ރައީސްގެ އެދިވަޑައިގަތުމަށް "ޕޮމިސް" ކަޕުގެ ނަން ބަދަލުކޮށްފި

image ރައީސް ޔާމިން

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން "ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް" ކަޕުގެ ނަން "ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް" ކަޕަށް ނަން ބަދަލުކޮށްފައެވެ.

ނަން ބަދަލު ކުރިނަމަވެސް ކުރުކޮށް ކިޔެނީ ހަމަ ޕޮމިސް ކަޕެވެ.

"ރައީސް ބޭނުން ވަނީ ޕޮމިސް ކަޕް އެއީ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕުގެ ބަދަލުގައި ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕަށް ހަދައި، ދިވެހިރާއްރާއްޖޭގެ ރައްޔިތުންގެ އިންވިޓޭޝަނަލް ކަޕަކަށް ހަދައި ކޮންމެ އަހަރަކުވެސް އެމުބާރާތް ކުރިއަށް ދިޔުން" ޕޮމިސް ކަޕުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އަދީބު ވިދާޅުވިއެވެ.

"ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕް ކުޅެވޭނީ ކްލަބުތައް ވާދަކުރާ މުބާރާތެއްގެ ގޮތުގައި. އަދި ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕް ދެން ކުޅެވޭނީ ގައުމީ ޓީމުތައް ވާދަ ކުރާ މުބާރާތެއްގެ ގޮތުގައި" ޕޮމިސް ކަޕުގެ ޗެއާމަންކަން ކުރައްވަމުންވެސް ގެންދަވާ އަދީބު ވިދާޅުވިއެވެ.

ޕޮމިސް ކަޕަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި 1987 ވަނަ އަހަރު އޭރުގެ ރައީސް (މިހާރުގެ ރައީސް ޔަމީންގެ އެއްބަފާ ބޭބޭފުޅު) އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ތައާރަފް ކުރި މުބާރާތެކެވެ. ރައީސް މައުމޫނު އޭރު ވިދާޅުވެފައި ވަނީ ޕޮމިސް ކަޕަކީ ރާއްޖޭގެ ފެންވަރުން ރާއްޖޭގެ ފުޓްބޯޅަ އާއި އޭޝިޔާގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ތައާރަފް ކުރި މުބާރާތެއްކަމަށެވެ. ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތް އެންމެފަހުން ބާއްވާފައި ވަނީ 2003 ވަނަ އަހަރުއެވެ. އެންމެފަހުގެ ޗެމްޕިއަންނުންނަކީ އިންޑިޔާގެ މަހިންދްރަ ޔުނައިޓެޑުގައެވެ.

ކުރިއަށް އޮތް ބުރާސްފަތި ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓާއި އެފްއޭކަޕް ޗެމްޕިއަން މާޒިޔާއެވެ. ރާއްޖެއިން ބޭރުން ވާދަކުރާ ބިދޭސީ ދެކްލަބަކީ ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމް އާއި ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް