ސިއްހީ ހިދުމަތް ހޯދުން: ރައްޔިތުންނަށް ބޮޑު ތަކުލީފެއް
ސިއްހީ ހިދުމަތަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އެންމެ މުހިންމު އެއް އަސާސީ ހިދުމަތެވެ. މި ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކަކާ ދިމާވުމުގެ ސަބަބުން ސަރުކާރާއި ރައްޔިތުންނާ ދެމެދުގައި އޮންނަ ގުޅުމަށް ނުތަނަވަސްކަން ވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވެސް ވަނީ ސިއްހީ ދާއިރާގައި މައްސަލަތަކެއް ދިމާވަމުން އަންނަކަން ގަބޫލުފުޅުކުރައްވައި އެ ހިދުމަތް ރަނަގޅުކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ސިއްހީ ދާއިރާގެ ކަންކަން ވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގެވުމަށް ނިންމަވައިފައެވެ.
ރައީސް ޔާމީނު ދެކިއްލަވާގޮތުގައި ފާއިތުވީ ތިން އަހަރެއްހައި ދުވަހުގެ ތެރެގައި ސިއްހީ ދާއިރާއަށް އެކަށީގެންވާ މިންވަރަށް ހަރަދުކޮށް އެކަން ބެލެހެއްޓިފައެއްނުވެއެވެ.
"ސިއްހީ ދާއިރާ ވީރާނާވެގެން ދިޔައީ ތަރައްގީއަށް އިސްކަންނުދީ ކަންކަން ކުރިއަށް ގެންދިއުމުން. ސިއްހީ ދާއިރާއަކީ ރައްޔިތުން ވަރަށް ބޮޑަށް ފެންބޮވައިގަނެފައި އޮތް ދާއިރާއެއް. ކުރިން ރަނގަޅަށް އޮތް ނަމަވެސް މިހާރު އެ ދާއިރާ ވަނީ ވަރަށްބޮޑަށް ވީރާނާވެފައި،" ސިއްހީ ދާއިރާގެ ކަންކަންމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ހުރި ހުރިހާ ސަރުކާރު ހޮސްޕިޓަލުތަކަށްވެސް އަންނަނީ ދަތިތަކެއް ދިމާވަމުންނެވެ. މިގޮތުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންދޭ ހިދުމަތްތަކާމެދު ހިތްހަމަނުޖެހި ކުޅުދުއްފުށީ ރައްޔިތުން މުޒާހަރާކޮށްފައިވެއެވެ. މީގެ ދެ އަހަރެއްކުރިން އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑުތައް ފުރިގެން ހޮސްޕިޓަލް ތެރޭގައި ފަތްޖެހިއެނދު ބަހައްޓައިގެން ހިދުމަތް ދީފައިވެއެވެ.
ހޮސްޕިޓަލްތަކަށް ދިމާވާ ދަތިތަކާ، އެ މައްސަލަތައް ހައްލުކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް ސާފުކުރުމުގެ ގޮތުން ހައްދުން މަތީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހުރި މައްސަލަތައް ދިރާސާކޮށްލީމެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ މުޅި ހައްދުންމަތީގެ ހުރިހާ ރައްޔަތިންވެސް ސިއްހީ ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ. ނަމަވެސް ވޭތަވެދިޔަ އަހަރު ތަކުގައި ގަމު ރީޖަނަލް ހޮސްޕިޓަލާއި މެދު ހަރުދަނާ ސިޔާސަތެއް ސަރުކާރުން ގެންގުޅިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެހެނީ ހޮސްޕިޓަލް ތަރައްގީ ވުމުގެ ބަދަލުގައި ފެނިގެން ދިޔައީ ހޮސްޕިޓަލްގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުން ދިޔަ މަންޒަރުކަމަށް އެއަތޮޅު ރައްޔިތުންބުނެއެވެ.
އެކަށީގެންވާ ފެންވަރުގައި ސިއްހީ ހިދުމަތް ނުލިބޭކަމަށް ބުނެ ހޮސްޕިޓަލް ގެ މެނޭޖްމެންޓްއަށް ރައްޔަތުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
"މިރަށު ހޮސްޕިޓަލް ހިންގުމަށް ހެލްތު ވޯކަރެއްގެ މަގާމުގައި ހުރި މީހަކު ސަރުކާރުން އައްޔަނުކުރުމުން ވެސް އެނގިގެންދަނީ ހޮސްޕޮޓަލް ތަރައްގީކުރުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަން،" ގަމު ރައްޔިތަކު ބުންޔެވެ.
ހެލްތް މިިނިސްޓްރީން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލަކީ ގުރޭޑް އެކެއްގެ ފެންވަރުގެ ހޮސްޕިޓަލެއްކަމަށެވެ. ގްރޭޑް އެކެއްގެ ހޮސްޕިޓަލެއްގައި ކުދަކުދިންގެ ޙާއްސަ ޑޮކްޓަރެއްގެ ހިދުމަތާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތާ، ދަތުގެ ފަރުވާ، ކަށީގެ ޙާއްސަ ޑޮކްޓަރެއްގެ ހިދުމަތާ، ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތާ، ކަރުންމަތީގެ ޙައްސަ ޑޮކްޓަރެއްގެ ހިދުމަތާ، އެތެރެހަށީގެ ޑޮކްޓަރެއްގެ ހިދުމަތާ، ނަފްސާނީ ބަލިތަކުގެ ފަރުވާ، ފިޒިއޮތެރަޕީގެ ހިދުމަތާއި، ހޭނައްތާ ޑޮކްޓަރެއްގެ ހިދުމަތާއި، ޖެނަރަލް ސާޖަރީގެ ހިދުމަތާ، ލެބްރަޓޮރީއާއި، އެކްސްރޭގެ ހިދުމަތްތައް ކޮށްމެހެން ލިބެންޖެހޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ގަމު ރީޖަނަލް ހޮސްޕޮޓަލުގައި ކަށީގެ ޙާއްސަ ޑޮކްޓަރަކާއި ހަމުގެ ޙާއްސަ ޑޮކްޓަރަކާއި، ލޮލިގެ ހާއްސަ ޑޮކްޓަރަކާއި، ކަރުންމަތީގެ ހާއްސަ ޑޮކްޓަރެއް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހާހަމައަށް ނެތެވެ. ހަމައެހެންމެ އެކްސްރޭގެ ހިދުމަތް ގަމު ރީޖަނަލް ހޮސްޕިޓަލްއިން ނުދެވުމުގެ އިތުރުން ލެބޯރަޓޮރީގައި ވިޓްރޯސް މެޝިން ހަލާކުވެފައި ހުރުމުގެ ސަބަބުން ލެބޮރަޓޮރީގެ ބައެއް ހިދުމަތްތައް މިހާރުވެސް ނުލިބެއެވެ. ދަތުގެ ފަރުވާގައި ބޭނުންކުރާ ޑެންޓަލް ޗެއަރއެ ހޮސްޕިޓަލަކުނެތެވެ. މީގެ އިތުރުން ދަތުގެ ފަރުވާއަށް ބޭނުންވާ ފިލިންގ މެޓީރިއަލްސް ހުސްވެފައި ވާތީ ދަތުގެ ފަރުވާވެސް އެންމެ އެކަށީގެންވާ ގޮތުގައި އެ ހޮސްޕިޓަލުން ފޯރުކޮށެއްނުދެވެއެވެ. ފިޒީއޮތޮތެރަޕީގެ ހިދުމަތަކީ ލެބްރަޓޮރީގެ ހިދުމަތަކީ ވެސް ހެލްތު މިނިސްޓްރީގެ ގަވައިދު ބުނާގޮތުން ގަމުރީޖަނަލް ހޮސްޕިޓަލްއިން ލިބެންޖެހޭ ހިދުމަތަކެއެވެ. އެެހެންނަމަވެސް ފިޒިއޮތެރަޕީގައި ބޭނުންކުރާ ޓެންސް މެޝިންނާއި ލެބްރަޓޮރީގައި ބޭނުންކުރާ ޑީޓީ މެޝިނުގައި މައްސަލަޖެހިފައި ހުރުމުގެ ސަބަބުން އެ ހިދުމަތްތައް މިހާރު އެހޮސްޕިޓަލަކުން ނުލިބެއެވެ.
ހޮސްޕިޓަލުން ހިދުމަތް ހޯދާ ރައްޔިތުންގެ ފާޑުކިއުންތައް މެނޭޖުމަންޓަށް އަމާޒުވެފައި އޮތް ނަމަވެސް، މި މައްސަލަތަކަކީ ހެލްތު މިނިސްޓްރީ ނުވަތަ ސަރުކާރުގެ އެއްބާރުލުން ލިބިގެން ނޫނީ ހައްލުކުރެވޭނެ މައްސަލަތަކެއްނޫނެވެ.
ގްރޭޑު 1 ގެ ހޮސްޕިޓަލެއް ގަމުގައި ހުރި ނަމަވެސް، އެ ހޮސްޕިޓަލުން އެކަށީގެންވާ ފެންވަރަކަށް ހިދުމަތްތައް ނުލިބޭތީ އެންމެ އާދައިގެ ބަލިތަކުގެ ފަރުވާ ހޯދުމަށް ބޮޑު ތަކުލީފް އުފުލާފައި ހައްދުންމަތީގެ ރައްޔިތުންނަށްޖެހެނީ މާލެއައިސް ފަރުވާހޯދާށެވެ.
"އަޅުގަނޑުމެން އަތޮޅުގައި ރީޖަނަލް ހޮސްޕިޓަލެއް ހުއްޓަސް ލެބޯޓަރީ ޓެސްޓެއް ހަދާލަންވިއަސް، ދަތެއްގަ ރިހުނަސް، އަޅުގަނޑުމެންނަށް މިޖެހެނީ މާލެއަންނަން. މާލެއައިސް އަޅުގަނޑުމެން އުޅެން މިޖެހެނީ ދުވަހު ކުއްޔަށް ބޮޑުއަހުގައި ކޮޓަރި ހިފައިގެން. އެކަމަކު އަޅުގަނޑުމެން އަތޮޅު ގަމަށްގޮސް އެރަށުން ރަހުމަތްތެރިއް ގާތުވެސް ހުރެވިދާނެ. އަދި ކޮޓަރިއެއް ކުއްޔަށް ހިފަންޖެހުނަސް މާލެއަށްވުރެ އަގުހެޔޮވާނެ. ނޫނީ އެރަށުގައި މަޑުނުކޮށް ޓެސްޓު ހަދާލައިގެން ޑޮކްޓަރަށް ދާއްކާލުމަށްފަހު ރަށައްވެސް ދެވިދާނެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްނުލިބޭތީ އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއްކުރަންޖެހޭ،" މުންޑޫ ރައްޔިތަކު ބުންޏެެވެ.
ފޮނަދޫ ރައްޔިތަކު ބުނީ އާސަންދަ ލިބުނަސް މާލެގޮސް ބޮޑު ހަރަދުކޮށްގެން ޑޮކްޓަރަށް ދެއްކުމުން އާސަންދަލިބުމުގެ ބޭނުމެއް ނެތްކަމަށެވެ. "ހުސްނުވާ އާސަންދަ ލިބުނަށް ކޮބާތޯ ބޭނުމަކީ؟ ކޮންމެ ފަހަރަކު މިޖެނީ މާލެދާން. މާލޭގައި ހުރުމަށް ހިނގާ ހަރަދު މާބޮޑު ޑޮކްޓަރަށް ދެއްކުމަށް ސަރުކާރުން ހިލޭ ފޯރުކޮށްދޭ އެހީއަށްވުރެ،"
މިއީ މިއަދު ހަމައެކަނި ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެކަނި ހާލެއްވެސް ނޫނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކުގެ ހާލަތުވެސް އޮތީ އެ ހޮސްޕިޓަލާއި ދާދިއެއް ހާލެއްގައިކަން ފާހަކޮށްލެވެއެވެ. އެ ސަރަހައްދުތަކުގެ ރައްޔިތުންވެސް އުޅެންޖެހިފައިވަނީ މިފަދަ ހާލަތެއްގައެވެ.
މި މައްސަލައިގައި ހެލްތުން ބުނީ ސިއްހީ ހިދުމަތް ރައްޔިތުންނަން ފޯރުކޮށްދިނުމަށް ތަފާތު ގޮންޖެހުންތަކާ އެ މިނިސްޓްރީއަށް ކުރިމަތިވެފައިވާކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުން ނުލިބުމާ، ސިއްޙީ ހިދުމަތް ދޭ މަރުކަޒުތަކަށް ބޭނުންވާމިންވަރަށް ސިއްހީ ހިދުމަތް ފޯރުކުރަން ބޭނުންކުރާ ވަސީލަތްތަކާ (ސިލިންޖު ފަދަތަކެތި)، ރީއޭޖެންޓްސް (ލެބޯޓަރީގައި ބޭނުންކުރާ ކެމިކަލްފަދަ ތަކެތި) އެކަށީގެންވާ މިންވަރަށް ނުލިބޭކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތް ދޭތަންތަން ހިންގާނެ ގާބިލު މީހުން ނުލިބޭ މައްސަލަކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑޮކްޓަރުން ހޯދުމުގައި އެންމެ ބޮޑު ދަތިކަމެއް މިނިސްޓްރީއަށް ކުރިމަތިވެފައިވަނީ މި ސަރަހައްދުގެ ގައުމުތަކުގައި ދޭ އުޖޫރައަށްވުރެ ރާއްޖޭގައި ޑޮކްތަރުންނަން ދޭ އުޖޫރަ ކުޑަކަމެވެ. މިގޮތުން ފާއިތުވި އަހަރާއި މިއަހަރުގައި އެ މިނިސްޓްރީއިން ޑޮކްޓަރުންގެ އުޖޫރަ ބޮޑުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޑޮކްޓަރުން ނުލިބުމުގެ މައްސަލައައް ހައްލެއްލިބިގެންދާނެކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ސަރުކާރުން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ގަމު ހޮސްޕިޓަލްގައި މިމަހު މެދުތެރޭގައި ޑަޔަލިސިސްގެ ޙިދުމަތް ތާރަފްކުރުމަށްވަނީ ނިންމައިފައެވެ. އެހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް ފެށުމަށް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލެކޭ އެއްފަދައިން ސަރުކާރު އެހެން ހޮސްޕިޓަލުތަކުން ހިދުމަތް ހޯދަމުން އަންނަ ރައްޔިތުންނަށްވެސް ވަނީ މިފަދަ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. ބޭސްފަރުވަ ކުރުމަށް ކޮންމެ ފަހަރަކު ރަށުން ފުރައިގެން މާލެއައިސް ރައްޔިތުން އަންނަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. ރައްތިތުންގެ އުންމީދަކީ އެމީހުންނާ ވީހައިވެސް ގާތުން ފުރިހަމަ ސިއްހީ ހިދުމަތްތައް ލިބުގަތުމުގެ ފުރުސަތު އަވަސް މުއްދަތެއްގެ ތެރޭގައި ފަހިވެގެން ދިއުމެވެ.
ކިޔުންތެރިންގެ ހިޔާލު