މާފުށީ ޖަލަށް ގެންދަން އުޅުނު ބައެއް ސާމާނު އަތުލައިގެންފި

image

މާލެ އަތޮޅު މާފުށި ޖަލަށް އެތެރެކުރަން މާލެއިން ގެންދަން މަސައްކަތްކުރި ގިނަ ޢަދަދެއްގެ މޮބައިލް ފޯނާއި އެހެނިހެން ބައެއްތަކެތި މާލެއިން އަތުލައިގަނެ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ ސާމާނު އަތުލައިގެންފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ފުލުހުންނާއި ޖެނެރަލް އިންވެސްޓިގޭޝަންސްގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެތަކެތި އަތުލާފައިވަނީ ބަންދު މީހުން މާލެއިން މާފުށްޓަށް އުފުލާ ފެރީއަށް އަރުވާފައި ހުއްޓައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެތަކެތި މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ބަންދުކޮށްފައި ހުރީ ލަކުޑި ޕެލެޓްތަކެއްގެ ތެރޭގައި ލަކުޑިގަނޑު ކަނޑައިގެން އެލަކުޑިގަނޑުގައި ބަންދުކޮށްގެން ގެންދާ ގޮތަށް ތައްޔާރު ކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އަތުލައިގަތް ތަކެތީގެ ތެރޭގައި 44 މޮބައިލް ފޯނާއި 36 ޗާޖަރާއި، 26 ސިމްކާޑާއި، 6 ހެޑް ސެޓާއި 4 ކާޑްރީޑަރާއި، 1 ޔޫއެސްބީ ކޭބަލާއި، 4 އަތަރު ފުޅި ހިމެނެއެވެ. އެ ތަކެތީގެ ތެރޭގައި 4 ސްމާޓް ފޯނުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ބަލަމުން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...