ދިރޭތަކެތީގެ ނަސްލާބެހޭ ރިޕޯޓު ނެރެފި
ދިރޭތަކެތީ ލަސްލާބެހޭ ފަސްވަނަ ރިޕޯޓު މިއަދު އާންމުކޮށްފިއެވެ.
ޝީ ބިލްޑީންގައި މިއަދު ބޭއްވި ރަސްމިއްޔުާތުގައި މިރިޕޯޓު އާންމުކޮށް ނެރެދެއްވީ ތިމާވެއްޓާބެހޭ މިނިސްޓަރު ތާރިގް އިބްރާހީމެވެ.
މިރަސްމިއްޔާތުގައި ބައެއް ސްކޫލްތަކާއި، ބައެއް ވުޒާރާތަކާއި އޮފީސްތަކުން ބައިވެރިވެފައިވެއެވެ. މިރަސްމިއްޔާތުގެ ބައިވެރިންނަށްވަނީ މިރިޕޯޓު ހަދިޔާކޮށްފައެވެ.
އެ ރިޕޯޓުގައި ދިރޭތަކެތީގެ ނަސްލާ ބެހޭ ގޮތުން މިހާތަނަށް ކުރެވިފައިހުރި ދިރާސާތަކުގެ މައުލޫމާތާއި، އެއްގަމުގެ ދިރުންތަކާއި، ގަސްގަހާގެހި، ކުޅި، ޗަސްބިން، ފާ، ދޫނި ސޫފާ ސޫފީގެ މައުލޫމާތު ހިމެނެއެވެ.
އޭގެ އިތުރަށް ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތާއި، އިގްތިސާދީ ގޮތުން ދިރޭތަކެތީގެ ނަސްލުގެ ދައުރާއި، އިޖުތިމާއީ ދުޅަހެޔޮކަމާއި، ދިވެހިންގެ އާދަކާދައާއި ދިރިއުޅުމާ ދެމެހެއްޓިނިވި ތަރައްގީއާ ގުޅިފައިވާ މިންވަރުގެ މައުލޫމާތު ވެސް ހިމަނާފައިވެއެވެ.
އޭގެ އިތުރަށް ދިރޭތަކެތީގެ ނަސްލުން ލިބޭ ފައިދާއާއި، މިހާރުގެ ހާލަތާއި، ދިރޭތަކެތީގެ ނަސްލުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި އަދި ދިރޭތަކެތީގެ ނަސްލަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
އެ ރިޕޯޓަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" ގެ ދަށުން ލާޒިމުކުރާ މަސްއޫލިއްޔަތެއްގެ ދަށުން އެކުލަވާލި ރިޕޯޓެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މުއާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ 1992 ވަނަ އަހަރުއެވެ. ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) އަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، އޭގެ ބޭނުން ދެމެހެއްޓެނިވި ގޮތުގައި ކުރުމާއި، ދިރޭތަކެތީގެ ނަސްލާއި ދިރުންތަކުން ލިބޭ ފައިދާ އިންސާފުވެރި ހަމަހަމަ އުސޫލެއްގެ ދަށުން ލިބޭގޮތް ހެދުމުގެ މަގުސަދުގައި އުފެއްދި މުއާހަދާއެކެވެ.
އެ ރިޕޯޓު ދިވެހިރާއްޖޭގެ އެހެން ރަށްރަށުގެ ސްކޫލުތަކަށާއި، ގުޅުންހުރި މުއައްސަސާތަކަށް ފޮނުވާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު