ނިއުއާ ދެކޮޅަށް ކުޅޭނީ ފައިނަލުން ޖާގަ ހޯދަން – ސުޒޭން
މާދަމާ ހަވީރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭނީ ތިން ޕޮއިންޓް ހޯދައި ފައިނަލުން ޖާގަ ހޯދުންކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
ސުޒޭން ބުނީ ނިއުއާ ދެކޮޅަށް ނިކުންނައިރު އޭނާގެ ޓާގެޓެއް އެބައޮތްކަމަށާއި އެއްޕޮއިންޓް ހޯދަން ނުކުޅޭނެކަމަށެވެ. "މާޒިޔާގެ ޓާގެޓަކީ ފައިނަލް. ނިއުއިންވެސް ނިކުންނާނީ ވަރަށް ވަރުގަދަކޮށްކަން އެނގޭ" ސުޒޭން ބުންޏެވެ.
މީގެ އިތުރުން ސުޒޭން ބުނީ މިއަދުގެ މެޗުގައި ބައެއް ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ދިނުމަށްވެސް ވިސްނާކަމަށެވެ. އޭގެ ތެެރޭގައި މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސައިން ނިޔާޒް (ބޮކުރީ) ހިމެނެއެވެ.
ނިއުގެ ކޯޗް މީކާ ބުނީ ފަހު މެޗުން މޮޅުވުމަކީ މުހިއްމުކަމެއް ކަމަށާއި މޮޅުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. "ޖެހިޖެހިގެން ތިން މެޗުން ބަލި ވުމަކީ އަހަންނަށް ގަބޫލް ކުރެވޭނެ ކަމެއް ނޫން. މާޒިޔާއަށް ދެކޮޅަށް ކުޅޭނީ މޮޅުވާން. މިމެޗް އަހަރެން ނަގާނީ ވަރަށް ސީރިއަސްކޮށް" މީކާ ބުންޏެވެ.
ނިއު މުބާރާތުން ކަޓާފައިވާއިރު މާދަމާގެ މެޗުން އެއްޕޮއިންޓް ހޯދައިގެން މާޒިޔާއަށް ފައިނަލްގެ ޖާގަ ޔަގީން ކުރެވޭނެއެވެ. ނިއު އަތުން މާޒިޔާ ބަލިވިޔަސް، މާދަމާ ރޭ ޕީޑީއާރުއެމް އާއި ލަޔަންސް ބައްދަލު ކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން މާޒިޔާއަށް ފައިނަލުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.
ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށްދާ ގޮތަށް ކުޅޭ މިމުބާރާތުގެ ތާވަލުގެ ކުރީގައި މާޒިޔާ އޮތީ 4 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކުއެވެ. ދެވަނައިގައި ޕީޑީއާރުއެމް އޮތީ 4 ޕޮއިންޓާއި ފައިދާ 1 ލަނޑާއެކުއެވެ. ތިންވަނައިގައި 3 ޕޮއިންޓާއި ފައިދާ ދެލަނޑާއެކު އޮތީ ލަޔަންްސެވެ. ތާވަލުގެ ފުލުގައި ނިއުއޮތީ ޕޮއިންޓެއް ނުލިބި ގެއްލުން 2 ލަނޑާއެކުއެވެ.
ކިޔުންތެރިންގެ ހިޔާލު