ނިއުރޭޑިއަންޓަށް ބްރެޒިލް ފޯވާޑެއް
ކުރިން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް އެވަޓަން ސްއާޒޯ ސަންތޯސް (ސަންތޯސް) ނިއުރޭޑިއަންޓަށް ސޮއި ކޮށްފިއެވެ.
ނިއުއަށް ސަންތޯސް ސޮއި ކުރިކަން އެކްލަބުން ހާމަކުރީ އެކްލަބުގެ ރަސްމީ ވެބްސައިޓުގައެވެ. އޭވައިއެލްއިން 2012 ވަނަ އަހަރު އެފްއޭ ކަޕުގެ ތިންވަނަ މަގާމް ހޯދިއިރު ސަންތޯސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ސަންތޯސް ފާހަގަ ކުރެވިފައި ވަނީ އޭނާގެ ހަލުވި ސްޕީޑާއި ކޮއްޓުމާއި ނެއްޓުމުގެ ހުނަރުން އިދިކޮޅު ޑިފެންޑަރުން ސިއްސުވާލާ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ސަންތޯސްއަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއުއަށް ސޮއިކުރި ބިދޭސީ ދެވަނަ ކުޅުންތެރިޔާއެވެ. ފުރަތަމަ ކުޅުންތެރިޔަކީ ސްޕެއިންގެ ކީޕަރު ޕެޑްރޯ މަރެންކޯއެވެ. މަރެންކޯ އެންމެފަހުން ކުޅެފައި ވަނީ ފިލިޕީންސްގެ ފުރަތަމަ ޑިވިޝަނުގައެވެ. ނިއުއިން ކީޕަރެއް ހޯދާފައި ވަނީ، ފާއިތުވެދިޔަ ތިން އަހަރު އެކްލަބުގެ ގޯލު ބެލެހެއްޓި އިތުބާރު ކީޕަރު އިމްރާން މުހައްމަދު މާޒިޔާއަށް ބަދަލުވުމުންނެވެ.
ނިއުރޭޑިއަންޓުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބިދޭސީ ތިން ކުޅުންތެރިން ނިއުއަށް ސޮއި ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް ތިންވަނަ ކުޅުންތެރިޔާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު