ސެމީގެ ޖާގައެއް ލިބުމަކީ ލިބުނު ބޮޑު ކާމިޔާބެއް: ފަރެސްމާތޮޑާ ކޯޗު

image ފަރެސްމާތޮޑާ ފުޓުބޯޅަ ޓީމުގެ ކޯޗު ފަޒީން: ފޮޓޯ މޫސަ މަތުލޫބް

މިނިވަން 50 ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ލިބުމަކީ ފުޓުބޯޅައިގައި ފަރެސްމާތޮޑާއަށާއި އޭނާއަށް ލިބުނު ކާމިޔާބެއް ކަމަށް ފަރެސްމާތޮޑާގެ ކޯޗު ފަޒީން ބުނެފިއެވެ.

އޭނާ ބުނީ މިއީ މިފަދަ މުބާރާތެއްގައި ފަރެސްމާތޮޑާ ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އޭނާގެ ކޯޗިން ކެރިއަރުގެވެސް ފުރަތަމަ މުބާރާތް ކަމަށެވެ. "އެހެން ކަމުން މިނިވަން ފަންސާސް މުބާރާތުން ފެށިގެން މިނިވަން 50 ޗެންޕިއަންޝިޕްގެ ސެމީއަށް ދަތުރު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ސެމީއަށް ދިޔުމުން އުންމީދު އާ ވެއްޖެ. މިހާރު ތަށްޓަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އިރާދަ ކުރެއްވިއްޔާ ފަރެސްމާތޮޑާ ރައްޔިތުން އުފާވާނެ ފަދަ ނަތީޖާއެއް ނެރެވޭނެ،" ފަޒީން ބުންޏެވެ.

އަތޮޅު ތަކުގައި ކުޅުނު މުބާރާތަށްފަހު ޗެންޕިއަންޝިޕަށް ކޮލިފައިވި 8 ޓީމުގެ ތެރެއިން ފުރޭނިގެން އައި ހަތަރު ޓީމުގެ ތެރޭގައި ފަރެސްމާތޮޑާ މިވަނީ ހިމެނިފައެވެ. "މި ހަތަރު ޓީމަކީވެސް މޮޅު ޓީމުތަކެއް. މޮޅެތި ކޯޗުންނާއެކު އައިސް ތިބި މޮޅު ޓީމުތަކަށް އަހަރެމެން ވަރަށް އިޙުތިރާމް ކުރަން. އެހެން ނަމަވެސް އެ މީހުންނާ ކުޅޭނީ މޮޅުވާން. އޭދަފުށްޓަކީ ފުޓުބޯޅައަށް މަޝްހޫރު ރަށެއް. މޮޅު ކުޅުންތެރިން ތިބި ރަށެއް. އެހެންނަމަވެސް ސެމީގައި ދުލެއްދޭކަށް ނޫން މިތިބީ. އެދުވަހު މޮޅުވާނީ ރޭވުންތެރި ކަމާއެކު މޮޅަށް ކުޅޭ ބަޔަކު،" އޭނާ ބުންޏެވެ.

ސެމީގެ ފަހު ޖާގަ ފަރެސްމާތޮޑާ ހޯދީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމް ފުރަތަމަ ބައްދަލުކުރީ ސ. ފޭދުއާ އެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ބައްދަލު ކުރީ ވ. ކެޔޮދުއާއެވެ. އެމެޗު 4-1 އިން މޮޅުވީ ފަރެސްމާތޮޑާއެވެ. ސެމީގެ ފަހު ޖާގަ ކަށަވަރު ކުރި މެޗުގައި މިއަދު ބައްދަލުކުރީ ލ. ގަމާއެވެ. އެ މެޗުން ފަރެސްމާތޮޑާ މޮޅުވީ 2-1 ލަނޑުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ގަމު ޓީމުންނެވެ. އެލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރޒީ ނަންބަރ 15 ޙުސައިން ލަތީފެވެ. އެހެން ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ފަރެސްމާތޮޑާގެ، ޖަރޒީ ނަންބަރު 7 ޙުސައިން އިރުޝާދު (އިރޭ) ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. ފަރެސްމާތޮޑާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ. އެ ލަނޑު ޖެހީ ޖަރޒީ ނަންބަރ 17 މުޙައްމަދު ސަޢީދެވެ.

ފަރެސްމާތޮޑާ ސެމީގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ބ. އޭދަފުށްޓާއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ސ. ފޭދުއާއި، ގްރޫޕު އޭ ގެ ދެވަނަ ޓީމް ށ. ފޯކައިދުއާއެވެ.

ސެމީގެ މެޗުތަކާއި ފައިނަލް މެޗާއި، ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމެވެ. މި މެޗުތައް ޓީވީއެމްއިން ލައިވް ކުރާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް