ދަގަނޑޭގެ ޖާދުލުން ދިވެހިން ބަލިކޮށް ރައްޔިތުންގެ ތަށި މެލޭޝިޔާއަށް
ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަރ ކަޕު (ޕީޕަލްސް ކަޕް ނުވަތަ ރައްޔިތުންގެ ތަށި) ގެ ފައިނަލުގައި ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) މާޒިޔާ ކޮޅަށް ހެދި ހެޓްރިކާއެކު 5-3 އިން މޮޅުވެ މެލޭޝިޔާގެ ޕީޑީއާރުއެމް ޗެމްޕިއަންކަން ހޯދައިފިއެވެ.
މިމެޗުގައި ދަގަނޑޭ ލަނޑު ޖެހުމުން އޭނާ ވެގެން ގޮސްފައި ވަނީ ދިވެހި ކުޅުންތެރިޔަކު ބިދޭސީ ޓީމެއްގައި ހުރެ ދިވެހި ކްލަބެއް ކޮޅަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ ކަމުގައެވެ. އަދި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށްވެސްމެއެވެ. އަދި ދިވެހި ފަސްގަނޑުގައި ބިދޭސީ ކްލަބަކާއެކު ތައްޓެއް އުފުލާލި ދިވެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.މިމެޗް ފަށައިގެން ރަގަޅަށް ކުޅެ މެޗް ކޮންޓްރޯލްކޮށް ނުރައްކާތެރި ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔައީ ޕީޑީއާރުއެމްއިންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ 11 ވަނަ މިނެޓުގައި މާލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޑްރަމަނޭ ޓްރައޮރޭ ލަނޑެއް ޖަހައި ޕީޑީއާރުއެމްއަށް ލީޑް ނަގައި ދިނުމެވެ.
ދެން ފެނިގެންދިޔައީ، މުބާރާތް ފެށުނީއްސުރެ އެތައް ދިވެހިންނެއް ދެކެން ބޭނުންވި މަންޒަރެވެ. އެކުޅުންތެރިޔަކަށްޓަކައި މުޅި ގައުމު ފަހްރުވެރިވާ ދަގަނޑޭ މާޒިޔާ ދެޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު ލަނޑެއް ޖެހި މަންޒަރެވެ. ދަގަނޑޭ ލަނޑު ޖެހުމާއެކު މުޅި ދަނޑު ތަރުހީބުގެ އަޑުން ގުގުމައިގެންދިޔައެވެ.
ފުރަތަމަ ހާފް ނިމިގެންދިޔައީ މާޒިޔާގެ ފަރާތުން ވަރުގަދަ ރައްދެއް ޕީޑީއާެރުއެމްއަށް ނުދެވި އުޅެނިކޮށެވެ.
ދެވަނަ ހާފް ފަށައިގެން ޕީޑީއާރުއެމްއިން ކައިރި ކައިރީގައި ނުރައްކާތެރި ދެހަމަލާއެއް ފޮނުވާލިއެވެ. މިދެހަމަލާވެސް މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ޕީޑީއާރުއެމްއިން އުފައްދަމުން ދިޔަ ހަމަލާތައް މާޒިޔާއަށް ދިފާއު ކުރެވުނީ ކުޑަ އިރުކޮޅަކަށެވެ. ދެން ފެނިގެންދިޔައީ 51 ވަނަ މިނެޓުގައި ދަގަނޑޭ އިތުރު ލަނޑެއްޖަހައި މާޒިޔާ މާޔޫސް ކޮށްލި މަންޒަރެވެ.
މިލަނޑު ޖެހުމަށް ދަގަނޑޭ ވަނީ އުފާކުރުމުގެ ގޮތުން ބުރެއް އެއްލާފައެވެ. ދަގަނޑޭގެ ކެރިޔަރުގެ ފުރަތަމަ ލަނޑު، ޕޮމިސް ކަޕުގައި 2001 ވަނަ އަހަރު ވިކްޓަރީ ކޮޅަށް ޖެހުމަށްފަހުވެސް އޭނާ ވަނީ ބުރެއެް އެއްލާފައެވެ.
ޕީޑީއާރުއެމްއިން ތިން ލަނޑުގެ ލީޑެއް ނަގައި ހަމަޖެހިލައިގެން ތިއްބައި 74 ވަނަ މިނެޓުގައި މުހައްމަދު އިރުފާންގެ ލަނޑުން ފަރަގު ކުޑަ ކުރިއެވެ. މެޗުގެ ފޯރިގަދަ ވެގެންދިޔައީ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަސަދުﷲ އަބްދުﷲ ކާމިޔާބުކޮށް ޕީޑީއާރުއެމް ޕްރެޝަރަށް ދުއްވާލުމުންނެވެ. ފޯރީގައި ކުޅެމުންދިޔަ މާޒިޔާއިން އެއްވަރު ކުރީ މެޗުގެ އިތުރު ވަގުުތުގައި އަހުމަދު އިމާޒް (އާއްކޮ) ކާމިޔާބު ކުރި ލަނޑުންނެވެ.
ޕީޑީއާރުއެމްއިން ދެވަނަ ފަހަރަށް ލީޑް ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ޓްރައޮރޭއެވެ. މިލީޑް ފުޅާކޮށްދީ، މުބާރާތުގައި ފެނިގެންދިޔަ ހަމައެކަނި ހެޓްރިކް ދަގަނޑޭ ހެދީ 107 ވަނަ މިނެޓުގައެވެ. އިތުރަށް ކުޅުނު ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް މާޒިޔާއަށް ފަރަގު ކުޑަކޮށްދިނީ އެޓީމަށް ކުޅެމުންދާ ސްޕެއިންގެ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒްއެވެ.
މިއީ 1987 ވަނަ އަހަރުން ފެށިގެން 2003 ށް ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބިދޭސީ ކްލަބުތަކަށް ދައުވަތު ދީގެން ބޭއްވި ޕޮމިސް ކަޕުގެ ނަން ޕީޕަލްސް ކަޕަށް ރީބްރޭންޑް ކުރުމަށްފަހު ބޭއްވި ފުރަަތަމަ މުބާރާތެވެ.
ފައިނަލް މެޗް ފެށުމުގެ ކުރިން މުބާރާތުގެ ތަށި ގެނައި ރަސްމީ އިއްޒަތުގައި ތަށި ގެނައުމަށް ހާއްސަ ކޮށްފައިވާ ކާރު ކޮޅުގައެވެ. ދަނޑުން ތައްޓާ ހަވާލުވެލެއްވީ މުބާރާތުގެ ޗެއާމަން، ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ހޯދިއިރު، މިދިޔަ ސީޒަނުގައި މެލޭޝިޔާގައި ކުޅުނު އެންމެ މޮޅު ބިދޭސީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދަގަނޑޭ ހޯދާފައިވާތީ އެކަން ފާހަގަކޮށް ހާއްސަ އެވޯޑެއް ވަނީ ދީފައެވެ.ޕީޕަލްސް ކަޕުގައި ޕީޑީއާރުއެމް އާއި މާޒިޔާގެ އިތުރުން ދެން ވާދަކުރީ ނިއުރޭޑިއަންޓާއި ސިންގަޕޫރުގެ ލަޔަންސެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ ވެލެންސިޔާ އާއި ނިއުއެވެ. މިއިން ކޮންމެ ކްލަބެއް ވަނީ 3 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މިދެކްލަބަކީ ބިދޭސީ ޓީމުތައް ބަލިކޮށް މިމުބާރާތް ކާމިޔާބު ކުރެވުނު ރާއްޖޭގެ ހަމައެކަނި ދެކްލަބެވެ.
ކިޔުންތެރިންގެ ހިޔާލު