ސެމީގެ ފަހު ޖާގައަށް ގަމާއި ފަރެސްމާތޮޑާ ނުކުންނަނީ

image ފޭދުއާއި ކެޔޮދޫ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ ދުވަސް

މިނިވަން 50 ޗެންޕިއަން ޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ލ. ގަމާއި ގދ. ފަރެސްމާތޮޑާ މާދަމާ ބައްދަލު ކުރާނެއެވެ.

މި މުބާރާތުގެ ސެމީފަނަލަށް ތިން ޓީމް މިހާރުވަނީ ދަތުރު ކޮށްފައެވެ. އެއީ ށ.ފޯކައިދުއާއި، ބ.އޭދަފުށްޓާއި، ސ. ފޭދޫ އެވެ. އެހެން ކަމުން ސެމީގެ ފަހުޖާގަ ހޯދުމަށް ފަރެސްމާތޮޑާއި ގަން ނުކުންނައިރު ފުރުސަތު ބޮޑީ ފަރެސްމާތޮޑާއަށެވެ. އެއީ އެމެޗު އެއްވަރު ކޮށްލައިގެން ފަރެސްމާތޮޑާއަށް ފުއްދައި ލެވިދާނެތީއެވެ. އެހެންނަމަވެސް ގަމަކީ ވަރުގަދަ ޓީމެއް ކަމަށް ފަރެސްމާތޮޑާ ޓީމުން ބުންޏެވެ. ނަމަވެސް ނުކުންނާނީ މެޗުން މޮޅުވެގެން ސެމީގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކަމަށް ބުނެފައިވެއެވެ.

މިނިވަން 50 ޗެންޕިއަންޝިޕްގައި ގަމާއި ފަރެސްމާތޮޑާ ހިމެނޭ ގްރޫޕުގައި ފަރެސްމާތޮޑާ ފުރަތަމަ ބައްދަލުކުރީ ސ. ފޭދޫ ޓީމާއެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި އެ ޓީމް ބައްދަލުކުރީ ވ. ކެޔޮދުއާ އެވެ. އެމެޗު 4-1 އިން ކާމިޔާބު ކުރީ ފަރެސްމާތޮޑާއެވެ. ގަން ފުރަތަމަ ބައްދަލު ކުރީ ކެޔޮދުއާ އެވެ. އެމެޗު 2-0 އިން ކާމިޔާބު ކުރީ ގަމެވެ. ގަމާއި ފޭދޫ ބައްދަލުކުރި މެޗުން ގަން ބަލިވީ 3-2 އިންނެވެ.

ދެކުނު ގްރޫޕުގައި މިއަދު ބައްދަލުކުރީ ސ. ފޭދުއާއި ވ. ކެޔޮދޫއެވެ. އެމެޗު ފޭދޫ ކާމިޔާބުކުރީ 6-1 އިންނެވެ. ކުޅުދުއްފުށީގައި މިއަދު ކުޅުނު މެޗުގައި ބައްދަލުކުރީ ނޮޅިވަރަމާއި، މާމިގިއްޔެވެ. އެމެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.

މި މުބާރާތުގެ ސެމީގެ މެޗުތަކާއި ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement