ބޭނުން ވަނީ ޕެނަލްޓީއަށް ނުގޮސް މެޗް ކާމިޔާބު ކުރަން– ފަލަސްތީން ކޯޗް
އޭއެފްސީ ޗެލެންޖް ކަޕް ސެމީފައިނަލުގައި މާދަމާ ހަވީރު އަފްޣާނިސްތާނުގެ މައްޗަށް ކުރި ހޯދަން ބޭނުންވަނީ ޕެނަލްޓީއަށް ނުގޮސްކަމަށް ފަލަސްތީނުގެ ކޯޗް ޖޯޑަންގެ ޖަމާލް މަހްމޫދު ބުނެފިއެވެ.
މަހުމޫދު މިހެން ބުނީ ހެންވެއިރު ދަނޑުގައި އިއްޔެ އޮތް ފަރިތަކުރުންތަކަށްފަހު އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރަސްމީ ވެބްސައިޓަށް ދިން ހާއްސަ ބަސްދީގަތުމެއްގައެވެ.
"ފަހަރެއްގައި ނަތީޖާ ނެރުމަށް ޕެނަލްޓީއާ ހަމައަށްވެސް ދާން ޖެހިދާނެ. އަދި ޕެނަލްޓީ ޖަހަން ޖެހިދާނެކަމަށް ކުޅުންތެރިން ތައްޔާރުވާން ޖެހޭ. އެކަމަކު އަހަރެން ބޭނުން ވަނީ ޕެނަލްޓީއަށް ނުގޮސް މެޗް ކާމިޔާބު ކުރަން" މަހްމޫދު ބުންޏެވެ.
މަހްމޫދު ބުނީ މިމުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި އެއްގައުމަކީ އަފްޣާނިސްތާން ކަމަށާއި އެހެންކަމުން އެގައުމާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށެވެ.
"އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗް ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް. އަފްޣާނިސްތާން ވަނީ މުބާރާތަށް ތައްޔާރުވުމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެފައި. އަހަރެން އުއްމީދު ކުރަނީ މިމެޗް ކާމިޔާބުކޮށް ފައިނަލަށް ދެވޭނެކަމަށް" މަހްމޫދު ބުންޏެވެ.
ޗެލެންޖް ކަޕުގެ ސެމީފައިނަލުން ފަލަސްތީން ޖާގަ ހޯދީ 7 ޕޮއިންޓާއެކު ގްރޫޕް "އޭ" ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ފަލަސްތީން ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން މޮޅުވީ 2-0 އިންނެވެ. ދެވަނަ މެޗުގައި މިޔަންމާ އަތުންވެސް މޮޅުވީ ހަމަ މިނަތީޖާއިންނެވެ. ތިންވަނަ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވީއެވެ.
ސެމީފައިނަލުން އަފްޣާނިސްތާން ޖާގަ ހޯދީ 5 ޕޮއިންޓާއެކު ގްރޫޕް "ބީ" ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އަފްޣާނިސްތާން މޮޅުވީ ތުރްކެމެނިސްތާން އަތުން އެކަންޏެވެ. ފިލިޕީންސާއި ލާއޯސްއާ ދެކޮޅަށް ކުޅެ ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ފައިނަލުން ޖާގަ ހޯދުމަށް ކުޅުންތެރިން ތިބީ ވަރުގަދަ ރޫހެއްގައި – ގައުމީ ކޯޗްއޭއެފްސީ ޗެލެންޖް ކަޕް ސެމީފައިނަލުގައި މާދަމާ ރޭ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ފިލިޕީންސް ބަލިކޮށް ފައިނަލުން ޖާގަ ހޯދުމަށް ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ ރޫހެއްގައިކަމަށް ގައުމީ ޓީމުގެ ކޯޗް ކްރޭޝިޔާގެ ޑްރޭގޯ މަމިޗް ބުނެފިއެވެ.މަމިޗް މިހެން ބުނީ އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރަސްމީ ވެބްސައިޓަށް އިއްޔެ ދިން ބަސްދީގަތުމެއްގައެވެ.
"ކުޅުންތެރިން ތިބީ ފައިނަލުން ޖާގަ ހޯދުމަށް ވަރަށް ވަރުގަދަ ރޫހެއްގައި. ސެމީފައިނަލް މެޗަށް ކުޅުންތެރިބީ ކެތްމަދުވެފައި" މަމިޗް ބުނެފައިވެއެވެ.
ކްރޭޝިޔާގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކުގައި މަސައްކަތް ކޮށްފައިވާ މަމިޗް ބުނީ ސެމީފައިނަލުގައި ކުޅެން ޖެހުނު ގައުމާމެދު ނުވިސްނާކަމަށާއި އޭނާގެ އަމާޒަކީ ސެމީފައިނަލް މެޗަށް ކުޅުންތެރިން ފުރިހަމައަށް ތައްޔާރު ކުރުންކަމަށެވެ.
"އަހަރެން ނުބަލަން ސެމީފައިނަލް މެޗް ކުޅެން ރަނގަޅީ ކޮން ގައުމަކާތޯ. ގްރޫޕް ބީ އިން ސެމީފައިނަލުން ޖާގަ ހޯދި ފިލިޕީންސާއި އަފްޣާނިސްތާނަކީވެސް އަހަރެމެންނަށް ހަމަހަމަ ދެގައުމު" މަމިޗް ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ސެމީފައިނަލުގައި ނުކުންނަ ފިލިޕީންސް ގައުމީ ޓީމުގެ ކޯޗް ޑޫލޭ ބުނީ ސެމީފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުމަކީ ބޮޑު އިމްތިހާނެއްކަމަށެވެ.
"މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ގޮންޖެހުމެއް. ދިވެހި ސަޕޯޓަރުންގެ ތަރުހީބުގެ ސަބަބުން އަހަރެމެންގެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ގަބޫލް ކުރެވޭ. އެކަމަކު އަމާޒަކީ ރާއްޖެ ބަލިކޮށް ފައިނަލުން ޖާގަ ހޯދުން" ޑޫލޭ ބުންޏެވެ.
ފިލިޕީންސް ވަނީ 2012 ވަނަ އަހަރު ޗެލެންޖް ކަޕުގެ ތިންވަނަ މަގާމް ހޯދާފައެވެ. ޗެލެންޖް ކަޕުގައި މީގެ ކުރިން ރާއްޖެ ވާދަ ކޮށްފައިވަނީ 2012 ވަނަ އަހަރު އެކަންޏެވެ. އެފަހަރު ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ކިޔުންތެރިންގެ ހިޔާލު