ޓީޗަރެއްގެ ފަރާތުން ދަރިވަރަކަށް ލިބުނު "އަނިޔާ" -އާއިލާގެ ދުލުން
ރާއްޖޭގެ ސްކޫލުތަކުގައި "ބުލީކުރުމުގެ" (ފުއްރާސަރަކޮށް، ހަޑިހުތުރުބަހުން އެއްޗެހިކިޔުން) ސަގާފަތެއް އަށަގަނެފައިވާކަމީ އެންމެ ދަންނަ ބޮޑު ހަގީގަތެކެވެ. އެހެން ނަމަވެސް އެފަދަ ހާދިސާތައް އާންމުންގެ ތެރެއަށް އަންނަނީ މަދުފަހަރެކެވެ.
ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ދައުރުވާ އެއްވާހަކަ އަކީ އިމާދުއްދީން ސްކޫލުގެ ޓީޗަރަކު އެސްކޫލުގެ ގްރޭޑު ތިނެއްގައި ކިޔަވަމުންދާ، އަށް އަހަރުގެ އަންހެން ކުއްޖަކަށް ބުލީކުރި ވާހަކައެވެ. އެކުއްޖާއަށް ބުލީކުރި ޓީޗަރ ޢާއިޝަތު ނާމީ ގެ މައްސަލަ އެ ސްކޫލުގެ މެނޭޖުމަންޓުން މިހާރު ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ބޮޑުދައިތަ ވަނީ ހާދިސާގެ ވާހަކަ "ދުވަސް" ނޫހާ ހިއްސާ ކޮށްފައެވެ. ކުއްޖާގެ ބޮޑުދައިތަ މިވާހަކަ ކިޔައިދިނީ ހާދިސާއަށްފަހު ކުއްޖާގެ މަންމައަށްވެސް ނަފްސާނީ ގޮތުން މައްސަލަ ދިމާވެ ވާހަކަ ދެއްކޭނެ ހިތްވަރު ނެތުމުންނެވެ. ބޮޑު ދައިތައަކީ މި މައްސަލާގައި ކުއްޖާގެ މަންމައާއެކު ސްކޫލަށް ދިޔަ މީހެކެވެ.
އެންމެ ފުރަތަމަ އެމައްސަލަ އާއިލާގެ ސަމާލުކަމަށް އައިސްފައިވަނީ، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެކަމަށް އާއިލާއިން ސަމާލުވާން ޖެހުނީ އެކުއްޖާ ސްކޫލުން އައިސް ކޮންމެ ދުވަހަކު ރޯންފެށި ހިސާބުންނެވެ. ކޮންމެ ދުވަހަކު ސްކޫލުން އައިސް އެކުއްޖާ ރޯން ފެށުމުން އެކަމުގެ ސަބަބު ހޯދުމަށް އާއިލާއިން މަސައްކަތް ފެށިއެވެ. ކުއްޖާއާ ސުވާލުކުރަން ފެށިއެވެ.
އާއިލާއަށް އެކަމުގެ ރޭކާވެސްލީ ސުވާލުތަކަށް ކުއްޖާ ޖާވާބުދޭން ފެށުމުންނެވެ. އެކުއްޖާގެ ފަރާތުން އެނގުނީ ކްލާސް ޓީޗަރު އޭނާއަށް ބުލީކުރާ ކަމެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ތަފާތު މައްސަލަ އެކުއްޖާއަށް ދިމާވަމުންދާކަން އާއިލާއަށް ފާހަގަވީ އެހިސާބުންނެވެ. އެކުއްޖާއަށް ބުލީ ކުރުމަށް ކްލާސް ޓީޗަރު އެހެން ދަރިވަރުންނަށް ހިތްވަރު ދީފައިވާކަންވެސް ކުއްޖާގެ ވާހަކަތަކުން އާއިލާއަށް ނަގައިގަނެވުނެވެ.
ޓީޗަރު ވަނީ އެއުމުރުގެ ކުއްޖާ ޓީޗަރަކު ވާހަކަ ދައްކައިގެން ނުވާނެފަދަ ހަޑިހުތުރު ބަހުން އެކުއްޖާއާ މުޚާތަބު ކޮށްފައެވެ. އޭނާވަނީ އެކުއްޖާއަށް ބިރު ދައްކައިފައެވެ. މަލާމާތް ކޮށްފައެވެ.
"މާރިޗު މަހުން ފެށިގެން ކޮންމެ ދުވަހު އަޅުގަނޑުގެ ކޮއްކޮ ގެއަށް އައިސް ރޯނީ. ކިހިނެއްވީހޭ އަހާލީމަ ކޮއްކޮ ބުނާނެ ކުލާހުގެ ކުދިންނާއި ޓިޗަރ އެ ކުއްޖާއާ ދިމާއަށް "ފަލަފެޓޭ" ކިޔާފައި ފާޑުފާޑުގެ ހަޑިހުތުރު ބަހުން އެއްޗެހި ކިޔަނީކަމަށް،" ބޮޑު ދައިތަ ބުންޏެވެ.
މިކަން ހައްލު ކުރުމަށް އާއިލާގެ ފަރާތުން އެންމެ ފުރަތަމަ ކުރިކަމަކީ އެ ޓީޗަރާ ވާހަކަ ދެއްކުމެވެ. އެވަރަކުން އެކަމަށް ހައްލެއް ނުލިބުނެވެ. ދެން ގްރޭޑުގެ ސުޕަވައިޒަރާއި، ލީޑިން ޓީޗަރ ފަދަ އިސްބޭފުޅުންނާ ހަމަށް އާއިލާއިން މައްސަލަ ގެންދިޔައެވެ. އެބޭފުޅުންގެ ފަރާތުންވެސް މައްސަލައަށް އެކަށީގެންވާ ސަމާލުކުމެއް ނުލިބުނުކަމަށް އާއިލާއިން ބުނެއެވެ.
"އެ ދުވަހުން ފެށިގެން ކޮއްކޮގެ ކުލާސް ޓީޗަރަށް އަޅުގަނޑުމެން އެ ވާހަކަތައް ކިޔާދިނިން. ބުނިން އެހެން ނުހަދާށޭ. ކޮށްކޮ ކޮންމެ ދުވަހަކު ގެއައިސް ރޮނީއޭ. އެނާއަށް މަލާމަތް ނުކުރާށޭ. އެހެންނަމަވެސް އެކަން ހައްލުވާ ގޮތެއްނުވި. ކޮންމެ ދުވަހަކުވެސް ކޮއްކޮ އައިސް ރޯނީ. ލީޑިން ޓީޗަރ ކައިރިއަށް މި މައްސަލައިގައި ގޮސް އެ ކޮށްކޮގެ މަންމަ ރޮއެ އާދޭސް ކުރި މިކަންތައްތައް ހުއްޓުވައިދީ، އެކުއްޖާއަށް ކިޔެވޭނެ މާހައުލެއް ގާއިމް ކޮށްދޭށޭ ބުނެ. ލީޑިން ޓީޗަރަށް ވެސް އެއްވެސް ކަމެއް ކުރެވުނު ކަމަށްނުވި،"
ތައުލީމު ހާސިލު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެކެވެ. އެހެން ނަމަވެސް ކުލާސް ޓީޗަރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ކުޑަކުއްޖާއަށް ސްކޫލު ސިފަވެފައިވަނީ "ބިރުވެރިތަނެއް" ގެ ގޮތުގައެވެ.
"މިކަންތައް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުން. އަށް އަހަރުގެ އަންހެން ކުއްޖަކު ސުކޫލުން އައިސް ގޭގައި ރޯން އިންނަނީ. އެ ކުއްޖާއަށް ސުކޫލް ސިފަވަނީ ބިރުވެރި ތަނެއްގެ ގޮތުގައި. އެހެން ނަމަވެސް އަޅުގަނޑުމެން ފުރަތަމަވެސް ބެލީ މި މައްސަލަ އެންމެ ރީތިކޮށް ސުކޫލްގެ ގަވައިދާ އެއްގޮތަށް ސުޕަވައިޒަރ ކައިރިން ލީޑިން ޓީޗަރ އަށް ރިޕޯޓްކޮށްގެން ކުރިއަށް ގެންދަން. އެ ގޮތަށް ހައްލެއްނުވި،"
އެންމެ ފަހުން އެ މައްސަލަ ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލަށް ހުށަހެޅިއެވެ. މައްސަލަ ހުށަހެޅުމުން ކަމުގެ ބާވަތުން ސްކޫލުގެ މެނޭޖުމަންޓަށް "ޝޮކެއް" ލިބިގެން ދިޔައެވެ.
"އެންމެ ފަހުން މިކަންތައް ދިޔައީ ދުވަހަކަށްފަހު ދުވަހެއް އިތުރުވަމުން އާލާވަމުން. ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކުރާ ހިސާބައް ދިޔައިމާ ކުއްޖާގެ މަންމަ ގޮސް ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ގާތުގައި، މިވާހަކަތައް ކިޔާދިނީ. ޕްރިންސިޕަލަށް ލިބުނީ ކުއްލި ސިހުމެއް،"
މެނޭޖުމަންޓަށް މައްސަލަ ހުށަހެޅުމުން ޓީޗަރާ ސުވާލުކޮށް މައްސަލަ ބަލަން ފެށިއެވެ. ނަމަވެސް އެކަން ވެގެން ދިޔައީ އަށްއަހަރުގެ ކުށްޖާއަށް ޓީޗަރުގެ ފަރާތުން ކުރަމުންއައި ފުރައްސާރަ އިތުރުވެގެން ދިޔަކަމަކަށެވެ.
"ޖެހިގެން އައި ދުވަހު ކޮއްކޮ ކުލާހަށް ދިއުމުން ކުލާސް ޓީޗަރ ކޮއްކޮއާ ދިމާއަށް އެއްޗެހިކީ. ކުލާސް ތެރޭގައި ހިނގާ ކަންތައްތައް ކީއްވެހޭ ގޭތެރޭގައި ކިޔަނީ؟ ސުވާލު ކުރިކަމަށް ކޮއްކޮ ބުނި. ކޮށްކޮއާ ދިމާއަށް ބުނީ މިއީ ފަހު ވާނިންގް (އިންޒާރު) ކަމަށް. ޑެޕިއުޓީ ޕްރިންސިޕަލަށް މައްސަލަ ހުށަހެޅީމައި ރުޅިއައިސްގެން ސައިޒުން އުޅޭށޭ ބުނެ އެތައް އިންޒާރެއް ވެސް ޓީޗަރު ދިން،" ކުޑަ ކުއްޖާގެ ރުއިމާއި ކެކުޅުން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ދަރިފުޅު ކޮންމެ ދުވަހަކު ސްކޫލުން އައިސް ގިސްލާ ރޯތަން ބަލަން މައިން ބަފައިންގެ ހިތަކަށް ކެތެއް ނުކުރެވުނުވެ. މައިން ބަފައިންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. ދަރިފުޅުގެ ކެކުޅުމަށް ހައްލެއް ހޯދުމަށް ކުރެވެން އޮތް މަސައްކަތެއް ކުރަން ފެށިއެވެ. އެ ގޮތުން އެކުއްޖާ ގޮވައިގެން އަނެއްކާވެސް ކުލާސް ޓީޗަރު ކުރިމައްޗަށް ދާން ނިންމިއެވެ.
"ދެން އެ ކޮއްކޮގެ މަންމައާއި ބައްޕަ ބުނީ ކެރޭނެހޭ ޓީޗަރ ކުރިމަޗަށް ދާން؟ އެހެން ބުނީމަ ކޮއްކޮއަށް ނުކުރޭނޭ ބުނެފައި ބިރުން ތުރުތުރު އަޅައިގަތީ. އަޅުގަނޑުމެން ނަސޭހަތް ލައިދިނިން، މަންމަ ބައްޕަ ވެސް ހުންނޭޔޭ، ބިރުނުގަންނާށޭ. އެއްވެސް ކަމެއް ނުވާނޭޔޭ. ދެން ކޮށްކޮ ގޮވައިގެން އެމީހުން ދިޔައީ ކުލާސް ޓީޗަރު ކަރިއަށް. ކީއްވެހޭ މިގޮތަށް ތިޔަކަންތައް ކުރަނީ ބުނެ ޓީޗަރާ ސުވާލުކުރި. ޓީޗަރ ބުނީ ތިޔަ މައްސަލަ މިހާރު ވަނީ ޕްރިންސިޕަލާ ހަމައަށްވެސް ގެންގޮސްފައިނޫންހޭ. ދެން ތިމަންނަ ތިކަމާ ކިޔާނީ ކީކޭހޭ؟ އެހެން ބުނެ ވަރަށް ރޫޑު (ރުޅިވެރި) ގޮތަކަށް ވާހަކަދެއްކީ. ކޮއްކޮގެ މަންމައާ ބައްޕަ ކުރިމަތީގައި ވެސް ކޮއްކޮއަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރު ބަހުން އެއްޗެހިކިޔާ ޒުވާބު ކޮށްހެދި،" ބޮޑު ދައިތަ ކިޔައި ދިނެވެ.
މި މައްސަލައިގައި އެ ސްކޫލުގެ ޓީޗަރަކު ބުނީ "ޓީޗަރެއްގެ ފަރާތުން ދަރިވަރަކާ ނިސްބަތްކޮށް މުހާތަބުކޮށް ބުނަން ނުވާވަރުގެ ހަޑި ހުތުރު ބަސްތައް އެ ކުއްޖާގެ ޓީޗަރުގެ ފަރާތުން އަޑުއިވިފައިވާ،" ކަމަށެވެ.
އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝަހީމް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލުންވަނީ އެޓީޗަރު ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެކަން ސްކޫލުން ޔަގީންކޮށް ނުދެއްވައެވެ. ޕްރިންސިޕަލް ހަމަ އެކަނި ވިދާޅުވީ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށާއި ޓީޗަރު މިހާރު ސްކޫލަށް ނާންނަކަމަށެވެ. އިތުރު މައުލޫމާތެއް ހިއްސާ ކުރެވޭނީ ތަހުގީގުކޮށް ނިމުމުން ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ދެވެންނެތް ކަމަށެވެ.
ސްކޫލް ތަކުގައި މިފަދަ ހާދިސާ ހިނގަމުންދާކަން އެނގޭ ހިނދު ޕްރިންސިޕާލުންނާއި، ސްޕަވައިޒަރުންނާއި، ލީޑިން ޓީޗަރުން އެކަންކަމަށް ސަމާލުވެ މިފަދަ ކަންކަމުން ކުދިން ސަމާލުކުރަން ޖެހޭނެއެވެ. އަދި އެފަދަ ނޭދެވޭ ދަށު ދަރަޖައިގެ އަމަލު ހިންގާ ޓީޗަރުންނާމެދު ވަގުތުން ފިޔަވަޅު އަޅައި ކުދިންނަށް ރައްކާތެރި މާހައުލެއް ސްކޫލުގައި ގާއިމް ކޮށްދޭން ވާނެއެވެ. މިކަންކަމުގައި އެޑިޔުކޭޝަން މިނިސްޓްރީންވެސް އިހުމާލު ވެގެން ނުވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު