ބޫޓާނަށްވެސް ދަގަނޑޭގެ ޖާދޫ ދެއްކުމަށްފަހު ރާއްޖެ ސެމީފައިނަލަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕްގެ ގްރޫބީގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނަޑޭ) ގެ ހެޓްރިކާއެކު 8 ލަނޑު 0 ލަނޑުން ބޫޓާން ބަލިކޮށް ރާއްޖެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ މިލަނޑު ޖަހާފައިވަނީ މެޗުގެ 15 ވަނަ މިނިޓުގައެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ރާއްޖެ ލީޑު ނަގާފައި ވަނިކޮށް ރާއްޖެ ކޮޅަށް ދެލަނޑު ޖަހައި ބޫޓާންވަނީ ރާއްޖޭގެ މައްޗަށް ވަގުތީ ގޮތުން ކުރިހޯދާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމެން މިނިޓުކޮޅަކަށް ވެފައި ވަނިކޮށް ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމައިރު ލަނޑެއް ޖަހައި ދިވެހިންނަށް އުންމީދު އާ ކޮށްދިނެވެ. މީ ޕެނަލްޓީއޭރިޔާ ބޭރުން ބޫޓާނުގެ ކީޕާރު ދަނގަޑޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޖެހުމެކެވެ. މިފައުލާ ގުޅިގެން ރެފްރީވަނީ ބޫޓާނުގެ ކީޕަރަށް ރަތްކާޑު ދައްކައި ދަނޑު ފޮނުވާލާފައެވެ. ބޫޓާނުން ފަހުހާފް އެއްކޮށް ކުޅުނީ އެއްކުޅުން ތެރިޔަކު މަދުކޮށްނެވެ.

ދެވަނަ ހާފުފެށިގެން ރާއްޖޭގެ ޓީމްގެ ކުޅުން އިތުރަށް ވަރުގަދަކޮށް ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ފަހަރަށް ރާއްޖެއަށް ލީޑު ނަގައި ދިނީ މެޗުގައި 4 ލަނޑުޖެހި ރާއްޖޭގެ ކުޅަދާނަ ކެޕްޓަން ދަގަނޑޭ އެވެ. މިއަދު އޭނާޖެހި 4 ލަނޑާއެކު މިމުބާރާތުގައި އޭނާޖެހި ލަނުގެ އަދަދު 10 އަށް އެރީއެވެ. މިމުބާރާތުގައި ދަގަނޑޭ ވަނީ ލަންކާ ކޮޅަށް 6 ލަނޑު ޖަހައިފައެވެ. އެމެޗުން ރާއްޖެ މޮޅުވީ 10-0 އިންނެވެ.

މިއަދުގެ މެޗުގެ ފަހުހާފުގައި ބޫޓާން ކޮޅަށް ރާއްޖެއިން ޖަހާފައުވަޖެހި އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ސެންޓޭއާއި، ދެ ވަނަ ހާފުގައި ކުޅެން ނިކުތް އަލީ އުމަރެވެ.

މިއަދުގެ މެޗުން ރާއްޖެ މޮޅުވުމުން ރާއްޖެ އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް ބީ ގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ޣަފްއާނިސްތާނެވެ. ޣަފްއާނިސްތާނަށްވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ. ނަމަވެސް ރާއްޖެއަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ.ގްރޫޕް ބީ ގެ އެއްވަނަ ޓީމު ޔަގީންވާނީ ހުކުރު ދުވަހު ރާއްޖެއާއި ޣްފްއާނިސްތާން ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މިމެޗުން ރާއްޖެ ބަލިވެއްޖެއްޔާ އެއްވަނަ ލިބޭނީ ޣަފްއާނިސްތާނަށެވެ. މިމެޗު ކުޅޭނީ ހުކުރުދުވަހު ރާއްޖޭގަޑިން 2.45 ގައެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ބޫޓާނެވެ. އެ މެޗް ކުޅޭނީ ހުކުރު ދުވަހު ރާއްޖެ ގަޑިން 5:45 ގައެވެ. މިދެޓީމުވެސް މިހާރުވަނީ ކުޅުނު ދެމެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފައެވެ.

މިއަދުގެ މެޗަށްފަހު ގައުމީ ކޯޗު އުރުބާނީ ބުނީ ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް 10 ލަނޑު ޖެހުމުން ބޫޓާނާ ކުޅޭއިރު އުދަގޫވާނެ ކަމަށް ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ. އެކަން ފުރަތަމަ ހާފުގައި ފެނުނު ކަމަށެވެ. މިއަދުގެ މެޗުގައި ބޫޓާން ދެއްކި ކުޅުމަށް އުރުބާނީ ވަނީ ތައުރީފް ކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :