އެމްސީޔޫ ވިމެންސް ކަޕްގައި ރަށަކުން ދެ ޓީމް ބައިވެރި ކުރެވޭނެ: އެމްސީޔޫ

image އެމްސީޔޫއިން އިންތިޒާން ކޮށްގެން މިއަހަރު ބޭއްވި ޓީޗާސް ފުޓުސަލް ކަޕްގެ ތެރެއިން

އައްޑޫ ސިޓީ ހިތަދޫ މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އިން ބާއްވާ "އެމްސީޔޫ ވިމެންސް ވަންޑޭ ކަޕް 2016 އައްޑޫ ސިޓީ" މުބާރާތުގައި އެ ސިޓީގެ ކޮންމެ ރަށަކުން ދެ ޓީމަށް ބައިވެރި ވެވޭނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

 އެމްސީޔޫގެ ޔޫތު ކޯޑިނޭޓަރ އިބްރާހީމް ޟިރާރު ބުނީ މުބާރާތް ރާވާފައިވަނީ ކޮންމެ ރަށަކުން ޓީމެއް ބައިވެރިކުރާ ގޮތަށް ކަމަށެވެ. ޓީމެއް ބައިވެރިވާއިރު އެޓީމަކަށް ބައިވެރިވެވޭނީ ޖަމިއްޔާއެއްގެ ނަމުގައެވެ. އެއް ޖަމިއްޔާއަށްވުރެ ގިނަ ޖަމިއްޔާއިން ބައިވެރިވާން ބޭނުން ކަމަށްވާނަމަ ފުރުސަތު ދޭން ނިންމާފައިވަނީ އެންމެ ހަރަކާތްތެރި ޖަމިއްޔާއަށެވެ.

އެހެން ނަމަވެސް ކޮންމެ ރަށަކުން ދެ ޓީމަށް ބައިވެރިވެވޭ ގޮތް ހެދީ މީދޫ ދެ ޓީމަށް ފުރުސަތު ދޭން ޖެހުމުންނެވެ. "ހުޅުދޫންވެސް އެންމެ ޓީމެއް ބައިވެރި ކޮށްފައިވަނީ. އެހެން ނަމަވެސް މީދޫން ޗޭނު ޖަމިއްޔާއާއި، މުލިމަތި ޖަމިއްޔާއިން ޓީމްތައް ބައިވެރި ކުރަން އެދުމުން އެފުރުސަތު ދޭން ނިންމީ. އެއީ ރަށުގައި މި މުބާރާތުގެ ފޯރިއާއި ވާދަވެރިކަން ވަރަށް ބޮޑުވެފައިވަނީ. ދެ ޓީމް ބައިވެރި ކުރުމުގެ ފުރުސަތު އެރަށަށް ދީފައި އެހެން ރަށްރަށަށް ނުދިނުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ. އެހެންވެ މިފަދަ ހާލަތެއް މެދުވެރިވެގެން އެހެން ރަށަކުން ދެޓީމު ބައިވެރިކުރަން ބޭނުންވާ ނަމަ މިހާރު އެފުރުސަތު ލިބޭނެ،" ޟިރާރު ބުންޏެވެ.

އޭނާ ބުނީ އެމްސީޔޫއިން މިހާރުވެސް ބޭނުންވަނީ ރަށަކުން ޓީމެއް ބައިވެރިވުމަށް ކަމަށެވެ. މުބާރާތަކީ އެއްދުވަހަަށް ބާއްވާ މުބާރާތެއް ކަމުން ގިނަ ޓީމުތައް ބައިވެރި ކުރުމުން މުބާރާތް ދިގުދެމިގެން ދާނެ ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މީދޫ ފިޔަވައި އެހެން އެއްވެސް ރަށަކުން ދެޓީމް ބައިވެރި ކުރުމަށް އެދިފައި ނުވާކަމަށެވެ. އަދި މުބާރާތަށް ފަރިތަ ކުރުންތައް ފަށައިފައިވާއިރު މީދޫ ފިޔަވައި ކޮންމެ ރަށަކުންވެސް ޕްރެކްޓިސް ކުރަމުންދަނީ އެއްޓީމު ކަމަށް އޭނާ ބުންޏެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. މުބާރާތް ހެނދުނު ފަށާ ގޮތަށް ނިންމަން ހަމަޖެހިފައިވަނީ އެރޭގައެވެ.

މިއީ އައްޑޫ ސިޓީގެ އަންހެނުންގެ މެދުގައި ފުޓުސަލް ފޯރި ގަދަކޮށް އެކުވެރިކަން އާލާކޮށް ދެެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

ޟިރާރު ބުނީ މުބާރާތް ކުރިއަށްދާއިރު ޝަރަފުއްދީން ސްކޫލުން ހިންގާ އައްނޫރު ސެންޓަރަށް އެހީވުމުގެ ގޮތުން ފަންޑު ފޮށްޓެއް ދަނޑުގައި ބަހައްޓާނެ ކަމަށެވެ. އެ ސެންޓަރަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް ހިންގާ ސެންޓަރެކެވެ.

އެ ސެންޓަރަށް އެހީވާން ބޭނުން ފަރާތްތަކުން އެ ފޮށްޓަށްލާ ފައިސާ އައްނޫރު ސެންޓަރާ ހަވާލު ކޮށްދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement