މިނިވަންކަމާއި އިސްތިގުލާލް ގެއްލޭވަރަށް ރާއްޖެއާ ބޭރުން ބެހެމުންދޭ: ދިފާއީ ވަޒީރު

image
"އަނެއް އަނދިރި އަނދިރީން އަޅުގަނޑުމެންގެ ތެރެއިން އުފެދިގެން ދިއުމަކީ ނުވާނެ ކަމެއް ނޫން،"

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލޭވަރަށް ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ކަންކަމާ ބެހެމުންދާ ކަމަށް ރާއްޖޭގެ ދިފާއީވަޒީރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ވަރަށް ބޮޑަށް މިހާރުވެސް ފޯރުވަމުން ގެންދާ ކަމަށެވެ. އެމީހުން އެފަދަ ނުފޫޒުތައް ރާއްޖެއަށް ފޯރުވަމުން ގެންދަނީ ޑޮމޮކްރަސީގެ ނަމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެފަދަ ފަރާތްތަކުން އެންމެ ކަންބޮޑުވަނީ ހުރިހާދީނަކަށް ރާއްޖޭގައި އުޅުމުގެ ފުރުސަތުނެތްކަމަށް ބުނެއެވެ. އަދި ދެ ޖިންސުގެ މީހުން ގައިގޯޅިވެ އުޅުމުގެ ފުރުސަތުނެތުމަކީވެސް އެމީހުން ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭވަރަށްވެސް އަޅުގަނޑުމެންގެ ގައުމުގެ ކަންކަމާ އެމީހުންބެހޭ. އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގައި ހުރިހާ ދީންތަކަށްނޫޅެވޭ މައްސަލަ" ވަޒީރު ވިދާޅުވިއެވެ.

މިފަދަ ނުފޫޒުތައް ރާއްޖެއަށް ފޯރުވަމުންދާއިރު ކޮންމެ ދިވެއްސެއްގެ ކޮނޑުގައި ވަރަށްމުހިންމު ގައުމީ ވާޖިބެއްއެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އެފަދަ ނުފޫޒުތަކުން އެއްކިބާވެ އެއަށް ފުރުސަތު ނުދިނުމުގެގޮތުން އިސްލާމްދީނުގެ ހައްގު ބަސްބުނުމެވެ. އަދި އެދީނުގެ މަތީގައި ފުރިހަމައަށް ފައިތިލަ ސާބިތުކޮށްގެން ތިބުމެވެ. އެއަށްފަހު ގައުމުގެ މިނިވަކަން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކޮންމެ ދިވެހިރައްޔިތަކު މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބޭރުމީހުންގެ އަތްދަށުން ގައުމު ސަލާމަތްކުރުމުގެ ވާހަކަ ދައްކާއިރު ރާއްޖޭގައި ވަރަށްގިނަ އަދަދަކަށް ބިދޭސީން އުޅެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމީހުންނާ މަސްހުނިވެގެން އުޅެމުންދާއިރު އެމީހުންގެ ސަބަބުން ދިވެހި ބަހަށާއި އާދަކާދަތަކަށް ބަދަލު އައުމުގެ ފުރުސަތުވެސް އޮވެދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު ނުވަތަ ދަރިން ބެލުމުގެ ޒިންމާ ބިދޭސީންނާ ހަވާލު ކުރުމުން އެކުދިންގެ އުޅުމާއި ވިސްނުމާއި ބަސްމޮށުންތެރިކަމަށްވެސް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރަށް ދިވެހިންގެ ރީތިސިފަތަކާއި އުޅުމަށްވެސް ބަދަލު އައުމަކީ ދުރުކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ކަންކަމަށް ވިސްނާނުލައި ޣާފިލުވެ ތިބޭ ކަމަށްވާނަމަ "އަނެއް އަނދިރި އަނދިރީން އަޅުގަނޑުމެންގެ ތެރެއިން އުފެދިގެން ދިއުމަކީ ނުވާނެ ކަމެއް ނޫން،" ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...