ފަސް ރަށެއް ގުޅިގެން އެއާޕޯޓަކަށް ޑިމާންޑް ކުރަން ނިންމައިފި
ހުވަދު އަތޮޅު ދެކުނުބުރީ ފަސް ރަށެއްގެ ކައުންސިލްތައް ގުޅިގެން އެ ރަށްތައް ނިސްބަތްވާ ސަރަހައްދުގައި އެއަރޕޯޓަކާއި، ޔޮޓްމެެރީނާއެއް އެޅުމަށް ސަރުކާރު ސަމާލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިފަސް ރަށަކީ ވާދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ރަތައްފަންދޫ، ނަޑައްލާ އެވެ. ކައުންސިލްތަތަކުގެ މެންބަރުންނާއެކު ނަގައިފައިވާ ފޮޓޯއެއް ފޭސްބުކަށް ލުމަށްފަހު ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވަނީ "ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫ، ނަޑައްލާ، ވާދޫ މި ފަސް ރަށުގެ ކައުންސިލް އެކީ މިފެއްޓީ މިހިސާބުގައި އެއާޕޯޓެއް ހެދުމާއި، ޔޮޓްމެރީނާއެއް ހެދުމުގެ މަސައްކަތް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް. އިރާދަ ކުރެއްވިއްޔާ މިފަހަރު ހުއްޓާލާނީ މިކަން ކޮށްފައި،" ކަމަށެވެ.
މިރަށްތަކަށް ނިސްބަތްވާ ފަރާތްތަކުން މީގެ ކުރިންވެސްވަނީ އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުގައި ދަންނަވައި އެކަން ކާމިޔާބުވޭތޯ މަސައްކަތްތަކެއް ކޮށްފައެވެ.ހުވަދު އަތޮޅު އުތުރުބުރީގައި މިހާރުވެސް ކޫއްޑޫ އެއާޕޯޓު އޮވެއެވެ. ދެކުނު ބުރީގައި ކާޑެއްދޫ އެއާޕޯޓު އޮވެއެވެ. އެހެންނަމަވެސް މި ދެ އެއާޕޯޓަށް ދަތުރުކުރަން މި ފަސްރަށުގެ މީހުންނަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ. އެހެންކަމުން ރަށުން މާލޭއަށް މާލެއިން ރަށަށް ވަރަށް ބޮޑު އެއްޗެއް ޚަރަދު ކުރަން ޖެހޭ މައްސަލަ އެ މީހުންނަށްވަނީ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު