ސަރުކާރުން މަޝްވަރާއަށް ގޮވާލައިފައިވަނީ ރަނގަޅު ނިޔަތެއް އޮވެގެން ނޫން: ފައްޔާޒު

image ލ. ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު ފައްޔާޒު އިސްމާއީލް

ސިޔާސީ ޕާޓީތަކާއެކު އަލުން މަޝްވަރާ ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިޔަތެއް އޮވެގެން ނިންމެވި ނިންމެވުމެއް ނޫންކަމަށް ލ. ގަމުދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

 ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރުން މިފަދަ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެފަހަރުތަކުގައި ސަރުކާރުންވަނީ އިދިކޮޅު ފަރާތްތަކަށް "ބޮނޑި" ދެއްވާފައި ކަމަށެވެ. އެހެންކަމުން މިފަހަރުވެސް ކަންތައް ކުރައްވާނީ އެގޮތަށް ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީ އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ޑިމޮކްރަސީ އާލާކޮށް ދިރުވުމަށް ކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަނީ ގައުމު ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ގޮތެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެޕާޓީން ސަރުކާރާއެކު މަޝްވަރާއަށް ގޮސްފައިވަނީ އިދިކޮޅު ފަރާތްތައް ބަންދުކޮށް އަނިޔާކޮށްފާނެ ކަމުގެ ބިރު ކޮންމެހެން އޮވެގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން އަލުން މަޝްވަރާއަށް ގޮވާލާފައި ވަނީ މިވަގުތު ކުރިމަތިވެފައި އޮތް ވަރުގަދަ ޕްރެޝަރެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަހަރުގެ މަޝްވަރާތަކަށް ސަރުކާރުން ގޮވައިލެއްވީ އެއްވެސް ގޮތެއް ސަރުކާރަށް ނެތިގެން ސީދާ މަޖުބޫރު ވެގެން ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ ގޮތަކުންވިޔަސް ސަރުކާރުން މަޝްވަރާއަށް ގޮވައި ލުމުން އެއަށް އިޖާބަ ދޭންޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ލަޑުދިނުމަށް ބާއްވާ މަޝްވަރާތަކެއް ކަމަށްވިޔަސް އެއަށް އިޖާބަ ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

ސަރުކާރާއެކު މަޝްވަރާއަށް ދާއިރު މަޝްވަރާ ކުރަންޖެހޭ ކަންކަން ކަނޑައެޅިފައި އޮންނަންވާނެ ކަމަށްވެސް ވިދާޅުވިއެވެ. މަޝްވަރާ ތަކުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާވިދާޅުވީ މަޝްވަރާއަށް ދާއިރު އެންމެ ފުރަތަމަވެސް ސަރުކާރުން ޤަބޫލު ކުރައްވަން ޖެހޭކަމެއް އެބައޮތް ކަމަށެވެ. އެއީ ސަރުކާރުގެ މުއައްސަސާތަކުގައި މައްސަލަތައް ހުރިކަން ޤަބޫލުކުރެއްވުމެވެ. ސަރުކާރުގެ މުއައްސަސާ ތަކުގައި ހުރި ހުރިހާ މައްސަލައެއްވެސް ރައީސް ޔާމީނަށް އެނގިވަޑައި ގަންނަވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިފައިންގެއާއި، ޖުޑިޝަރީއާއި، ފުލުހުންގެ އިދާރާވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މަޝްވަރާއަށް ގޮވާލައްވާފައިވާއިރު އެ މަޝްވަރާ ކުރުމަށް ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށްވެސް އޭނާވިދާޅުވިއެވެ. އެހެން ކަމުން އެއީ މަޝްވަރާ ފެށުމަށްވެސްއޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އެމްޑީޕީގެ ޕީޖީ މެންބަރ ފައްޔާޒު ވިދާޅުވިއެވެ. އެހެންވީ ސަރުކާރުން ކުރިން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ. ސަރުކާރުން ކުރިން މަސައްކަތް ކުރެއްވީ މަޖިލީސްތެރެއިން ސަރުކާރު ބޭނުންވާ ކަންތައްތަކެއް ހާސިލް ކުރެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިސަރުކާރު ހިންގަނީ ގޮށްމުށުގެ ބާރުން ކަމަށެވެ. އިދި ކޮޅު ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރު ވައްޓާލެވުނީ އެޕާޓީގެ ވެރިކަން ގޮށްމުށުގެ ބާރުން ނުކުރެއްވުމުން ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް