ނުވަ މީހެއްގެ ފައިގައި ޓެގުއަޅުވައިގެން ބަލަހައްޓަން ފަށައިފި

image

މޮނިކޮން އަމުރުގެ ދަށުން 9 މީހެއްގެ ފައިގައި ޓެގް އަޅުވައި ފުލުހުން އެމީހުން ބަލަހައްޓަން ފަށައިފިއެވެ.

މޮނިކޮން އަމުރުގެ ދަށުން މިހާތަނަށް ޓެގް އަޅުވާފައިވާ 9 މީހުންނަކީ ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު، ގ. ޝާރާޒް މުހައްމަދު މަފާޒް ހުސައިން ސަލީމް، ދަފްތަރު ނަމްބަރު 9634، މިދުހަތު އަބޫބަކުރު، ހދ. ނޮޅިވަރަމް ހާވިލާ، އައްސަދު އިބްރާހީމް ރަޝީދު، ގ. ކެރަފާގެ މުހައްމަދު ޝާބިލް އިސްމާޢީލް، ދަފްތަރު ނަމްބަރު އާރު އެސް. 1475، އަޙްމަދު ރިޒާމް، ދަފްތަރު 4126، މުސްތަފާ މޫސާ، ތ. ތިމަރަފުށި މާފޮޅޭގޭ ހަމްދާން ހަސަން މ. ވައިޖެހޭ، އަހްމަދު އަޒްމާން އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު އަމުރާއެކު މޮނިކޮން އަމުރު ތަންފީޒް ކުރުމަށްޓަކައި 3 މީހަކު ހޯދުމުގެ މަސައްކަތް މިމަހުގެ 24 ވަނަ ދުވަހު ފުލުުހުން ފެށިއެވެ. އެހެންނަމަވެސް އެމީހުން އަމިއްލައަށްވަނީ ފުލުސް އޮފީހަށް ހާޒިރުވެފައެވެ.

ހައިކޯޓުގެ އަމުރު ތަންފީޒް ކުރުމަށްޓަކައި މިހާތަނަށް ޓެގް އަޅުވާފައި ނުވާ 2 މީހުންގެ ފައިގައި ޓެގް އަޅުވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާއި ގުޅިގެން މިހާރު އެ 2 މީހުން ތިބި ބަންދުން ވީއްލުމުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރ ނިންމަވައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރެފައިވަނީ 11 މީހުންގެ މައްޗަށެވެ. އެއީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް ކުރުމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް އެމީހުންގެ ފަރާތުން ނުރައްކާވެފައިވާ ބައެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.މި 11 މީހުން މޮނީޓަރކުރުމުގެ ގޮތުން ރޭގަނޑު 10:00 އާއި ހެނދުނު 06:00 އާއި ދެމެދު ގެއިން ބޭރަށް ނުދިއުމާއި، މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމަށް އަމުރުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...