ދަގަނޑޭ ކުޅެމުން އަންނަ ޕީޑީއާރުއެމް ޕޮމިސް ކަޕުގައި ވާދަކުރަން ނިންމައިފި

image

މިމަހުގެ 28-22 ށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ކަޕް ސޮކާ ކަޕް (ޕޮމިސް ކަޕް) ގައި ވާދަކުރުމަށް، ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމްއިން ނިންމައިފިއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޕީޑީއާރުއެމްއަށް ފޮނުވި ދައުވަތު އެކްލަބުން ގަބޫލް ކުރިކަން ހާމަވީ، ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓަކުންނެވެ.

"އަހަރެން ވަރަށް އުފަލާއެކު ހާމަކުރަން ޕޮމިސް ކަޕުގައި ބައިވެރިވުމަށް އެދި އެފްއޭއެމްއިން ފޮނުވާފައިވާ ދައުވަތު ޕީޑީއާރުއެމްއިން ގަބޫލް ކޮށްފިކަން" ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.

"ގިނަ ދުވަސްތަކަކަށްފަހު ގައުމީ ދަނޑުގައި، ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން" ނިމިގެންދިޔަ ސީޒަނުގައި ޕީޑީއާރުއެމްއަށް މެލޭޝިޔާ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް މޮޅު ކުޅުމެއް ދެއްކި ދަގަނޑޭ ބުންޏެވެ.

ޕޮމިސް ކަޕުގައި ވާދަކުރުމަށް ޕީޑީއާރުއެމް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ޕޮމިސް ކަޕް އެންމެފަހުން ބާއްވާފައި ވަނީ 2003 ވަނަ އަހަރުއެވެ. އަލުން ޕޮމިސް ކަޕް ބާއްވަން ނިންމީ މިދިޔަ އޮކްޓޫބަރު މަހު އެފްއޭއެމް ހިންގުމާއި ހަވާލުވި ފީފާގެ ނޯމަލައިޒޭޝަން ކޮމެޓީންނެވެ.

މިފަހަރުގެ ޕޮމިސް ކަޕުގައި ރާއްޖެއިން ބޭރުން ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ ދެކްލަބެވެ. އެފްއޭއެމް އިން ވަނީ ސިންގަޕޫރާއި ކުވައިތާއި ބަހްރައިން އަދި ތަޖަކިސްތާނުގެ ކްލަބުތަކަށްވެސް ޕޮމިސް ކަޕުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައެވެ.

ރާއްޖޭގެ ކްލަބުތަކުގެ ތެރެއިން މިފަހަރު ޕޮމިސް ކަޕުގައި ވާދަކުރަނީ ނިއުރޭޑިއަންޓާއި މާޒިޔާގެ އިތުރުން އީގަލްސްއެވެ.

ޕޮމިސް ކަޕުގެ ޗެމްޕިއަން ޓީމަށް ދޭނެ ފައިސާގެ އިނާމް މިހާތަނަށް އެފްއޭއެމް ހާމަކޮށްފައިނުވާއިރު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...