ފުލުހުންގެ ކުރިއެރުމުގެ އަސްލަކަށް ހަދަންވީ އަމާނާތްތެރިކަން: ސީޕީ

image

ފުލުހުންގެ ކުރިއެރުމުގެ އަސްލަކަށް ހަދަންވީ އަމާނާތްތެރިކަން ކަމަށް ކޮމިޝަނަރއޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފް ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި، ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ފުލުހުންނަކީ ޚިދުމަތްކުރަން – ޙިމާޔަތްކުރަން ތިބި ބައެއް. ޚިދުމަތްކުރަނީ އިންސާނިއްޔަތަށް. ޙިމާޔަތް ކުރަނީ އިންސާނުން، އިންސާނުންގެ މުދަލާއި ފުރާނަ. ޙިމާޔަތްކުރެވެނީ އަމާނާތްތެރިވެގެން، އިހުލާސްތެރިވެގެން. އަމާނާތް ފެށެނީ ކީރިތިވަންތަ ﷲއާ ހަމައިން. އަމާނާތް އިންސާނާއާ ޙަވާލު ކުރެއްވީ އެކަލާނގެ. އެހެންކަމުން ފުލުހުންގެ ޚިދުމަތް ފެށެންވީ އަދި އެ ޚިދުމަތް ބިނާވެގެން އަންނަންވީ އަމާނާތްތެރިކަމުގެ ތަރަހައިގެ މަތީގާ. އިޚްލާޞްކަމުގެ ބިންގަލުގެ މަތީގާ” ކޮމިޝަނަރ ވިދާޅުވި ކަމަށް ޕޮލިސްލައިފުގައި ބުނެފައިވެއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާުޅުވީ ފުލުހުންގެ އަޒުމް ސިޔާސީ ފަރާތްތަކަށް ފޫއަޅުވާލެވޭ ވަރަށްވުރެ ވަރުގަދަވާންޖެހޭ ކަމަށެވެ. ގައުމާއި ދީނުގެ އަދާވާތްތެރިންނަށް ހުޅުވޭ ވަރަށްވުރެ ފުލުހުންގެ އަޒުމާއި ހިތްވަރުގެ ތަޅުތައް ވަރުގަދަވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއެރުން ލިބުނު ފުލުހުނާ މުޚާތަބުކޮށް ސީޕީ އަރީފު ވިދާޅުވީ ޔުނީފޯމަށް އިތުރުވެގެންދިޔަ ވިދުންތަކާއި ހައިބަތު ރަމްޒުކޮށްދެނީ މިގައުމަށް އަމާނާތްރިވުން ކަމަށެވެ. އޭގެ އިތުރަށް މުރާލިކަމާއި ހީވާގިކަން ކުރިއަށްނެރެ އަދާކުރާ ވާޖިބާއި ޒިންމާގައި ފަރުވާތެރިވުން ކަމަށްވެސް ވިދާޅުވިއެވެ. ފުލުހަކަށް ލިބޭ ކޮންމެ ކުރިއެރުމަކާއެކު އެމީހެއްގެ މަސްއޫލިއްޔަތު ބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...