އޮންދިގޯ ބަށިމުބާރާތް ފަށައިދޭނީ ކޮއިމަލައާއި ނޫރަލި
އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް (އައުޑީ) އިން އިންތިޒާމްކޮށްގެން ބާއްވާ "އޮންދިގޯ ބަށިމުބާރާތް" ފެށުމުގެ ގޮތުން ބައްދަލުކުރާނެ ދެޓީމް ހޮވައިފިއެވެ.
މި މެޗުގައި ބައްދަލުކުރާނީ މަރަދޫ ކޮއިމަލަ ޓީމާއި، ހިތަދޫ ނޫރަލި ޓީމެވެ. ފުރަތަމަ މެޗުގައި މިދެޓީމް ބައްދަލުކުރާ ގޮތަށް ހަމަޖެހުނީ މިއަދު ބޭއްވި މިމުބާރާތުގެ ގުރުއަތު ލުމުގައެވެ. ގުރުއަތުލުން ބާއްވާފައިވަނީ ހިތަދޫގައި ހުންނަ އޮންދިގޯ ވިލާގައި މިއަދު މެންދުރުއެވެ.
ޗެމްޕިއަންޓީމަށް ފަސްދޮޅަސް ފަސްހާސް ރުފިޔާ ލިބޭ މިމުބާރާތް ފަށާނީ މިމަހު 30 ވަނަ ދުވަހުއެވެ. މުބާރާތް ނިމޭނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މުބާރާތް ކުރިއަށްދާނީ ހިތަދޫގައި ހުންނަ ދިރާގު އޮފީސް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ކަމަށް އައުޑީގެ ރައީސާ ފާތިމަތު ހަނީފާ ވިދާޅުވިއެވެ.
މުބާރާތުގެ ގުރުއަތުލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހުރިހާ ޓީމުތަކުންވެސްވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ޖުމްލަ 8 ޓީމް ބައިވެރިވެއެވެ.
މިމުބާރާތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހަތަރު މެޗުކުޅޭ ގޮތަށެވެ. މެޗުތައް ކުޅޭނީ ހެނދުނާއި ހަވީރުއެވެ. މިމުބާރާތުގެ ފައިނަލް މެޗުއޮންނާނީ ސެޕްޓެމްބަރ 4ވަނަ ދުވަހު ހަވީރުއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އޮންދިގޯ އިން ހުށަހަޅާފައިވަނީ ތިރީސް ފަސްހާސް ރުފިޔާއެވެ. އޭގެ އިތުރަށް ރައީސުލް ޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ ޗެމްޕިއަންޓީމަށް ތިރީސްހާސް ރުފިޔާ ހުށަހަޅުއްވާފައެވެ. އެފައިސާއާއެކު ޖުމްލަ ފަސްދޮޅަސްފަސްހާސް ރުފިޔާ ޗެމްޕިއަންޓީމަށް ލިބޭނެއެވެ.
މުބާރާތުގެ ދެވަނަ ޓީމަށް އޮންދިގޯއިން ހުށަހަޅާފައިވަނީ ފަންސަވީސްހާސް ރުފިޔާއެވެ. ތިންވަނަ ޓީމަށް ފަނަރަހާސް ރުފިޔާއެވެ. މުބާރާތުގެ ބަށިރާނީއަށް ހުށަހަޅާފައިވަނީ ތިންހާސް ރުފިޔާއެވެ. އެންމެމޮޅު ޖެހުންތެރިޔާއަށް ދެހާސް ރުފިޔާއެވެ. އެންމެމޮޅު ހިފުންތެރިޔާއަށްވެސް ހުށަހަޅާފައިވަނީ ދެހާސްރުފިޔާއެވެ.
މިމުބާރާތް ފެށުމަށް ކުރިން ހަމަޖައްސާފައިވަނީ އޮގަސްޓްމަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ދިމާވި ބައެއް ކަންކަމާހެދި މުބާރާތް ފެށުން އޮގަސްޓް 30 އަށް ބަދަލުކުރަން ޖެހުނީ ކަމަށް އައުޑީން މައުލޫމާތު ދިނެވެ.
ކިޔުންތެރިންގެ ހިޔާލު