ދަގަނޑޭގެ އެހީތެރި ކަމާއެކު ލީގް ޗެމްޕިއަންކަން ހޯދައި ޕީޑީއާރުއެމް ފުރަތަމަ ޑިވިޝަނަށް
ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) ގެ އެހީތެރި ކަމާއެކު މެލޭޝިޔާ ދެވަނަ ޑިވިޝަން (އެސްޓްރޯ މެލޭޝިޔާ ސެކަންޑް ޑިވިޝަން) ގެ ޗެމްޕިއަންކަން ހޯދައި ޕީޑީއާރުއެމް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެއެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރިހުގައި ރާއްޖޭގެ ކުޅުންތެރިޔަކު ބޭރު ގައުމެއްގެ ލީގެއް ކާމިޔާބު ފުރަތަމަ ފަހަރެވެ.
ޕީޑީއާރުއެމް ލީގް ޗެމްޕިއަންކަން ހޯދައި ފުރަތަމަޑިވިޝަނަށް ކޮލިފައިވީ އިއްޔެ ނެގްރީ ސެންބިލަން އަތުން 4-0 އިން މޮޅުވެ، 21މެޗުން 52 ޕޮއިންޓް ހަމަކޮށް ލީގުގައި ބާކީ އެއްމެޗް އޮއްވައެވެ. ދަގަނޑޭ ވަނީ މިމެޗުގައި ޕީޑީއާރުއެމްގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ޕީޑީއާރުއެމްއިން މިސީޒަނުގައި އެކްލަބަށް ދަގަނޑޭގެންދިޔުމަށްފަހު ބުނެފައި ވަނީ ދަގަނޑޭ ވެގެންދާނީ ފުރަތަމަ ޑިވިޝަނަށް އެޓީމު އެރުމަށްޓަކައި ބޭނުން ކުރާނެ އެންމެ ނުރައްކާތެރި ހަތިޔާރު ކަމުގައެވެ.
ލީގުގައި ދަގަނޑޭވަނީ 16 ލަނޑު ކާމިޔާބުކޮށް ލަނޑު ލިސްޓުގެ ކުރި ހޯދައި އެކަން ސާބިތުކޮށްދީފައެވެ. ދަގަނޑޭ ނުލައި ޕީޑީއާރުއެމް ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން ބަލިވިއިރު އަނެއް ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ހިޔާލު