ބައިލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ބަށިމުބާރާތެއް އައްޑޫގައި ބާއްވަނީ

image އައުޑީގެ ރައީސާ ފާތިމަތު ހަނީފާ

އަައްޑޫ އަންހެނުންނަށް ޚާއްސަ ކޮށްގެން ބައިލައްކަ ރުފިޔާއަށްވުރެ އަގުބޮޑު ބަށިމުބާރާތެއް ބާއްވަން ނިންމައިފިއެވެ.

"އޮންދިގޯ ބަށިމުބާރާތް" ގެ ނަމުގައި ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ފަސްދޮޅަސް ފަސްހާސް ރުފިޔާވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ފަންސަތިރީސް ހާސް ރުފިޔާ ދެއްވަނީ އޮންދިގޯއިންނެވެ. އަނެއް ތިރީސްހާސް ރުފިޔާއަކީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ދެއްވާ ފައިސާއެވެ.

މުބާރާތުގެ ދެވަނަ ޓީމަށް ފަންސަވީސް ހާސް ރުފިޔާގެ އިނާމެއްވަނީ ހުށަހަޅާފައެވެ. އަދި ތިންވަނަ ޓީމަށް ފަނަރަ ހާސްރުފިޔާގެ އިނާމެއް އޮންދިގޯއިން ވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގެ ބަށި ރާނީއަށް ތިންހާސް ރުފިޔާވަނީ ހުށަހަޅާފައެވެ. އެންމެ މޮޅު ޖެހުންތެރިޔާއާއި ހިފުން ތެރިޔާއަށް ވަނީ ދެހާސް ރުފިޔާ ހުށަހަޅާފައެވެ.މިމުބާރާތް އިންތިޒާމް ކުރަނީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް އިނިޝިއޭޓިވް (އައުޑީ) އިންނެވެ.

އައުޑީގެ ރައީސާ ފާތިމަތު ހަނީފާ ވިދާޅުވީ މިމުބާރާތް އޮންނާނީ އޮގަސްޓް މަހު 28 އިން ސެޕްޓެމްބަރ 4 އަށެވެ. މުބާރާތް ކުރިއަށްދާނީ ހިތަދޫގައި ހުންނަ ދިރާގު އޮފީސް ކުރިމަތީގައި އޮންނަ ހުސްބިމުގައެވެ.

މިމުބާރާތުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކުން ޖުމްލަ 10 ޓީމްވަނީ ބައިވެރިވެފައެވެ. ފާތިމަތު ހަނީފާ ވިދާޅުވީ މިމުބާރާތަކީ އަންހެނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދިރުވުމުގެ މަގުސަދުގައި އޮންދިގޯ އިން ބާއްވައިދޭ މުބާރާތެެއް ކަމަށެވެ. މިމުބާރާތް މިއަހަރު މިފަށަނީ ކޮންމެ އަހަރަކުވެސް ބޭއްވުމުގެ ވަރަށް ބޮޑު އުންމީދާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ އަންހެނުންނަށް ޚާއްސަ ކޮށްގެން މިފަދަ މުބާރާތެއް ބާއްވައިދެއްވާތީ އޮންދިގޯގެ އިސްވެރިންނަށް އައުޑީގެ ނަމުގައި ފާތުމަތު ހަނީފާ ޝުކުރު އަދާ ކުރެއްވިއެވެ. އަދި އައްޑޫ އަންހެނުންނަށް ޚާއްސަ ކޮށްގެން ބާއްވާ މިފަދަ މުބާރާތަކަށް ފަސްޓް ލޭޑީ އެހީ ދެއްވީތީ އެކަމަނާއަށްވެސް ޝުކުރު އަދާ ކުރެއްވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement