ވިހި ވަނަ ގަރުނުގެ ފަހުން ފެތުުރުނު އެންމެ ނުރައްކާތެރި ވައިރަސް: އެބޯލާ

އެބޯލާ ފެތުރުމުގެ ފުރުސަތު ކުޑަ - ތަފާސް ހިސާބުތައް
image

އެބޯލާއަކީ މިހާތަނަށް ދުނިޔެއަށް ފެތުރުނު ވައިރަސްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވައިރަސްކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހުން ފަށައިގެން ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އެބޯލާ ވައިރަސް ދަނީ ފެތުރެމުންނެވެ. ފާއިތުވީ އަށް މަސްދުވަހުގެ ތެރޭގައި 2600 މީހުންނަށް އެ ވައިރަސް ޖެހިފައިވެއެވެ.  އެބޯލާއަށް އަދި މިހާތަނަށް އެއްވެސް ފަރުވާލެއް ހޯދިފައެއް ނުވެއެވެ. އެބަލި ފެތުރެނީ ބަލިވެފައިވާ މީހެއްގެ ހަށިގަނޑުން ނުކުންނަ ދިޔަ އެހެން މީހެއްގެ ހަށިގަނޑުގައި އުނގުޅިިގެންނެވެ. މިހެންކަމުން ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަސްތަކަށްވުރެ އެބޯލާ ފެތުރޭ ދުވެލި މަޑެވެ. ނަމަވެސް އެ ވައިރަހުގެ އަސަރު ކުރާ މީހުންގެ ތެރެއިން ގިނަބަޔަކު އަންނަނީ މަރުވަމުންނެވެ. 

ދުނިޔޭގައި 20 ވަނަ ގަރުނުން ފެށިގެން ފެތުރިފައިވާ ނުރައްކާތެރި ވައިރަސްތަކުގެ ތަފާސް ހިސާބުތަކަށް ބަލައިލުމުން ވެސް ބައެއް ވައިރަސްޖެހިގެން ގިނައަދަދެއްގެ މީހުން މަރުވެފައިވާކަނަށް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ވައިރަހުގެ އަސަރުކުރާ މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ އިންސައްތަ އެބޯލާ ޖެހިގެން މަރުވާ މީހުންގެ އިންސައްތައަށްވުރެ އެތައްގުނައެއް މަދެވެ. މިސާލަކަށް 2009 ވަނަ އަހަރު ފެތެރުނު ސުވައިން ފުލޫ ޖެހިގެން މަރުވެފައިވަނީ އެބަލި ޖެހުނު މީހުންގެ ތެރެއިން 0.002 ޕަސަންޓު މީހުންނެވެ. އެހެން ނަމަވެސް 1976 ވަނަ އަހަރު ފެތުރުނު އެބޯލާ ވައިރަސް ޖެހުނު މީހުންގެ 88 މީހުން ވަނީ މަރުވެފައެވެ. 

ތިރީގައި މިވަނީ 20 ވަނަ ގަރުނުން ފެށިގެން ދުނިޔެގައި ފެތުރިފައިވާ ނުރައްކާތެރިވައިރަސްތަކާ އެބަލި ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ތަފާސް ހިސާބުތަކެވެ: 

ސްޕެނިޝް ފްލޫ: މި ބަލި ދުނިޔެއަށް ފެތުރިފައިވަނީ 1918 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ވައިގެ ޒަރިއްޔާއިން ފެތުރިފައިވާ ބައްޔެކެވެ. އެ ބަލީގައި 60 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނަމަވެސް އެއީ އެ ބަލި ޖެހުނު މީހުންގެ 3 ޕަސަންޓު މީހުންނެވެ. 

އެޗްއައިވީ/ އެއިޑްސް: 1981 ވަނަ އަހަރުން ފެށިގެން މި ބަލި އަންނަނީ ފެތުރެމުންނެވެ. މި ބަލީގައި މިހާތަނަށް 36 މިލިއަން މީހުން މަރުވެފައިވެއެވެ. "އެންޓި-ރިޓްރޯވަލް ތެރަޕީ" ދީގެން އެއިޑްސް ޖެހިފައިވާ މީހުން އިތުރަށް ބަލިވިޔަނުދީ ހިފެހެއްޓެއެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން އަދިވެސް އެ ބަލީގައި މަރުވަމުން އަންނަނީ އެމީހުންނަށް އެކަށީގެންވާ ފަރުވާލެއް ނުލިބުމުގެ ސަބަބުންނެވެ. 

އޭޝިއަން ފްލޫ: ދުނިޔެގެ އެކި ކަންކޮޅުތަކުގައި މިބަލި ފެތުރިފައިވަނީ 1957 - 1958 ވަނަ އަހަރަށެވެ. ވައިގެ ޒަރިއްޔާއިން ފެތުރުނު ބަލީގައި ދެ މިލިއަން މީހުން މަރުވެފައިވެއެވެ. ނަމަވެސް އެއީ އެބަލި ޖެހުނު މީހުންގެ 0.2 ޕަސަންޓު މީހުންނެވެ. 

ހޮން ކޮންގް ފްލޫ: މި ވައިރަހަކީވެސް ވައިގެ ޒަރިއްޔާއިން ފެތުރުނު ވައިރަހެކެވެ. އެއް އަަހަރު ދުވަހުގެ ތެރޭގައި އެ ބަލީގައި އެއް މިލިއަން މީހުން މަރުވެފައިވެއެވެ. ނަމަވެސް އެއީ އެބަލި ޖެހުނު މީހުންގެ 0.2 ޕަސަންޓު މީހުންނެވެ. 

ސްވައިން ފްލޫ: މިއީ ފަހުގެ ތާރީހެއްގައި ވައިގެ ޒަރިއްޔާއިން ފެތުރުނު އެންމެ ނުރައްކާތެރި އެއްވައިރަހެވެ. 2009 ވަނަ އަހަރު ފެތުރުނު ވައިރަހުގެ ސަބަބަބުން ދެ ލައްކަ އައްޑިހަ ހަތަރުހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެއީ އެ ބަލި ޖެހުނު މީހުންގެ 0.002 ޕަސަންޓު މީހުންނެވެ. 

ސްމޯލް ޕޮކްސް: 1976 ވަނަ އަހަރު އިންޑިއާގައި ވައިގެ ޒަރިއްޔާއިން ފެތުރުނު ވައިރަހުގެ ސަބަބުން 15 މީހުން މަރުވެފައިވެއެވެ. އެއީ އެބަލި ޖެހުނު މީހުންގެ 24.4 ޕަސަންޓު މީހުންނެވެ. 

ކޮލެރާ: ފަހުގެ ތާރީހެއްގައި ކޮލެރާ ވައިރަސް އެންމެ ފަހުން ފެނިފައިވަނީ 2010 ވަނަ އަހަރު ހެއިޓީންނެވެ. އަދިވެސް މި ވައިރަސް އެ ގައުމުގައި ފެތުރެމުން އެބަދެއެވެ. 2010 ވަނަ އަހަރުން ފެށިގެން އަށްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެއީ އެ ވައިރަސް ޖެހުނު މީހުންގެ 1.22 ޕަަސަންޓު މީހުންނެވެ. 

ޕޯލިއޯ: ޕޯލިއޯ ވައިރަސް އެންމެ ފުރަތަމަފެނިފައިވަނީ 1952 ވަނަ އަހަރު އެމެރިކާއިންނެވެ. އެ ވައިރަސް ޖެހިގެން ތިން ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެއީ ވައިރަސް ޖެހުނު މީހުންގެ 5.46 ޕަސަންޓު މީހުންނެވެ. 

ސާސް: 2002 ވަނަ އަހަރު ވައިގެ ޒަރިއްޔާއިން ފެތުރުނު މި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޗައިނާއަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ވައިރަހުގެ ސަބަބުން 774 މީހުން މަރުވެފައިވެއެވެ. އެއީ ވައިރަސް ޖެހުނު މީހުންގެ 9.56 ޕަސަންޓު މީހުންނެވެ. 

މާރސް:  2012 ވަނަ އަހަރުން ފަށައިގެން މާރސް ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަނީ މެދު އިރުމަތީގެ ގައުމުތަކުގައެވެ. މި ނުރައްކާތެރި ވައިރަހުގައި 291 މީހަކު މަރުވެފައިވެއެވެ. އެއީ ވައިރަސް ޖެހުނު މީހުންގެ 34.77 ޕަސަންޓު މީހުންނެވެ. 

އެބޯލާ: ދުނިޔޭގައި މީގެ ކުރިން ވެސް އެބޯލާ ވައިރަސް ފެތުރިފައިވެއެވެ. އެއީ 1976 ވަނަ އަހަރުއެވެ. އެ ވައިރަސް ޖެހިގެން އެފަަހަރު 280 މީހުން މަރުވެފައިވެއެވެ. އެހެން ނަމަވެސް އެއީ ވައިރަސް ޖެހުނު މީހުންގެ 88 ޕަސަންޓު މީހުންނެވެ. މިއަހަރު އަނެއްކާ އަލުން އެބޯލާ ފެތުރެމުން އަންނައިރު އެ ބަލީގައި މިހާތަނަށް 1145 މީހުން ވަނީ މަރުވެފައެވެ. އެއީ މިއަހަރު އެބަލި ޖެހުނު މީހުންގެ ތެރެއިން 53.8 ޕަސަންޓު މީހުންނެވެ. 

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް