އިމްރާން އާއި އާއްކޮ އަދި ބޮކުރީ މާޒިޔާއަށް ސޮއި ކޮށްފި
ފާއިތުވެދިޔަ ތިން އަހަރު ނިއުރޭޑިއަންޓުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު އެކްލަބު ދޫކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އިއްޔެ ސޮއި ކޮށްފިއެވެ.
މާޒިޔާއަށް އިމްރާން ސޮއި ކުރިކަން އެކްލަބުން ހާމަކުރީ އިއްޔެ މަޒާޑާގައި އެކަމަށްޓަކައި ބޭއްވި ހަފްލާއެއްގައެވެ. އިމްރާން ބުނީ މާޒިޔާއަށް ބަދަލުވީ އެކްލަބަކީ ފުޓްބޯޅައިގެ ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރާ ކްލަބަކަށްވާތީކަމަށެވެ. ނިއުރޭޑިއަންޓުގެ ކެޕްޓަންކަން މިސީޒަނުގައި ކުރި އިމްރާން ބުނީ ކޯޗް އަލީ ސުޒޭނާއެކު އަންނަ ސީޒަނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެކަމަށް އުއްމީދު ކުރާކަމަށެވެ.
"މާޒިޔާއަށް ބަދަލުވީ ދިވެހި ފުޓްބޯޅައިގެ އެންމެ އުހަށް އެރުމަށްޓަކައި އެކްލަބުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން. ސުޒޭނަކީ ރާއްޖޭގެ އެންމެ މޮޅު އެއްކޯޗު. އުއްމީދަކީ ވިކްޓަރީގައި ސުޒޭނާއެކު ހޯދި ކާމިޔާބީތައް މާޒިޔާގައި ތަކުރާރު ކުރެވޭނެކަމަށް" ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައިވާ ތަޖުރިބާކާރު ކީޕަރު އިމްރާން ބުންޏެވެ.
އިމްރާންގެ އިތުރުން ކުރިއަށް އޮތް ސީޒަނުގައި މާޒިޔާއަށް ކުޅުމަށް އީގަލްސްގެ ޒުވާން ފޯވާޑް އަހުމަދު އިމާޒް (އާއްކޮ) އާއި މަހިބަދޫގެ ނުރައްކާތެރި ވިންގަރ ހުސައިން ނިޔާޒް (ބޮކުރީ) ވަނީ ސޮއި ކޮށްފައެވެ.
މާޒިޔާއިން ބުނެފައި ވަނީ ނިމިގެންދިޔަ ސީޒަނުގައި އެކްލަބަށް ކުޅުނު ޒުވާން ދެމިޑްފީލްޑަރުން ކަމުގައިވާ މޫސާ ޔާމީނާއި މުހައްމަދު އިރުފާން އަދި އިތުބާރު ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެކްލަބުގެ ކޮންޓްރެކްޓް އާކޮށްފައިވާކަމަށެވެ. މީގެ އިތުރުން ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މާޒިޔާގެ އޮފިޝަލް އަބްދުލްވައްހާބް ވިދާޅުވިއެވެ.
މާޒިޔާއިން ވަނީ ނިމިގެންދިޔަ ސީޒަނުގައި އެފްއޭކަޕުގެ ޗެމްޕިއަންކަން ހޯދައި ކުރިއަށް އޮތް އަހަރުގެ އޭއެފްސީ ކަޕުގެ ފްލޭއޯފް ޖާގައެއް ހޯދާފައެވެ.
ކިޔުންތެރިންގެ ހިޔާލު