ފައިނަލުން ޖާގަ ހޯދުމަށް ކުޅުންތެރިން ތިބީ ވަރުގަދަ ރޫހެއްގައި – ގައުމީ ކޯޗް
އޭއެފްސީ ޗެލެންޖް ކަޕް ސެމީފައިނަލުގައި މާދަމާ ރޭ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ފިލިޕީންސް ބަލިކޮށް ފައިނަލުން ޖާގަ ހޯދުމަށް ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ ރޫހެއްގައިކަމަށް ގައުމީ ޓީމުގެ ކޯޗް ކްރޭޝިޔާގެ ޑްރޭގޯ މަމިޗް ބުނެފިއެވެ.މަމިޗް މިހެން ބުނީ އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރަސްމީ ވެބްސައިޓަށް އިއްޔެ ދިން ބަސްދީގަތުމެއްގައެވެ.
"ކުޅުންތެރިން ތިބީ ފައިނަލުން ޖާގަ ހޯދުމަށް ވަރަށް ވަރުގަދަ ރޫހެއްގައި. ސެމީފައިނަލް މެޗަށް ކުޅުންތެރިބީ ކެތްމަދުވެފައި" މަމިޗް ބުނެފައިވެއެވެ.ކްރޭޝިޔާގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކުގައި މަސައްކަތް ކޮށްފައިވާ މަމިޗް ބުނީ ސެމީފައިނަލުގައި ކުޅެން ޖެހުނު ގައުމާމެދު ނުވިސްނާކަމަށާއި އޭނާގެ އަމާޒަކީ ސެމީފައިނަލް މެޗަށް ކުޅުންތެރިން ފުރިހަމައަށް ތައްޔާރު ކުރުންކަމަށެވެ.
"އަހަރެން ނުބަލަން ސެމީފައިނަލް މެޗް ކުޅެން ރަނގަޅީ ކޮން ގައުމަކާތޯ. ގްރޫޕް ބީ އިން ސެމީފައިނަލުން ޖާގަ ހޯދި ފިލިޕީންސާއި އަފްޣާނިސްތާނަކީވެސް އަހަރެމެންނަށް ހަމަހަމަ ދެގައުމު" މަމިޗް ބުންޏެވެ.ރާއްޖެއާ ދެކޮޅަށް ސެމީފައިނަލުގައި ނުކުންނަ ފިލިޕީންސް ގައުމީ ޓީމުގެ ކޯޗް ޑޫލޭ ބުނީ ސެމީފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުމަކީ ބޮޑު އިމްތިހާނެއްކަމަށެވެ.
"މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ގޮންޖެހުމެއް. ދިވެހި ސަޕޯޓަރުންގެ ތަރުހީބުގެ ސަބަބުން އަހަރެމެންގެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ގަބޫލް ކުރެވޭ. އެކަމަކު އަމާޒަކީ ރާއްޖެ ބަލިކޮށް ފައިނަލުން ޖާގަ ހޯދުން" ޑޫލޭ ބުންޏެވެ.ފިލިޕީންސް ވަނީ 2012 ވަނަ އަހަރު ޗެލެންޖް ކަޕުގެ ތިންވަނަ މަގާމް ހޯދާފައެވެ. ޗެލެންޖް ކަޕުގައި މީގެ ކުރިން ރާއްޖެ ވާދަ ކޮށްފައިވަނީ 2012 ވަނަ އަހަރު އެކަންޏެވެ. އެފަހަރު ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ކިޔުންތެރިންގެ ހިޔާލު