ސާޖަންޓް މުހައްމަދު ރިފްއަތު މިރޭ ނިޔާވެއްޖެ

image ރިފްއަތު:ފޯޓޯ ފޭސްބުކް

އެމްއެންޑީއެފް ސަދަންއޭރިއާއަށް 3 މަހުގެ ޓާމް ޑިއުޓީއަށް އައިސްހުރި ބ. ތުޅާދޫ، މުހައްމަދު ރިފްއަތު މިރޭ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ މެެޔަށްއެރި ތަދަކާ ގުޅިގެން ސ.ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކަމަށް އޭނާގެ ގާތް މީހަކު ބުންޏެވެ.

ރިފްއަތަކީ މީހުންނާ ވަރަށްގުޅޭ މިޒާޖެއްގެ މީހެކެވެ. އޭނާ ނިޔާވީ މިރޭ އިޝާނަމާދުން ފޭބިތަނާހެން މެއަށް އެރި ތަދެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. ސަދަން އޭރިއާގެ މިސްކިތުން ފޭބުމަށްފަހު މެޔަށް ތަދެއް އެރިވާހަކަ ރައްޓެއްސެއްގެ ގާތު އޭނާ ބުނެފައިވެއެވެ. "މިއަދު ހަވީރު އޭނާ ކުޅެންވެސް ދިޔަ. އެއަށްފަހު މަޣުރިބު ނަމާދަށްވެސް ދިޔަ. ދެން ޢިޝާ ނަމާދަށްފަހު ރައްޓެއްސެއްގެ ގާތުބުނި މެޔަށް ތަދުވާ ވާހަކަ. އެހެން ބުނުމުން އޭނާވަނީ ފޭދޫ ސިއްހީ މަރުކަޒަށް ގެނެސް ފަރުވާ ދީފައި. އެތަނުން ބުނެފައިވަނީ ސިއްހީހާލަތު މާދަށެއް ނޫން ކަމަށް. ޓެސްޓް ތަކެއް ހެދުމަށްފަހު އެމީހުން އޭނާ ފޮނުވައިލީ ހިތަދޫ ހޮސްޕިޓަލަށް. ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ނިޔާވެފައިވަނީ" ރިފްއަތުގެ ގާތް ރައްޓެއްސަކު ބުންޏެވެ.

އޭނާއަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމުގެ ކާރު ޑްރައިވަރަކަށްވެސް އުޅެފައިވާ މީހެކެވެ. ނާޒިމްގެ ފަރާތުން އޭނާ ސިފަކޮށްފައިވަނީ ޖެހިލުންކުޑަ ހިތްވަރުގަދަ ސިފަވަންތަކަންހުރި މީހެއްގެ ގޮތުގައެވެ.

ސިއްހީމަރުކަޒުގައި ރިފްއަތުއޮތް އިރުވެސް ހާލު އެހާ ގޯސް ނޫންކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ. "އޭނާ ވާހަކަވެސް ދެއްކި. އަމިއްލައަށް އެހެން އެނދަކަށް ބަދަލުވެސްވި. މަރުވެފައިވަނީ އިތުރު ފަރުވާއަށް ހިތަދުއަށް ގެންދިޔަ މަގުމަތީގައި،" ރައްޓެހި މީހާ ބުންޏެވެ.

ރިފްއަތު ނިޔާވިއިރު އަނތްބަކާއި ދެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެމީހުން އުޅެމުންދަނީ މާލޭގައެވެ. އޭގެ ތެރެއިން އެއްކުދިން މިހާރުވަނީ އަތް ބިނދިގެން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިފްއަތު މިހާރު ބާއްވާފައިއޮތީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. މާދަމާ ހެނދުނު އޭނާ މާލެ ގެންދިޔުމުގެ ކަންކަން ހަމަޖައްސަމުން ގެންދާ ކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...