ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާ އަލީ އަބްދުﷲ މަރާލާފައި އޮއްވައި ފެނިއްޖެ
އައްޑޫ ސިޓީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާ، ބުރުނީގޭ، ޢަލީ ޢަބްދުﷲ މަރާލާފައި އޮއްވައި މިއަދު ހެނދުނު ފެނިޖެއެވެ.
ޢުމުރުން 47 އަހަރުގެ ޢަލީ ޢަބްދުﷲ މަރާލާފައި އޮއްވައި ފެނިފައިވަނީ ހިތަދޫ ސްކޫލް ފުރަގަހުގައި އޮންނަ އަލަ އޮޅަކުން ކަމަށް ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރުމުން އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ މިއަދު ހެނދުނު 8.00 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފެނިފައިވަނީ އާންމުންގެ ބަޔަކަށް ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
އޭނާ ފެނުނުއިރު ކަންފަތާއި އުޅަބޮށްޓާއި އަދިވެސް ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. އިތުރު އެއްވެސް އަނިޔާއެއް ހަށިގަނޑުގެ ބޭރުން ފެންނަންނެތް ކަމަށް އޭނާ ވިދާޅުވިއެވެ.އޭނާ ނުފެނިގެން އާއިލާއިން ފުލުހުންނަށް އަންގާފައިވަނީ ރޭ ފިހާރައަށް ދިޔަގޮތަށް ޚަބަރެއް ނުވުމުންނެވެ. އޭނާ ނައިސްގެން ފިހާރައަށްގޮސް ބެލިއިރު ފިހާރައިގެ ދޮރު ވަނީ ހަލާކު ކޮށްލާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢަލީ ޢަބްދުﷲގެ ސައިކަލްވެސް ވަނީ އަލަ އޮޅަށް އެއްލާލައިފައެވެ. އަދި އޭނާގެ މޫނުވެސް ވަނީ އަލައޮޅުތެރެއަށް ކޮއްޕާލައިފައި ކަމަށެވެ.
އޭނާ މިހާރުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން މިހާރު ގެންދަވަނީ ތަހުގީގަށް ބޭނުންވާ މަޢުލޫމާތު އެއްކުރަމުންނެވެ. އާއިލާއާ ހަށިގަނޑު ހަވާލު ކުރާނީ މަޢުލޫމާތު އެއްކުރުމަށްފަހު ކަމަށް ސަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު