ބިރުދައްކާ މީހުންނާމެދު ފިޔަވަޅު އަޅާނަން: ފުލުހުން

image

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި އިންޒާރުދޭ ފަރާތްތަކަށް ފުލުހުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ “ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި، އިންޒާރުދީ، ފުލުހުން ދިރިއުޅޭ ގޯތިގެދޮރަށް ގެއްލުންދޭ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަޅަމުން ގެންދާނެ” ކަމަށެވެ. ފުލުހުންނާއި ފުލުހުންގެ އާއިލާތަކާ ދެކޮޅަށް ހިންގާ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

“ފުލުހުންނަކީ ޤާނޫނު އަސާސީގެ 244 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި މީހުން ހިމާޔަތްކޮށްދީ، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރި ކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެކެވެ.” ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ މަސައްކަތާއި ގައުމީ ވާޖިބު އަދާކުރުމަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެ މަސައްކަތުގައި ފުލުހުން ދެމިތިބޭއިރު އެކިއެކި ފަރާތްތަކުން ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި އިންޒާރުދީ އެމީހުން ދިރިއުޅޭ ތަންތަނަށް ގެއްލުންދިނުން ފަދަ އަމަލުތައް ކުރަމުންދާނަމަ އެފަދަ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ ކަންކަން ދިވެހި މުޖުތަމައުގައި އިތުރުވުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެން މީހުންނެކޭ އެއްފަދައިން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަކީވެސް އެހެން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އަމާން ވެއްޓެއް ގާއިމް ކުރުމަށް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. “މި މަސައްކަތުގައި ދިވެހި ފުލުހުންނަށް ދެމިތިބޭނީ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެން” ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިބަޔާން ނެރުނީ ބައެއް ފުލުހުން ދިރިއުޅޭ ގެއަށް ބަޔަކު މީހުންގޮސް އިންޒާރު ދީފައިވަނިކޮށްނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...