ދަގަނޑޭ އާއި އުމައިރުގެ ލަނޑުތަކުން މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓް ފައިނަލަށް

ރައީސުލް ޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ނުރައްކާތެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމައިރުގެ މޮޅު ކުޅުމާއެކު މާޒިޔާ އަތުން 3-1 އިން މޮޅުވެ ފައިނަލުން ނިއު ރޭ ޖާގަ ހޯދައިފިއެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ދަގަނޑޭ ވަނީ ރޭ މާޒިޔާ ކޮޅަށް ދެލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ދަގަނޑޭ ކާމިޔާބު ކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. އޭގެ 6 މިނެޓްފަހުން މުހައްމަދު އާރިފް (ބަކާ)ގެ ލަނޑުން ނަތީޖާ ހަމަހަމަ ކޮށް މާޒިޔާއިން ފައިނަލަށް ދިޔުމުގެ އުއްމީދު އާކުރިއެވެ.

ނިއުއަށް ދެވަނަ ފަހަރަށް ލީޑް ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުމައިރެވެ. އޭނާ މިލަނޑު ޖަހާފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައި އޭރިޔާގެ ބޭރު ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. ނިއުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ދަގަނޑޭ ކާމިޔާބު ކުރީ އުމައިރުގެ ހިތްގައިމު ހުރަހަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗްކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރި މުހައްމަދު އިގްބާލް ބުނީ މޮޅުވީ ވަރަށް އުނދަގުލުން ކަމަށާއި ކުރީގެ ކޯޗް ވެލީޒާ ޕޮޕޯފް ނެތްތަން ދެއްކިކަމަށެވެ. "އަހަރެމެން މެޗް ފެށީ ރަގަޅަށް. އެކަމަކު ޕޮޕޯފް (މިސީޒަނުގައި ނިއުއަށް އިރުޝާދުދިން ކޯޗް) ނެތްތަން ވަރަށް ބޮޑަށް ދެއްކި. ނިއު ކޮޅަށް މެޗް އެނބުރުނީ ދެވަނަ ހާފްގައި ގެނައި ބަދަލުތަކުން" އިގްބާލް ބުންޏެވެ.

މާޒިޔާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ނިއުއާ ދެކޮޅަށް ކުޅޭއިރު އަބަދުވެސް މާޒިޔާއަށް ދިމާވަނީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށެވެ. "ކޮންމެފަހަރަކުވެސް ނިއު ބަލިކުރުމާ ވަރަށް ކައިރިއަށް ދެވޭ. އެކަމަކު ލިބޭ ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވޭ. މިމެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ" އިންމަ ބުންޏެވެ.

މިއީ މިސީޒަނުގައި ނިއު އަތުން މާޒިޔާ ބަލިވި 6 ވަނަ މެޗެވެ. މިމެޗުން ބަލިވިނަމަވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު މާޒިޔާއަށް އަދި ނުގެއްލެއެވެ. ސެމީގެ ތިންވަނަ މެޗުގައި މިމަހުގެ 12 ވަނަ ދުވަހު މާޒިޔާ ބައްދަލު ކުރަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މިރޭ ބީޖީ އާއި އޭވައިއެއް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement