ފްރެންޑްސް ޗެންޕިއަންކަން ދިފާއު ކޮށްފި
"ޖުނާ ފުޓްބޯލް ޗެލެންޖް 2015" ގެ ޗެމްޕިއަންކަން މިފަހަރުވެސް ފޭދޫ ފްރެންޑްސް ކުލަބުން ހޯދައިފިއެވެ. އެޓީމް ޗެންޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) 7-6 ލަނޑުން ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑުޖެހީ ފަސްވަނަ މިނެޓުގައި އެފްވައިސީގެ ޖާޒީ ނަންބަރު 24 އަލީ ނާފިއު (ކަޅޭ) އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފްރެންޑްސްވަނީ މެޗުގެ ނަތީޖާ ހަަމަހަމަ ކޮށްފައެވެ. އެ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 21 އިބްރާހީމް ރިޒްވާނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ކުޑަވަގުތު ކޮޅަކަށް ވެފައިވަނިކޮށް އެފްވައިސީން ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ނަގައިފައެވެ. އެލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ބޭރު ކުޅުންތެރިޔާ ޖޯޖު ޕޭން އެވެ. ފްރެންޑްސްއިން އެއްވަރު ކުރި ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އެލަނޑު ޖެހީ މުޙައްމަދު އަތީފެވެ. މެޗު ނިމުނީ 2-2 އިންއެއްވަރު ވެގެންނެވެ. އެހެން ކަމުން ނަތީޖާ ނެރުނީ ޕެނަލްޓޯ ޖަހައިގެންނެވެ. މިއަދުގެ މެޗުގެ މޮޅުން ކުޅުންތެރިޔާއަށް ހޮވުނީ ފްރެންޑްސް ކުލަބުގެ ޖާޒީ ނަންބަރު 26 މުޙައްމަދު އަރީފެވެ.
މެޗަށްފަހު ޗެންޕިއަންޓީމާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑެލް ދިނުންއޮތެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ މޮޅު ފޯވާޑާއި، އެންމެގިނަ ގޯލް ޖެހި ކުޅުން ތެރިޔާއަށް ހޮވިފައިވަނީ އެފްވައިސީގެ ޖާޒީ ނަނަބްރު 7 އިބްރާހީމް މަހުދީ ހުސައިނެވެ. ފައިނަލް މެޗު ފިޔަވައި އޭނާ ކުޅުނު 4 މެޗުގައިވެސް މޮޅުކުޅުން ތެރިއަކަށް ހޮވުނީ އޭނާއެވެ.
އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ފްރެންޑްސް ކުލަބުގެ އަޙުމަދު އަޝްފާގެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ފްރެންޑްސްގެ ޖާޒީ ނަންބަރ 26 މުޙައްމަދު އަރީފެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އެޓީމުގެ ޖާޒީ ނަންބަރު 8 އިބްރާހީމް މުޙައްމަދު ދީދީއެވެ. 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްވައިސީގެ ޖާޒީ ނަންބަރ 3 ޖޯޖެވެ. ފެއާޕްލޭ ކުޅުންތެރިއަކީ މައިލޯ ސިޓީ އެފްސީގެ ޖާޒީ ނަންބަރ 4 ޢަލީ އިމްރާނެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ރެސްޕެކްޓެވެ. ތައްޓާއި އިނާމް ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހުމާން އޮންދިގޯ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ފަޔާޒެވެ.
ކިޔުންތެރިންގެ ހިޔާލު