ޖިންނިއެއް އުޅޭކަމަށް ބުނެ އެކަން ތަޙްޤީޤް ކުރަން އުޅުމުން މުވައްޒަފަށް އިންޒާރު ދީފި

ޖިންނިންގެ ބިރުވެރި ކަންތައްގަނޑެއް އޮފީސްތެރޭގައި އުޅޭކަމަށްބުނެ އެކަން ތަޙްޤީޤް ކުރަން ޖިންނިންނާއި ބެހޭ ކަންކަން ދިރާސާކުރާ ޓީމެއް އޮފީހަށް ގެނައުމުން އެމެރިކާގެ މޮންޓާނާގެ ކައުންޓީ ހެލްތު ޑިޕާޓްމެންޓް އޮފީހުގެ އިސްވެރިން އެއޮފީހުގެ މުވައްޒަފަކަށް އިންޒާރުދީފިއެވެ.

ޖިންނީންނާ ބެހޭ ކަންކަން ދިރާސާކުރާ ޓީމެއް ކަމުގައިވާ ބިއުޓް ޕެރެނޯރމަލް އިންވެސްޓިގޭޝަން ޓީމުން ހާމަކޮށްފައިވާ ގޮތުގައި މޮންޓާނާގެ ކައުންޓީ ހެލްތު ޑިޕާޓްމެންޓް އޮފީހުގެ މުވައްޒަފަކު ވަނީ އެއޮފީސް ޖިންނި އަވަލާފައިވާކަމަށް ބުނެ އެޓީމަށް އެކަން ތަޙްޤީޤްކުރުމަށް މައްސަލަ ހުށަހަޅާފައެވެ. އަދި މިކަމާއި ގުޅިގެން އެޓީމުން އެއޮފީހުގެ ކޮޓަރިއެއްގައި އިންފްރާ ރެޑް ކެމެރާތަކެއް ހަރުކޮށްފައިވާކަމަށް އެޓީމުން ބުނެއެވެ. އެޓީމުން ހާމަކުރާގޮތުގައި މިއީ ޖިންނިންގެ ހަކަތައިގެ ހަރަކާތްތައް ބެލުމަށް ކުރިކަމެކެވެ.

ޖިންނިންނާއި ބެހޭ ކަންކަން ތަޙްޤީޤްކުރާ މިޓީމުގެ އެއް ބާނީ ކަމުގައިވާ ޖޯން ޑިމުރޭ ހާމަކުރާގޮތުގައި އެޓީމުން ޖިންނިން ޝިކާރަކުރުމުގެ މަސައްކަތް ކުރާތާ މިހާރު ދެ އަހަރަށް ވުރެ ގިނަދުވަސް ވެދާނެއެވެ. އޭނާ ހެލްތު ޑިޕާޓްމެންޓް އޮފީހުގެ މުވައްޒަފުގެ މި މައްސަލަ ބެލުމަށް ނިންމީ އެމުވައްޒަފު އެއޮފީސް ޖިންނި އަވަލާފައިވާކަމަށް ދަޢުވާކުރުމުންނެވެ.

"އޭނާ ބުނި ވަރަށް ގިނަ އާދަޔާ ޚިލާފު ބިރުވެރިކަންކަން އެއޮފީހުގައި ހިނގާކަމަށް. އަދި އެއޮފީހުގެ ވަކި ދިމާއަކުން ވަރަށް އާދަޔާޚިލާފު ބިރުވެރި އަޑުތަކެއް އިވޭކަމުގައި. އަދި އޭނާ ބުނީ އެސަރަޙައްދުން އަބަދުވެސް އެއޮފީހުގެ މުވައްޒަފުންނަށް ތަފާތު ބިރުވެރިކަންކަމާއި ހިތާމަވެރި ކަންކަމާއި ދިމާވާކަމަށް. އޭނާ އެވާހަކަތައް ކިޔާދިނީ ވަރަށް ސީރިޔަސްކޮށް. އެހެންވެ އެކަން ހަމަ ތަޙްޤީޤް ނުކޮށް ދޫކޮށްލަން ބޭނުން ނުވީ،" ޑިމުރޭ ނޫހަކަށް ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް