ފަސޭހަ މޮޅަކާއެކު ޖުނާކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ފްރެންޑްސްއަށް
"ޖުނާ ފުޓުބޯލް ޗެލެންޖު 2015" ގެ ފަސް ވަނަ މުބާރާތުގެ ފައިނަލަށް ފޭދޫ ފްރެންޑްސް ކުލަބު ދަތުރު ކޮށްފިއެވެ. އެޓީމަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަނުންނެވެ.
އެޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވީ މިއަދު ހަވީރު ހިތަދޫ މަލްޓި ޖީނިއަސްއާ ބައްދަލުކޮށް 6-0 ލަނޑުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ފްރެންޑްސްއިންވަނީ މަލްޓި ޖީނިއަސް ކޮޅަށް 4 ލަނޑު ޖަހައިފައެވެ.
ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު މެޗުގެ 11 ވަނަ މިނެޓާއި 17 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމަށް ކުޅޭ ޖާޕާނުގެ ރައްޔިތެއް ކަމަށްވާ ކެއިޗީ ހަރިޔާއެވެ. މެޗުގެ 3 ވަނަ ލަނޑު 30 ވަނަ މިނެޓުގައި ޖެހީ ޖަރޒީ ނަންބަރ 28 އަޙުމަދު ރަޝީދެވެ. 4 ވަނަ ލަނޑު ޖެހީ ޖަރޒީ ނަންބަރ 17 އިޝާން އިބްރާހީމެވެ. މިލަނޑު ޖެހީ ފުރަތަމަ ހާފް ނިމިނިމި އޮއްވައެވެ.
މެޗުގައި ފްރެންޑްސް ޖެހި ފަހު ދެ ލަނޑު ކާމިޔާބު ކުރީ ފަހު ހާފުގައެވެ. ފަސްވަނަ ލަނޑު ޖެހީވެސް ހަރިޔާއެވެ. މި ލަނޑު ޖެހީ 54 ވަނަ މިނެޓުގައެވެ. 6 ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖަރޒީ ނަންބަރ 24 މުޙައްމަދު އަތީފެވެ. މިމެޗުގެ 80 ވަނަ މިނެޓުގައި މަލްޓި ޖީނިއަސްގެ ޖަރޒީ ނަންބަރ 28 ޙުސައިން ފަސާހަށް ރެފްރީ ޒަހީރު ޙުސައިން ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މުބާރާތުގެ ފައިނަލުގައި ފްރެންޑްސް ކުލަބާ ބައްދަލު ކުރާނީ މާދަމާ ކުޅޭ ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އާއި ހިތަދޫ މައިލޯ ސިޓީ އެފްސީ މެޗުން މޮޅުވާ ބައެކެވެ. އެއްވަރު ވެއްޖެ ނަމަ ފައިނަލަށް ދާނީ އެފްވައިސީ އެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމު ވާދަ ކުރެއެވެ. އެއީ ހިތަދޫން ވާދަކުރާ މައިލޯ ސިޓީ އެފްސީއާއި، އެފްސީ ރެސްޕެކްޓާއި، މަލްޓި ޖީނިއަސްއެވެ. ފޭދޫން ބައިވެެރިވެފައިވަނީ ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އާއި ފުރެންޑްސް ކުލަބެވެ.
މި މުބާރާތް ފަށައިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ ޑިސެންބަރ 30 ވަނަ ދުވަހު ހަވީރު، ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް ތިން ލައްކަ ރުފިޔާ ލިބޭނެއެވެ. ދެވަނަ ޓީމަށް އެއްލައްކަ ރުފިޔާ ލިބޭނެއެވެ. މިއީ އޮންދިގޯ ކުންފުނީގެ ޗެއާމަން މުޙައްމަދު ޖުނައިދު ބާއްވައިދޭ މުބާރާތެކެވެ.
ކިޔުންތެރިންގެ ހިޔާލު