާށިތެލަށް ލައިގެން ފަތުގެ ކުލަ ކަޅުވަންދެން މަޑުގިނީގައި ކައްކާށެވެ. ތައްޔާރު ކުރެވުނު ތެޔޮ ހަފްތާއަކު 2 ނުވަތަ 3 ފަހަރު ބޮލުގައިލާށެވެ. މިއިން ބޮލުގެ އިސްތަށި ފެޅުމަށާއި ކުލަމަރުވާގޮތްވުމުން ރައްކާތެރިކޮށްދޭނެއެވެ.
ހަކުރު ބަލި
ސައިންޓިސްޓުން ދަނީ އެއްދުވަހުން އަނެއްދުވަހަށް މި ފަތާ ބެހޭގޮތުން ހޯދުންތައް ހޯދަމުންނެވެ. މިގޮތުން ހިކަނދިފަތުގައި ސްޓާޗް ގުލުކޯޒަށް ބަދަލުވުން ލަސްކޮށްދޭ ބާރެއްވާ ކަމުގައި ހޯދިފައިވެއެވެ.
ލޭހިނގާ ނިޒާމަށް ގުލުކޯޒް ދާވަރު ހިކަނދިފަތުން ކޮންޓްރޯލް ކޮށްދެއެވެ. ރިސާޗެއް ދައްކާގޮތުން ތާޒާ ބޮޑު 8 ނުވަތަ 10 ހިކަނދިފަތުން ޕޭސްޓް ހެދުމަށްފަހު 3 މަސް ވަންދެން ހެނދުނު ހުސްބަޑާ ބޭނުން ކުރުމުން ހަކުރުބަލި (އިންސިއުލިން ނުޖަހާ ވައްތަރު) ކޮންޓްރޯލް ކޮށްދެއެވެ. ބޭނުންނަމަ ޕޭސްޓްގޮތަށް ނަހަދާވެސް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ބަރުދަން ލުއިކޮށްދޭ މާއްދާއެއްވެސް ހިކަނދިފަތުގައި ވެއެވެ.
އަނގަ ދޮވުމަށް
ހިކަނދިފަތަކީ އަނގައިގެ ޞިއްޙަތު ރަނގަޅުގޮތުގައި ދަމަހައްޓާދޭ ގިނަމާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. 2 ނުވަތަ 4 ފަތް އަނގަޔަށް ލައިގެ ހެފުމަށްފަހު 10 އާއި 15 މިލިލީޓަރ ފެނުން 5 މިނެޓާއި 7 މިނެޓާ ދެމެދު އަގަ ދޮވުމަކީ ފައިދާހުރި ކަމެކެވެ. އަދި އަނގައިން ނުބައިވަސް ދުވުމުން ރައްކާތެރި ވުމަށް މިގޮތުން އެހީތެރިވެދެއެވެ.
ހަށިގަނޑު ލުއިކުރުމާއި ސަރުބީ ދަށްކުރުން
ހަށިގަނޑުގެ ސަރުބީތައް ބޭރުކޮށްލުމަށް ހިކަނދިފަތް އެހީތެރިވެއެވެ. މީގެއެހީގައި ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ކޮލެސްޓްރޯލް މަދުކޮށްދެއެވެ. މާފަލަކޮށް ތިބޭ މީހުންނަށް މިއީ ރަނގަޅު އެއްޗެކެވެ. ކެއުމުގައި ޞިއްޙީގޮތުން ރަނގަޅު އާދަކާދަތައް ގެންގުޅުމާއި ކަސްރަތުން ހަށިގަނޑު ލުއިކޮށްލެވިދާނެއެވެ. ބޮޑު ހިކަނދިފަތުގެ ފަތް ނުވަތަ 12 ކޮންމެ ދުވަހެއްގެ ހެނދުނު 3-4 މަސްވަންދެން ކެއުމުން ބަރުދަން ލުއިވުމަށް އެހީތެރިވެދެއެވެ.
ފާރުގަނޑު، ސޫފާސޫފި ހެފުމުން
ފާރުވެފައިވާ ތަންތަނުގައި ހިކަނދިފަތް ޗަސްކޮށްފައި އެޅުމުން ފާރުކޮޅު ރަނގަޅުވުމާއި އިތުރަށް ގިރައިގެން ދިއުމުން ރައްކާތެރި ކޮށްދެއެވެ. އަދި ހިކަނދިގަހުގެ މޭވާ ކުޑަލުބޯހުތް ފޮދަކާ އެއްކުރުމަށްފަހު ވިހަވާ ތަންތަނުގައި އަދި ސޫފާސޫފި ހަފާ ތަންތަނުގައި ހާކާލާށެވެ.
ބޭރަށް ހިންގުން
ބޭރަށް ހިންގާނަމަ ހިކަނދިފަތް ބޭނުން ކޮށްގެން ފަރުވާ ލިބިގަނެވިދާނެއެވެ. މި ގޮތުން ހިކަނދިފަތް ރޮލާ ނުވަތަ ޖޫސްގޮތަށް ތައްޔާރުކޮށްގެން ވެސް ބޭނުން ކުރެވިދާނެއެވެ.
ކެންސަރުން ރައްކާތެރިވުމަށް
ހިކަނދިފަތުގައި ކެންސަރ ސެލް މަރާލާ ކެންސަރުން ރައްކާތެރިވުމަށް ބޭނުންވާ މާއްދާތަކެއް އެކުލެވިގެން ވެއެވެ. މިގޮތުން ލޭގެ ކެންސަރ (ލިއުކީމިއާ)، ޕްރޮސްޓޭޓް ކެންސަރ، ހަޖަމް ކުރުމުގެ ނިޒާމްގެ ކެންސަރ، އުރަމަތީ ކެންސަރ، ގޮހޮރުގެ ކެންސަރ ފަދަ ކެންސަރަށް ފަރުވާ ހޯދޭނެކަން ގިނަ ހޯދުންތަކުން ހޯދިފައިވެއެވެ.
ހަޖަމްކުރުމުގެ ނިޒާމުގެ ބަލިތަކަށް
ހަޖަމް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހިކަނދިފަތުގެ ބޭނުން ހިފިދާނެއެވެ. މިގޮތުން ހިކަނދިފަތުން ޖޫހެއް ތައްޔާރު ކޮށްގެން ބޭނުން ކުރެވިދާނެއެވެ. މި ޖޫސް ތައްޔާރު ކުރާއިރު ރަހަމީރުކޮށްލުމަށްޓަކައި ލުބޯހުތްކޮޅެއް ފިތާލާށެވެ. މީގެ އިތުރުން ހިކަނދިފަތް ޕޭސްޓް ގޮތަށް ފުޑާފައި ބަޓަރ މިލްކާ އެއްކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާ ބޭނުން ކޮށްލާށެވެ.
ކިޔުންތެރިންގެ ހިޔާލު