މޯލްޑިވިއަން އައިޑޮލް ޝޯ ކާމިޔާބުކޮށް ލައިޝާ ތާރީޚުގެ ތެރެއަށް

image މިރޭގެ ޝޯގައި ލައިޝާ ލަވައެއް ކިޔައިދެނީ: ފޮޓޯ/ ޕީއެސްއެމް

ފުރަތަމަ މޯލްޑިވިއަން އައިޑޮލް ޝޯ ކާމިޔާބުކޮށްގެން ލައިޝާ ޖުނައިދު ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.

މޯލްޑިވިއަން އައިޑޮލް ޝޯއަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމު ކޮށްގެން ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯއެވެ.

ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ޝޯ ކާމިޔާބުކުރާ ކުއްޖަކު ހަމަަގައިމުވެސް ތާރީޚުން ޖާގަ ހޯދާނެއެވެ. އަމީން ދީދީގެ ޒަމާނުގައި ބޭއްވި ރީތީގެ މުބާރާތުން ބާރަށު ރަމްލާއަށްވެސްވަނީ އެއްވަނަ ލިބިފައެވެ. އެއާއެެކު އޭނާވެސްވަނީ ތާރީޚުން ޖާގަ ހޯދައިފައެވެ.

ލައިޝާއަށް މި މަގާމް ލިބިފައިވަނީ ޖަޖުންގެ 50 ޕަސެންޓު ވޯޓާއި ބެލުންތެރިންގެ 50 ޕަސެންޓު ވޯޓުންނެވެ. މި ޝޯ ލައިޝާ ކާމިޔާބު ކުރުމުން އޭނާއަށްވަނީ ހައިރާންކުރުވަނިވި ވަރުގެ އިނާމްތައް ލިބިފައެވެ. އޭނާއަށްވަނީ މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް ކަނޑައަޅައިފައިވާ 250،000 ރުފިޔާ ލިބިފައެވެ. އޭގެ އިތުރަށް 2.5 މިލިއަން ވަރަކަށް ރުފިޔާގެ އިތުރު އިނާމުވެސްވަނީ ލިބިފައެވެ.

އޭގެއިތުރަށް މެޑިކަލް ދާއިރާއިން އޭނާ ބޭނުންވާ ވަރަކަށް ކިޔެވުމަށް ސްކޮލާޝިޕެއްވެސްވަނީ ލިބިފައެވެ. އެއީ ހުރިހާ ޚަރަދެއް ހިނމެނޭ ގޮތަށް ހެޔޮއެދޭ ފަރާތަކުން ދިން ހަދިޔާއެކެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓްރޮފީ ލައިޝާއާ ހަވާލުކޮށް ދެއްވީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމެވެ. އުމުރުން އަށާރަ އަހަރުގެ ލައިޝާ ބުނީ މި ކާމިޔާބީއަށްފަހު ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

މިރޭގެ ޝޯގައި ލައިޝާ ވާދަކޮށްފައިވަނީ މުޅި ޝޯގައިވެސް ވަރަށް ކުޅަދާނަކަން ދައްކައިފައިވާ ދެ ފަންނާނުން ކަމަށްވާ ޝަލަބީ އިބްރާހީމާއި، މުހައްމަދު އިޝާނެވެ. އެދެމީހުންނަށްވެސް ވަނީ ވަރަށް އަގުހުރި އިނާމަތަކެއް ދީފައެވެ. އެ ތިންމީހުނަނަށް ދީފައިވާ އިނާމުގެ އަގު ފަސްވަރަކަށް މިލިއަން ރުފިޔާއަށް އަރާކަމަށްވެއެވެ.

މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ ޝޯގައި ޚާއްސަ މެހުމަނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަބިޖީތު ބަޓްޗަރްޔާއެވެ.

މިފަދަ ޝޯއެއް ރާއްޖޭގައި ނިމިގެން ދިޔައިރު ތަފާތު ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ. ބައެއް މީހުން ވަކާލާތު ކުރަމުންދިޔައީ މިފަދަ ޝޯއެއް ރާއްޖޭގައި ބޭއްވިގެންނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމަކަށް ވުމެވެ. މިއީ ﷲ ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ކަމެއްކަމަށާއި ޝޯއިން ލިބުނު ފައިސާއާއި އިނާމްތައްވެސް ހާލާލު ނުވާނެ ކަމަށް ބުނެ ސޮޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ވާހަގަ ދައްކަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...