ފިލިޕީންސް އަތުން ބަލިވެ ސެމީފައިނަލުން ރާއްޖެ ކަޓައިފި
އޭއެފްސީ ޗެލެންޖް ކަޕް ސެމީފައިނަލުގައި 3-2 އިން ފިލިޕީންސް އަތުން ބަލިވެ، މުބާރާތުން ރާއްޖެ ކަޓައިފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ، މެޗުގެ ފުރިހަމަ ވަގުތު (90 މިނެޓް) ހަމަވުމުން އިތުރަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފްގެ ކުރީކޮޅު ފިލިޕީންސުން ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ފިލިޕީންސެވެ. މިލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗެލްސީގެ ކުރީގެ ފޯވާޑް ފިލް ޔަންގް ހަޒްބަންޑެވެ. މުހައްމަދު އުމައިރުގެ ލަނޑުން ރާއްޖެއިން އެއްވަރުކުރީ 30 ވަނަ މިނެޓުގައެވެ. ދެވަނަ ފަހަރަށް ފިލިޕީންސުން ލީޑް ނެގީ 33 ވަނަ މިނެޓުގައެވެ.
ދެވަނަ ހާފް ފަށައިގެން ފުލުފުލުގައި ރާއްޖެއިން ދިޔައީ ހަމަލާ އުފައްދަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 55 ވަނަ މިނެޓުގައި ރާއްޖެއަށް ޕެނަލްޓީއެއް ލިބުމެވެ. މިއީ ފިލިޕީންސްގެ އޭރިޔާގެ ތެރެއިން ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) އަށް ކުރި ކުށަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ) ފޮނުވާލި ޕެނަލްޓީ ފިލިޕީންސް ކީޕަރު މުލާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ދިހަ މިނެޓް ފަހުން މެޗުގެ ނަތީޖާ ރާއްޖެއަށް އެއްވަރު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަސަދުﷲ އަބްދުﷲއެވެ.
މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގަ ކަށަވަރު ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 86 ވަނަ މިނެޓުގައި ދަގަނޑޭއަށެވެ. ފިލިޕީންސްގެ ތިން ޑިފެންޑަރުން ކައިރިން ބޯޅަ ނައްޓާލުމަށްފަހު ކީޕަރު ކައިރިންވެސް ނެއްޓުމަށްފަހު ދަގަނޑޭ ގޯލަށް އެބޯޅަ ފޮނުވާލުމުގެ ބަދަލުގައި ދިނީ އަސަދުﷲ އަށެވެ. ގޯލަށް އަމާޒުކޮށް އަސަދުﷲ އެބޯޅަ ފޮނުވާލިނަމަވެސް ފިލިޕީންސް ޑިފެންޑަރުން ވަނީ އެހަމަލާ ދިފާއުކޮށްފައެވެ.
މިމެޗުން ބަލިވެ ތިންވަނަ ހޮވާ މެޗުގައި މާދަމާ ރޭ އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނަން ޖެހޭނެއެވެ.
ފައިނަލުގައި ފަލަސްތީނާއި ފިލިޕީންސް ބައްދަލު ކުރާ މެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު