އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރަން ފުލުހުން އިލްތިމާސް ކޮށްފި

image

ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދަން ފުލުހުންގެ ނަމުގައި ގުޅާ ފަރާތްތަކާ އެކައުންޓާބެހޭ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެމީހުންގެ ނަމުގައި އާންމުންނަށް ގުޅައިގެން އެކައުންޓާބެހޭ މައުމާތު ހޯދައި އެކައުންޓުގައި ހުންނަ ފައިސާ މަކަރާ ހީލަތުން ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ މައްސަލަތައް އެ އިދާރާއަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.

މަކަރާ ހީލަތުން ފައިސާ ހޯދަން އެކި މީހުން ކުރަމުންދާ މަސައްކަތް ހުއްޓުވަން ފުލުހުންނާއި، ޒިންމާދާރު އެހެނިހެން ފަރާތްތަކާއި މީޑިއާއިން ކުރަމުންދާ ހޭލުންތެރި ކުރުމުގެ މަސައްކަތުން އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ މައްސަލަތައް ހުށަހަޅަމުން ގެންދާ ކަމަށެވެ.

"ފާއިތުވި ހަފްތާ އާއި ހިނގަމުން މިދާ ހަފްތާގައި ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި އަދި ތަހްގީގުކުރާ ފުލުހުންގެ ނަމުގައާއި އެނޫންވެސް ފުލުހުންގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން އެކި ކަހަލަ ވާހަކަތައް ދައްކައި އެމީހެއްގެ އެކައުންޓުގެ މައުލޫމާތު ހޯދައި އެކައުންޓުގައި ހުންނަ ފައިސާ ނަހަމަގޮތުގައި ނަގަމުންދާކަން" ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ތަހުގީގީ އަދި އެހެނިހެން ބޭނުމަކަށްވެސް ފުލުހުން ގުޅާފައި އެއްވެސް މީހެއްގެ އެކައުންޓުގެ މައުލޫމާތު ސާފުކޮށްދޭން ނޭދޭނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ. "އެފަދަ މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ މަޢުލޫމާތެއް ސާފުކުރާނީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްގެންނެވެ." ފުލުހުން ބުނެފައިވެއެވެ.

"އެއްވެސް ފަރާތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ނޫންނަމަ ތަޙްޤީޤު ކުރާ ފުލުހުންގެ ނަމުގައި ނުވަތަ އެހެންވެސް ފުލުހެއްގެ ނަމުގައި ގުޅައި އެމީހެއްގެ އެކައުންޓުގެ މަޢުލޫމާތު ހޯދަން އެދުނުނަމަވެސް އެ މަޢުލޫމާތު ނުދިނުމަށް އިލްތިމާސް ކުރަމެވެ. އަދި މަކަރާއި ހީލަތުން އޮޅުވާލައިން ފައިސާ ހޯދަން ނުދަންނަ ނަމްބަރުތަކުން ގުޅައި ދައްކަމުންދާ ވާހަކަތަކަށް އެއްބާރުލުން ނުދެއްވުމަށާއި އެއްވެސް ފަރާތަކުން ކާކުކަން ނޭނގޭ ފަރާތަކާއި ފޯނުން ކުރާ މަޢާމަލާތްތަކާއެކު ފައިސާގެ މުޢާމަލާތްތައް ނުކުރުމަށްވެސް އިލްތިމާސް ކުރަމެވެ." ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...