ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންގެ ޗުއްޓީއާއި މުސާރަ ކެނޑިގެންނުވާނެ- ރައީސް
ރާއްޖޭގެ ގައުމީޓީމުތަކުގައި ހިމެނިގެން ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލް ކުރަމުންދާ ކުޅުންތެރިން ބޭރުގައި ހޭދަ ކުރާ ދުވަސްވަރަކީ އެކުޅުންތެރިންގެ ޗުއްޓީކަމަށް ނުބެލެވޭނެ ކަމަށާއި އަދި އެކަމަކީ ކުޅުންތެރިންގެ މުސާރައިންވެސް ކެނޑޭނެ ކަމެއް ކަމަށް ބެލެވިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ގައުމީޓީމުތަކުގެ ކުޅުންތެރިންނަށް ދާއިމީ މުސާރަދިނުން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކުޅިވަރު ކަންކަމަށް ކުޅުންތެރިން ދޫކުރުމުގެ ކަންކަން އޮންނަނީ އެހާ ފަސޭހަގޮތަކަށް ނޫންކަމަށް އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެއީ ޙައްލު ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިހާރު އެކުލަވާލަމުން ގެންދަވާ ކުޅިވަރާބެހޭ ބިލުންއެކަން ހައްލު ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ ކުޅިވަރާ ބެހޭ ގާނޫނެއް ޑްރާފްކުރުމުގެ މަސައްކަތް މިހާރު ހިނގަމުންއެބަދޭ. މީގެ ތެރޭގައި އަޅުގަޑނޑުމެން ހައްލުތަކެއް ހޯދާނަން. އަދި އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ސިވިލްސާވިސްއަށް އަންނަ އިސްލާހުގެ ތެރޭގައިވެސް އަޅުގަނޑުމެން މިކަން ހިމެނޭތޯ ބަލާނަން. މިކުދިން ވީއްލުމާއި ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލް ކުރަން މިކުދިން ހޭދަކުރާ ވަގުތުތަކަކީ އެކުދިންގެ ޗުއްޓީ ކަމަކަށްވެސް ބެލެވިގެންނުވާނެ. އަދި އެކުދިންގެ މުސާރައިން ކެނޑޭ ކަމެއްކަމުގައިވެސް ބެލެވިގެންނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި މިކަންކަން ހަމަޖެއްސޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު