އިނގުރާއި އޭގެ ފައިދާ
އިނގުރަކީ އޭގެ ރަހައާއި ޞިއްޙީގޮތުން ލިބޭ ފައިދާގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް މަޝްހޫރު އެއްޗެކެވެ.
ތާރީޚް ހެކިދޭގޮތުގައި އިހުޒަމާނުގައި ރޯމަންގައި ވަރަށް އަގުބޮޑު އެއްޗެއްގެ ގޮތުގައި އިނގުރު ހައްދާފައިވެއެވެ. އަދި ރޯމަން އެމްޕަޔަރގެ ވެރިކަމަށްފަހު އަލުން އިނގުރު ހޯދާފައިވަނީ މީލާދީން ފުރަތަމަ ގަރުނު ތެރޭގައި ޔޫރަޕްގައި ކަމަށް ހޯދިފައިވެއެވެ. ނަމަވެސް އިންޑިއާގެ ފޮތްތަކުގައި ލިޔެފައިވާ ގޮތުގައި އިނގުރަކީ އިންޑިއާއިން ފެނި އަދި މިހާރު ޗައިނާއާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި ހައްދާ އެއްޗެކެވެ. މިހާރު ދުނިޔޭގައި އެންމެ ގިނައަދަދަކަށް އިނގުރު ހައްދަނީ އިންޑިއާގައެވެ.
ކުޑަކުދިންގެ މެދުގައި މަޝްހޫރު ޖިންޖަރބްރެޑްމޭންގެ އަކީ 16ވަނަ ގަރުނުގެ ތެރޭގައި ކުއީން އެލިޒަބަތް1 އުފައްދާ ތައްޔާރުކޮށްފައިވާ މަގްބޫލް ކެއުމެކެވެ. ބަލިތަކުން ދިފާޢުވުމަށާއި ފަރުވާކުރުމަށާއި ބޮޑެތި ބަލިތަކަށްވެސް ފަރުވާ ކުރުމަށްޓަކައި ދެހާސް އަހަރަށްވުރެ ދިގު ތާރީޚެއްގައި ޗައިނާމީހުން އިނގުރުބޭނުން ކޮށްފައިވެއެވެ. އިނގުރުން ހިތުގެ ބަލިތަކާއި ރާއްޖެބަލި، މައިގްރޭން، ޑިޕްރެޝަން ފަދަ މައްސަލަތައް ޙައްލުކޮށްދޭ ގޮތާއި ޙައްލުކޮށްދޭ މިންވަރު ދެނެގަތުމަށްޓަކައި އިތުރު ދިރާސާތައް މިހާރުވެސް އެބަ ކުރިއަށްދެއެވެ.
އިނގުރުގައިވާ ޒިންޖެރޯން ((zingerone، ޝޯގައޮލް ((shogaol އަދި ޖިންޖެރޯލް (gingerol) ފަދަ މާއްދާތައް އެކުވެގެން މީރުވަހާއި ރަހައެއް ގެނެސްދެއެވެ. މިދެންނެވި މާއްދާ އަކީ އިނގުރުގަނޑެއްގެ ބުރަދަނުގެ އެކެއް ނުވަތަ ދެ ޕަސެންޓް ހިއްސާވާ ތެޔޮ ފާޑަކަށް ހުންނަ މާއްދާތަކެކެވެ. ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އިނގުރުގައި ތަދުކަނޑުވުމަށާއި، ނިންދެވުމަށާއި ހުންއައުމާއި، ޖަރާސީމްތަކުން ރައްކާތެރިކޮށްދިނުމަށް ބޭނުންވާ މާއްދާ އެކުލެވިފައިވެއެވެ. އަދި ހިކަނދީގައި ހެދި ދިރާސާއަކުން ހަމުގެ ކެންސަރުން ސަލާމަތް ކޮށްދޭކަމަށް ދައްކާފައި ވެއެވެ. އަދި ޖިންޖެރޯލްއަކީ އަންހެނާގެ ބިސްރަވަ (Ovary) ގެ ކެންސަރު ސެލް މަރާލުމުގެ ގާބިލްކަން ލިބިގެންބާ މާއްދާއެކެވެ.
ނިއުޓްރިޝަން އާއި އިނގުރު
ހަށިގަނޑަށް ކެލްސިއަމް ބޭނުންކުރުމުގައި އެހީތެރިވެދެއެވެ. ހަންގަނޑު، އިސްތަށިގަނޑު، ދަތް، ނިޔަފަތި އޮމާންކޮށް، އޮފްކޮށް ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ އެއް މާއްދާ ކަމުގައިވާ ސިލިކޯން ހިމެނެއެވެ.ބަލިތަކުން ދިފާޢުވުމާއި ހިތާއި ލޭ ހޮޅިތައް ރައްކާތެރިކުރުމަށް މެގްނީޒިއަމް އެހީތެރިވެދެއެވެ. މީގެ އިތުރުން ވިޓަމިން އޭ،ސީ،އީ،ބީ ކޮމްޕްލެކްސް، ފޮސްފަރަސް،ސޯޑިއަމް، އަޔަން، ޒިންކް، ބީޓާ ކެރޮޓީން ހިމެނެއެވެ.
ހަށިގަނޑުގެ ނިޒާމްތަކާއި އިނގުރުގެ ފައިދާ
ދިފާޢީ ނިޒާމް އަދި އިނގުރު
ބާރުގަދަ އެންޓިއޮކްސިޑެންޓެއް (އެންޓިއޮކްސިޑަންޓާބެހޭ މަޢުލޫމާތު ޖުލައި 2010ގެ "އެހީ"ގައި)
ދެ ވައްތަރެއްގެ ގުދުރަތީ އެންޓިބައޮޓިކެއް އިނގުރުން ހޯދިފައިވެއެވެ.ޕެރަސައިޓާއި އޭގެ ބިސް ނައްތާލުމަށް އިނގުރުގައިވާ ޒިންޖިބައިން އެހީތެރިވެއެވެ.އިނގުރުގެ ސަބަބުން 5-LO (އެލްއޯ-5) އެންޒައިމްގެ މަސައްކަތް ލަސްކޮށް ޕްރޮސްޓޭޓް ކެންސަރ ސެލް މަރުވުމަށް އެހީތެރިވެދެއެވެ.
ބަނޑުހަރުވުމާ ގުޅޭ ކެންސަރއިން ރައްކާތެރިވުމަށް ބޭނުންތެރި އެއްޗެކެވެ.ފުއްޕާމޭ، ބްރެސްޓް ކާސިނޯމާ، ގޭސްޓްރިކް އަދި ގޮހޮރު، ކެންސަރ ސެލް މަރުވުމަށް ނުވަތަ ބަލިކަށި ކުރުމަށް އެހީތެރިވެއެވެ.
ލޭ ދައުރުކުރާ ނިޒާމާއި އިނގުރުލޭގެ ހިނގުން ރަނގަޅު ކޮށްދެއެވެ.ލޭ އޮލަވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ މާއްދާ އެކުލެވިގެންވެއެވެ.ލޭގެ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ.ލޭ ސާފު ކޮށްދެއެވެ.ލޭ ގަނޑުވުމުން ރައްކާތެރި ކުރުމަށް އެހީތެރިވެއެވެ.ލޭމައްޗަށް ދާ މީހުންގެ ލޭގެ ޕްރެޝަރ ހަމަޔަށް އެޅުވުމަށް އެހީތެރިވެއެވެ.
ހަޖަމްކުރުމުގެ ނިޒާމާއި އިނގުރު
އިނގުރުން ގޮހޮރު ސާފުކޮށްދީ ވައިގެ އުނދަގުލުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ހަޖަމުކުރުމުގައި ދިމާވާ އުނދަގޫތައް ދުރުކޮށްދެއެވެ. މީގެ އިތުރަށް އިނގުރަކީ މޭނުބައި ކުރުމާއި ހޮޑުލެވޭ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ. މީގެއިތުރަށް ހަޖަމް ކުރުމަށްޓަކައި އުފައްދާ ޑައިޖަސްޓިވް ޖޫސް އުފެއްދުމުގައި އެހީތެރިވެދީ ބޮޑުކަމު ދިއުމުގެ މައްސަލަތައް ހައްލު ކުރުމުގައި އެހީތެރިވެ ބަނޑުގައި ރިއްސުމާއި އަކުނިވަޔަށް ދެމުންފަދަ އުނދަގޫތައް ކުޑަކޮށް ދެއެވެ.
ކަށިތަކާއި މަސްތަކުގެ ނިޒާމަށް
ކަށިތަކާއި މަސްތަކުގެ ދުޅަހެޔޮ ކަމަށްޓަކައި އަދި ހުޅުހުޅުގައި ރިއްސުންފަދަ ތަކްލީފް ތަކަށް އިނގުރަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިނގުރުގައިވާ ޖިންޖެރޯލް އަދި ޒިންޖިބައިން އަކީ ދުޅަވުމަށާއި ތަދުތަކަށް ހާއްސަ މާއްދާއެކެވެ. މީމާއްދާ ތަކުގެ ބޭނުން ހުޅުހުޅުގައި ރިއްސުން، އާތުރައިޓިސް ފަދަ ކަންކަމަށް ބޭނުން ކުރެއެވެ. މީގެ އިތުރުންވެސް އިނގުރަކީ އޮސްޓިއޯ އާތުރައިޓިސް ފަދަ ހުޅުހުޅުގެ ބަލިތަކަށް ތަދުކަނޑުވާ ބޭހަށްވުރެ ފައިދާބޮޑު އެއްޗެއް ކަމުގައި ވަރަށް ގިނަ ސައިންޓިފިކް ހޯދުންތަކުން ދައްކާފައިވެއެވެ. މިގޮތުން އިނގުރު ޕޭސްޓް ހޫނުކަންމަތީ ރީނދޫކޮޅަކާއެކީ ތަދުވާތަނެއްގައި ދުވާލަކު ދެއިރު އަޅާލައިގެން ފަރުވާ ލިބިގަންނާށެވެ.
ހަށިގަނޑުގެ އެހެނިހެން ނިޒާމްތަކާއި އިނގުރު
ފުއްޕާމޭ: ފުއްޕާމޭގެ މައްސަލަތަކުން ދިފާޢުވުމަށް އެހީތެރިވޭ އަދި ނޭވާހިއްލާބަލީގެ ތަކްލީފްތައް ފަސޭހަ ކޮށްދެއެވެ.ބޮލުގައި ރިއްސުން ރަނގަޅު ކޮށްދެއެވެ.
ސިއްޙީ މައްސަލަތަކަށް އިނގުރުގެ ފަރުވާ
ޕީރިއަޑް ދުވަސްވަރު އަކުނިވަޔަށް ދެމުން އަދި ޕީރިއަޑްވުމަށް ބަދަލްއައިސްފައިވުން
ޕީރިއަޑް ދުވަސްވަރާ ގުޅިގެން އަކުނިވަޔަށް ދެމުމާއި ތަދުވުން އަދި ހުންއައުން ފަދަ ކަންތައްތައް ގިނަފަހަރު ދިމާވަނީ ޕްރޮސްޓަރގްލޭންޑިން އޭ ކިޔުނު ހޯމޯން އަކުންނެވެ. ސައިންޓިސްޓުން ގަބޫލްކުރާ ގޮތުގައި ޕީރިއަޑް ދުވަސްވަރު އަކުނިވަޔަށް ދެމުން އިތުރުވުމަށް ޕްރޮސްޓަރގްލޭންޑިން މުހިއްމު ރޯލެއް ކުޅެއެވެ. އެހެން ކަމުން ޕީރިއަޑް ދުވަސްވަރު އިނގުރު ބޭނުން ކުރުމަކީ ދެންނެވުނު އަލާމާތަށް ހައްލު ގެނެސްދޭ ކަމެކެވެ. އެދުވަސްވަރު އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގައިވާ ޕްރޮސްޓަރގްލޭންޑިންގެ މިންވަރު ދައްކޮށްދޭ ކަމަށް އެނގިފައިވެއެވެ. އިނގުރުކޮޅެއް ޖޯޑެއްގެ ފެނުގައި އިރުކޮޅަކު ކެއްކުމަށްފަހު ފޮނިކޮށްގެން ތިންއިރުއިރަކު ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ޕީރިއަޑްވާންޖެހޭ ގަވާއިދަށް ބަދަލުއައިސްފައިވުމާއި ތަދުވުން ރަނގަޅު ކޮށްދެއެވެ.
ހުންއައުން
ހުންއައުމާއި ބޮލުގައި ރިއްސުން އަދި އަކުނިވަޔަށްދެމުން ފަދަ ހުންއައުމާ ގުޅުންހުރި ކަންތައްތަކަށް އިނގުރުގެ ފަރުވާއަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގައި މަޝްހޫރުކަން ލިބިފައިވާ ފަރުވާއެކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި އެކުލެވިގެންވާ ވައިޓް ސެލް ހަލާކުވުމުގެ ފުރުސަތު އިނގުރު ބޭނުން ކުރުމުން ކުޑަކޮށްދެއެވެ.
ހާސްވެ ކަންބޮޑުވުން
އިނގުރު ތެލުގައި ހަށިގަނޑަށާއި ވިސްނުމަށް އަރާމްކަން ގެނެސްދޭ މާއްދާއެއް އެކުލެވިގެންވެއެވެ. މިގޮތުން މި ތެޔޮ ބޭނުންކުރުމުން ހާސްވެ ކަންބޮޑުވުމާ ގުޅުންހުރި ގިނަކަންތައްތައް ރަނގަޅު ކޮށްދެއެވެ.ހާސްވެ ކަންބޮޑުވުން ދިގުލާގޮސް ދިމާވާ ޑިޕްރެޝަންގެ މައްސަލަތަކަށް ވެސް ހައްލު ހޯދުމުގައި އިނގުރު އެހީތެރިވެދެއެވެ.
ހޮޑު ލެވުމާއި މޭނުބައިކުރުން
މާބަނޑު މީހުންނަށް ދިމާވާ ހެނދުނު ހޮޑުލުމުގެ މައްސަލައާއި ކަނޑު ދަތުރުފަތުރު ކުރާއިރު ދިމާވާ ހޮޑުލުމުގެ މައްސަލައާއި ބޭސް ފަރުވާގެ ސަބަބުން ދިމާވާ ހޮޑުގެ މައްސަލަތަކަށް އިނގުރަކީ ވަރަށް ފައިދާ ހުރި އެއްޗެއް ކަމުގައި ވަރަށް ގިނަ ދިރާސާ ތަކަކުން ދައްކާފައި ވެއެވެ. އިނގުރަކީ މާބަނޑު ދުވަސްވަރު މޭނުބައި ކުރުމުން ބޭނުން ކުރެވިދާނެ ރައްކާތެރި އެއްޗެކެވެ.
މަތިންދާބޯޓުފަހަރާއި، ކަނޑުމަގުންކުރާ ދަތުރުތަކަށް ތައްޔާރު ވުމުގެ ގޮތުން އިނގުރު ބޭނުން ކުރުމުންވެސް ދަތުރުމަތީގައި ހޮޑުލުން މަދުވާނެއެވެ. މިކަމަށްޓަކައި ދަތުރު ކުރުމުގެ ބައިގަޑިއިރު ކުރިންއިނގުރު ސައިބޭނުން ކޮށްލާށެވެ.
ހިތުގެ ބަލިތަކަށް
އިތުރު ހޯދުންތައް ކުރިޔަށް ދާތީ އިނގުރުން ހިތުގެ ބަލިތަކުން ސަލާމަތްވާ ގޮތްތައް ސީދާ ހޯދިފައި ނުވިނަމަވެސް އިނގުރުން ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި ލޭގަނޑުވުމުން ރައްކާތެރި ކޮށްދޭކަމަށް ހޯދިފައިވެއެވެ. މީގެ ސަބަބުން ނާރުތައް ބެދުމާއި ހަލާކުވުމުން ރައްކާތެރިވުމުގައި އެހީތެރިވެ، ހިތް ހުއްޓުން މެދުވެރިވާ އެއްސަބަބު ކަމުގައިވާ އެތެރޯސްކްލެރޯސިސް (atherosclerosis) ފަދަ ލޭގަނޑުވުމާއި ނާރުތައް ބެދުމުން ދިމާވާ މައްސަލަތައް ހައްލުވެއެވެ.
ބޭރަށް ހިންގުން
ބޭރަށް ހިންގާނަމަ އިނގުރު ބޭނުން ކޮށްގެން ފަރުވާ ހޯދިދާނެއެވެ. ޗައިނާގައި އިނގުރު ޕައުޑަރ ބޭނުން ކޮށްގެން ބޭރަށް ހިންގުން ރަނގަޅުކޮށްއުޅެއެވެ. އަދި ސައިންސްގެ އަލީގައި މިކަންވަނީ ސާބިތުކޮށްފައެވެ. އިނގުރުގައިވާ ޒިންޖެރޯންއަކީ ބޭރަށް ހިނގުމަށް މެދުވެރިވާ އެސްޗެރިޗިއާ ކޯލައި (Escherichia coli) އާއި އިދިކޮޅަށް މަސައްކަތްކުރާ މާއްދާއެކެވެ. މީގެ އިތުރުން އިނގުރަކީ ބަނޑުގައިރިހުމާއި ވައިގެ އުނދަގޫވެސް ފިލުވައިދޭ އެއްޗެކެވެ.
ޖިންސީ ދުޅަހެޔޮކަން
މިއީ ޖިންސީ ދުޅަހެޔޮ ކަމަށްޓަކައި ޒަމާނުއްސުރެވެސްބޭނުން ކުރަމުން އަންނަ ވަރަށް މަޝްހޫރު ކެއުމުގެ ބާވަތެކެވެ.މިއީ ޖިންސީ ގުޅުން ވަރުގަދަކޮށް ބޭނުންވުން ނުވަތަ އެދުންއިތުރު ކޮށްދޭ ދުނިޔޭގެ ތާރީޚްގައިވެސް ވަރަށް ޚާއްސަގަދަރެއް ދެވިފައިވާ އެއްޗެކެވެ. އަދި ލޭހޮޅިތައް ސާފުވުމާއި ހޮޅިތަކަށް ލޭ ދައުރުވުން އިތުކޮށްދެއެވެ. މިގޮތުން މީލާދީން 500 އަހަރު ކުރިންވެސް ޖިންސީ ދުޅަހެޔޮ ކަމަށްޓަކައި އަންހެނުންނާއި ފިރިހެނުންވެސް މި ބޭނުން ކުރަމުން އައިސްފައިވެއެވެ. މިކަމަށްޓަކައި ބައިސަމުސާ އިނގުރު ދިޔަ އަދި މާމުއި ދެބައިކުޅަ އެއްބަޔަށް ކެކިފައިފާ ބިހަކާއި އެއްކޮށްގެން އެއްމަސްވަންދެން ކޮންމެރެޔަކު އެއްފަހަރު ބޭނުންކޮށްލާށެވެ. މިބޭނުން ކުރުމުން ބާރުގަދަވުމާއި ލަސްކޮށްދިނުމާއި ސްޕާމްގެ މިންވަރު އިތުކޮށްދިނުންފަދަ ފަރުވާ ލިބިދެއެވެ.
ލޭ މައްޗަށް ދިއުން ( ލޭގެ ޕްރެޝަރ) ދަށްކުރުމަށް
ލޭހޮޅިތަކުގެ ވަށައިގެންވާ މަސްތަކަށް އަރާމްކަމެއް ގެނެސްދީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލޭ ގެންގޮސްދިނުމުގައި ފަސޭހަ ކޮށްދެއެވެ. އިނގުރަކީ ހަށިގަނޑުން އެލް.ޑީ.އެލް ނުވަތަ ނުރަނގަޅު ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށް ލޭމައްޗަށް ދިއުން ނުވަތަ ލޭގެ ޕްރެޝަރ ދަށްކުރުމަށް އެހީތެރިވެއެވެ.
އަރިދަފުސް ރޯގާ
އިނގުރަކީ ދިފާޢީ ނިޒާމް ވަރުގަދަކުރާ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މިހެންކަމުން އަރިދަފުސް ރޯގާ ފަދަ ވައިރަސް އިން ދިމާވާ މައްސަލަތަކަށް ފަރުވާ ހޯދުމުގައިވެސް އިނގުރަކީ މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. ސައިސަމުސަލެއްގެ އިނގުރު، ތައްޓެއްގެ ހަތަރުބައިކުޅަ އެއްބައި ފެނުގައި ކެއްކުމަށްފަހު އެއިން އާވިއަރުވައިގެން ރޯގާއަށް ފަރުވާ ހޯދިދާނެއެވެ. އަދި އިނގުރުކޮޅެއް ޖޯޑެއްގެ ފެނުގައި ކެއްކުމަށްފަހު ފުރާނާލައިގެން ބައިސަމުސާ ހަކުރު އެއްކުރުމަށްފަހު ހޫނުކަންމަތީ ބުއިމުންވެސް ރޯގާ އަށް ފަރުވާ ލިބިދެއެވެ.
އިނގުރު ބޭނުން ކޮށްގެން ގޭގައި ދެވިދާނެ ބައެއް ފަރުވާ
ކަރުގައި ރިއްސުން
ފެންފޮދަކަށް ކުޑަ ފޮނިތޮށި ކޮޅަކާއި އިނގުރުކޮޅެއް ލައިގެ ކައްކާލާށެވެ. ކައްކާ ނިމުމުން ސައިސަމުސަލެއްގެ މާމުއި އެއްކޮއްލުމަށްފަހު ބޭނުން ކުރާށެވެ.
ކެއްސުން
ބައިސަމުސާ އިނގުރު ޕައުޑަރ ޖޯޑެއްގެ ފެނުގައި ކެއްކުމަށްފަހުދެއިނގިލިން ހިފޭވަރުގެ ކަރަންފޫ އަދި ފޮނިތޮށި ޕައުޑަރކޮޅެއްއެއްކޮށްލުމަށްފަހު ކުޑަކޮށް ހިހޫވެލުމުން ރަހަމީރުވާ ވަރަށް މާމުއިއެއްކޮށްލުމަށްފަހު ތިންއިރު ނުވަތަ ހަތަރުއިރު ބޭނުންކުރާށެވެ.
ބޮލުގައި ރިހުން
ސަމްސަލެއްގެ ދެބައިކުޅަ އެއްބައި އިނގުރު ޕޭސްޓް ފެންފޮދަކާ އެއްކުރުމަށްފަހު ނިތްކުރީގައި ހާކާލާފައި ބަހައްޓާށެވެ.
އިނގުރު ބޮނޑިތާންއިނގުރުން ބޮނޑިތާން ކުރުމުން ލޭދައުރުކުރުން ރަނގަޅުވެ، ހަށިގަނޑަށް އެތެރެވާ ވިހަ މާއްދާތަކާއި ހޮޅިތަކުގައި ހިފާފައިވާ މާއްދާތަކުން ސަލާމަތް ކުރުމަށްޓަކައި އެހީތެރިވެދޭނެއެވެ. މީގެ ތެރޭގައި ސިސްޓް އަދި ޓިއުމާރ އުފެދުމަށްވެސް ހުރަސްއަޅާ ކަމަށްވެއެވެ. މިގޮތުން ހިމުންކޮށް ގާނާފައިވާ މުށެއްގެ އިނގުރު ތުނިފޮތި ކޮޅަކަށް ލުމަށްފަހު ތިނެއް ނުވަތަ ހަތަރު ލީޓަރު ހޫނުފެނަށް ފެލާލާށެވެ. އަދި ހޫނުކަންމަތީ ތުވާލިގަނޑަކުން ބޭނުންވާ ތަނެއް ނުވަތަ ތަދުވާ ތަނެއް ބޮޑިތާންކުރާށެވެ.
މާމުއި ލުނބޯ އިނގުރު ސައިބޭނުންވާ ތަކެތި1 ސައިސަމުސާ ގާނާފައިވާ އިނގުރު1 ސައިސަމުސާ ލުނބޯޖޫސް1 ސައިސަމުސާ ނުވަތަ ރަހަމީރު ވަރަކަށް މާމުއި
ތައްޔާރުކުރާނެގޮތް:
1 ތަށިފެނުގައި އިނގުރުކޮޅު 3މިނެޓްވަންދެން ކައްކާލާށެވެ. ލުނބޯ ޖޫސް މާމުޔާ އެއްކޮށްލުމަށްފަހު ކައްކާފައިވާ އިނގުރުފެން ކުޑަކޮށް ހިހޫވެލުމުން އެއްކޮށްލާށެވެ.
ބައެއް ގައުމު ތަކުގައި އިނގުރު ބޭނުންކުރާ ބައެއް ގޮތްތައް
ބަރުމާގައި އިނގުރު ދިޔާހަކުރާއި އެކު ކައްކައިގެން ހުން މަޑުކުރަން ބޭނުންކުރެއެވެ.
ޗައިނާގައި އިނގުރު ވަރަށްގިނަ ގޮތްގޮތަށް ބޭނުންކުރެއެވެ. މިގޮތުން އިނގުރު ފޮތިފޮތްޗަށް ކޮށާލައިގެން ފެނުގައި ހަކުރުކޮޅަކާއެކު ނުވަތަ ކޯލާއާއެކު ކެއްކުމަށްފަހު އަރިދަފުސް ރޯގާއިން ދިފާޢުވުމަށް ބޭނުންކުރެއެވެ.
އިންޑިއާގައި އިނގުރު ޕޭސްޓް ބޮލުގައި ވަށައިގެން ބޮލުގެ ރިހުން ކަނޑުވައެވެ.
ފިލިޕީންސްގައި އިނގުރު ކުދިކޮށްކޮށާފައި ހަކުރުކޮޅަކާއި އެކު ފެނުގައި ކައްކައިގެން ކަރުގައި ރިއްސުމަށް ބުއިމެއް ތައްޔާރު ކުރެއެވެ.
ފިތުގައިއުފެދޭ ހިލަ (gallstone) އުފެދޭ ނުވަދަ އުފެދިފައިވާ މީހުން އިނގުރު ބޭނުން ކުރުމަކީ ރަނގަޅު ކަމެއްނޫނެވެ.
ނޯޓް: އިނގުރަކީ ގުޅަ ބޭހުގެ ގޮތުގައިވެސް ބާޒާރުންލިބެންހުންނަ އެއްޗެކެވެ. މިފަދަ ގިނަ ބޭހަކީ އޭގައިވާ މާއްދާތައް ގަވާއިދުން ޓެސްޓުކޮށް ބެލިފައިވާ ތަކެއްޗެއް ނޫނެވެ. ވުމާ އެކު މި ފަދަ ބޭސް ބޭނުން ކުރުމުގައި ސަމާލުކަން ދިނުމަކީ އެންމެ ރައްކާތެރިގޮތް ކަމުގައި ފެނެއެވެ.
ކިޔުންތެރިންގެ ހިޔާލު