އަށްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުވޭތުން ނިއު ބަލިކޮށްފި
މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅުނު އޭއެފްސީ ކަޕްގެ ކުވާޓަރ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ރާއްޖެގެ ނިއުރޭޑީއަންޓް ބަލިކޮށް ކުވޭތުގެ ކުވޭތު ސްޕޯޓްސް ކުލަބު ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ރާއްޖޭގެ 8600 ސަޕޯޓަރުންގެ ކުރިމަތީގައި މިއަދު ކުޅުނު މެޗު ކުވޭތުން ކާމިޔާބު ކުރީ 7-2 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިއީ މި ސީޒަނުގައިވެސް ނިއުބަލިވި ދެވަނަ މެޗެވެ.މިއަދުގެ މެޗު ފަށައިގެން ފުރަތަމަ މިނިޓުގައި ކުވައިތުން ލަނޑު ޖެހީ ރޮގޭރިއޯ ކޫޓިނިއޯ އެވެ. ދެވަނަ ލަނދު 14 ވަނަ މިނެޓުގައި ޖަހައިދިނީ ހައްމާމީ އެވެ. އެފަހުން އެޓީމުގެ މަޝްހޫރޫ ކުޅުންތެރިޔާ އިސާމް ޖެމާ ވަނީ 4 ލަނޑު ޖަހައި ފުރަތަމަ ހާފް ނިމުނު އިރު ނަތީޖާ 6-0 އަށް ބަދަލު ކޮށްފައެވެ.
ދެވަނަ ހާފްގައި ނިއުކުޅެން ނުކުތީ ބަދަލަކާ އެކުއެވެ. ޖާޒީނަންބަރު 10 އަލީ އުމަރުގެ ބަދަލުގައި ގާނާގެ މިޑްފީލްޑަރު ޔޫސިފް ނޫރައްދީން ކުޅެން ނިކުތެވެ. ފަހުހާފްގައި ނިއު އިންވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށް ކުވޭތަށް ބާރުބޮޑު ކޮށްފައެވެ. ނިއުއިން ކުޅުން ރަނގަޅުކޮށް 54 ވަނަ މިނިޓުގައި ވަނީ ފުރަތަމަ ލަނޑު ޖަހައިފައެވެ. މިލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެފަހުން 66 ވަނަ މިނިޓުގައި ނިއުއަށް ދެވަނަ ލަނޑު ޖަހައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާ މިލަނޑު ޖެހީ ކުވޭތުގެ 3 ކުޅުންތެރިން ގާތުން ބޯޅަ ނައްޓާ ލުމަށްފަހު ވަރަށް ރީތިކޮށްނެވެ. އޭގެ ކުރިން ކުވޭތުގެ ކުޅުންތެރިން ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭއަށް ފައުލް ކުރުމުން އީރާންގެ ރެފްރީ ދިން ޕެނަލްޓީ ދަގަނޑޭ އަށް ޖެހުނީ ބޭރަށެވެ. މިއަދުގެ މެޗުގައި ނިއުއަށް ވަރަށް ރަނގަޅު ފުރުސަތުތަކެއްވެސް ލިބިގެން ދިޔައެވެ.
ކުވޭތުގެ 7 ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައި ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ނިއުގެ ޑިފެންޑަރު ގިންގްސްލީ ޕެނަލްޓީ އޭރިޔާތެރެއިން ކުވޭތުގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުން ލިބުނު ޕެންލްޓީ ވަރަށް ފަސޭހަ ކަމާއެކު ކުވޭތުން ވަނީ ގޯލަށް ވައްދާފައެވެ.
މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނިއުގެ އުމައިރާއި، ކުވޭތުގެ ހާދީއަށްވަނީ ރަތްކާޑު ދައްކާފައެވެ. ހާދީއަށް ސީދާ ރަތްކާޑެއް ދެއްކިއިރު އުމައިރަށް ރަތްކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކީގައެވެ. މިދެކުޅުން ތެރިންނަށް ކާޑު ދެއްކީ ބޯޅަ ނެތީސް ހަމަލާ ދީގެންނެވެ.
މިއަދުގެ މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން ނިއުގެ ކޯޗު ވެލިޒާ ޕޮޕޯވް ވަނީ ބެންޗުން ފޮނުވާލާފައެވެ. އޭނާ މެޗުގެ ބޮޑުބައިގައި ކުޅުންތެރިންނަށް އިރުޝާދު ދީފައިވަނީ އިސްތިހާރު ބޯޑުތަކުގެ ބޭރުގައި ހުރެގެންނެވެ.މިއަދުގެ ނަތީޖާ އާއެކު ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ނިއުއަށްވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު