އެމްޑީޕީގެ ޗެއަރޕާސަން ކުރީގެ ޕީޖީ މުހުތާޒަށް ހިތްވަރު ދެއްވައިފި

image

ކުރީގެ ޕްރޮސެކިޔުޓަރ ޖެނެރަލް މުހްތާޒް މުހްސިނަށް އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަހީދު އައްސަރިބަހާއި ސާބަސް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު، މުހުތާޒަށް ސާބަސް ދެއްވީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައި މުހުތާޒު ހައްޔަރު ކޮށްފައިވަނިކޮށްނެވެ.

ރާއްޖޭގެ ޓީވީގައި ވާހަކަ ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރެއްވުމަށް ކޯޓު އަމުރެއް ހޯދަން މުހުތާޒު މަސައްކަތް ކުރެއްވި ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އެފަދަ ކަމެއް ކުރެއްވި ކަމަށްވާނަމަ އެކަންވާނީ ގައުމަށްޓަކައި ކުރެއްވި ކަމެއް ކަމަށެވެ. އެހެން ކަމުން އެކަމަށްޓަކައި ސާބަސް ދަންނަވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހޯދަން އާދީއްތަ ދުވަހުގެ ރޭ މަސައްކަތް ކޮށްފައިވުމުން އުންމީދު އާވެފައިވާ ކަމަށެވެ. "ކުރީރޭ (އާދީއްތަ ދުވަހުގެރޭ) ހިނގައިދިޔަ ހާދިސާ އިން އަޅުގަނޑުމެނަށް ވަރަށް ބޮޑަށް އުއްމީދު އާވެއްޖެ،" އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްސަލަ އަނބުރައި ގެންދެވުމަށްފަހު ދެވަނަ ފަހަރަށް ކޯޓަށް ފޮނުވީ މުހުތާޒުގެ ޕީޖީ ކަމުގައެވެ. އެފަހަރު ކޯޓުންވަނީ ވަރަށް އަވަހަށް ޝަރީއަތް ކޮށް 13 އަހަރުގެ ޖަލު ހުކުމެއް ރައީސް ނަޝީދުގެ މައްޗަށް އިއްވައިފައެވެ.

މުހުތާޒަކީ އެމްޑީޕީގެ ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އެމްޑީޕީގެ ޗެއަރޕާސަން އެވަނީ މުހުތާޒު ކުރެއްވި ކަމަކުން އޭނާއަށް ސާބަހާއި ހިތްވަރު ދެއްވައިފައެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރި މައްސަލައިގެ ތުހުމަތުގައި ހައިކޯޓުންވަނީ މުހުތާޒު 15 ދުވަހަށް ބަންދު ކުރުމަށް ޙުކުމް ކޮށްފައެވެ.

ހައިކޯޓުގެ ޙުކުމުގައިވަނީ އިތުރު ބަޔަކާއި މުހްތާޒު ގުޅިގެން ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް ކޯޓު އަމުރު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ހެކި ކޯޓަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 7 ވަނަދުވަހުގެ ރޭ 12:45 އެހައިކަންހާއިރު އދ. މާމިގިއްޔަށް ދިޔަ ކަމަށެވެ. އަދި އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓަރާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސް ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތް ކޮށްފައިވާކަމުގެ ހެކި އެބަހުރި ކަމަށެވެ.

މާމިގިލީ ކޯޓުން އެ އަމުރު ތައްޔާރު ކޮށްފައިވަނީ ކ. މާފުށީ ކޯޓުގެ ނަމުގައެވެ. އަލީ ވަޙީދު މުހުތާޒަށް ސާބާސް ދެއްވި އިރު ކުރީގެ ނާއިބު ރައީސުން ކަމަށްވާ ޑރ. ޖަމީލާއި، އަޙުމަދު އަދީބު ވަނީ އެމްޑީޕީއަށް އެއްބާރު ލެއްވުން ދެއްވާނެކަން ހާމަކޮށްފައެވެ. ޖަމީލް މިހާރުވަނީ އެމްޑީޕީއާ ގުޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...