ފައިނަލުގައި ފަރެސްމާތޮޑާއާ ބައްދަލު ކުރާނީ ފޭދޫ
މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އައްޑޫ ސިޓީ ފޭދޫ ކަށަވަރު ކޮށްފިއެވެ.
އެޓީމަށް ފަހު ޖާގަ ކަށަވަރުވީ ސެމީގެ ދެވަނަ މެޗުގައި ށ. ފޯކައިދޫއާ މިއަދު ބައްދަލުކުރި މެޗު 5-1 ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
މެޗު ފަށައިގެން ފޯކައިދުއަށް ރަނގަޅަށް ކުޅެވުނީ އިރު ކޮޅަކަށެވެ. އެފަހުން ފޭދޫވަނީ މުޅި މެޗު ޑޮމިނޭޓް ކޮށްފައެވެ. މި މެޗުގައި މޮޅަށް ކުޅުނު ފޭދޫން ވަނީ ފުރަތަމަ ހާފުގައި ފޯކައިދޫ ކޮޅަށް 3 ލަނޑު ޖަހައިފައެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދީފައިވަނީ އިތުބާރު ފޯވާޑު އިބްރާހީމް މަހުދީ ހުސައިނެވެ. އެ ލަނޑު ތަކުގެ އިތުރަށްވެސް އެތައް ލަނޑެއް ޖަހާނެ ހުސްފުރުސަތު އެޓީމުން ވަނީ ތަނަވަސް ކޮށްފައެވެ.
ފޭދޫގެ ފަހު ދެ ލަނޑު ޖަހައިފައިވަނީ ފަހު ހާފުގައެވެ. އެލަނޑުތައް ޖަހައިފައިވަނީ އިބްރާހީމް އަހުމަދާއި، އިސްމާއީލް ޢަލީ އެވެ. ފޯކައިދޫގެ ހަމައެކަނި ލަނޑު ޖަހައި ސުން ކަނޑުވާލައިފައިވަނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އެލަނޑު ޖަހައިދިނީ ރަފީއުއެވެ.
މިއަދު މެޗަކީ މި މުބާރާތުގައި އެންމެ ގިނައިން ސަޕޯޓަރުން ދަނޑަށް ވަން އެއް ދުވަހެވެ. ފޭދޫ މޮޅުވުމުގައި ސަޕޯޓަރުންގެ ވަރަށް ބޮޑު ދައުރެއް މިއަދު އޮތެވެ. ކެނޑިނޭޅި އެމީހުން ދެމުން ގެންދިޔަ ހިތްވަރާ ސަޕޯޓުގެ ސަބަބުން ފޭދޫ ޓީމަށްވަނީ ވަރަށް ބޮޑު ދިރުމެއް ލިބިފައެވެ. ފައިނަލުގައި ފޭދު ބައްދަލު ކުރާނީ ފުރަތަމަ ސެމީން މުޅުވެފައިވާ ފަރެސްމާތޮޑާ ޓީމާއެވެ. އެޓީމް ފައިނަލަށް ދިޔައީ ބ. އޭދަފުށި 4-1 އިން ބަލިކޮށްގެންނެވެ. ފައިނަލް ކުޅޭނީ މިމަހު 27 ވާ ބުދަދުވަހު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައެވެ. މެޗު ފަށާނީ ހަވީރު 3.45 ގައެވެ.
ކިޔުންތެރިންގެ ހިޔާލު