އައްޑޫ ރައްޔިތުންގެ ފަރާތުން ގައްބެއަށް ކޯރިއެއް

image އައްޑޫ ރައްޔިތުންގެ ފަރާތުން ހަދިޔާކުރި ކޯރި ސޯބެ ގައްބެގެ ބޮލުގައި އަޅައިދެނީ: މި ކޯރި ހަދިޔާ ކުރުމުން ގައްބެ ވަނީ އޭނާގެ ބޮލުގައި އޮތް ތޮފި ސްޓޭޖު މައްޗަށް ވައްޓާލާފައި މި ކޯރި ބޮލުގައި އަޅައިފައި.

ރާއްޖެ ވަށައި ބުރެއް ޖަހަން ނުކުމެ އުޅޭ ޢަބްދުލް ޣަފޫރު ޢަލީ (ގައްބެ) ދަތުރުކުރާ ކަޓަމަރާން މިއަދު ހަވީރު 4.00 އެހައިކަންހާއިރު އައްޑޫ ސިޓީ ހިތަދޫ ގޮނޑު ދޮށަށް ބީއްސާލައިފިއެވެ.

އޭނާގެ ކަޓަމަރާން ހިތަދޫ ފަތާ ޓްރެކާ ދިމާ ދޮންވެލި ގަނޑަށް ބީއްސާލިއިރު އޭނާގެ އިސްތިގުބާލުގައި އައްޑޫސިޓީ މޭޔަރު ޢަބްދުﷲ ޞާދިގު ހުންނެވިއެވެ. އަދި ހިތަދޫގެ ވަރަށްގިނަ ރައްޔިތުން އޭނާއަށް މަރުޙަބާ ކިޔުމަށް ގޮނޑުދޮށަށް އެއްވެފައި ތިއްބެވެ.

އައްޑޫ ސިޓީ ރައްޔިތުންގެ ފަރާތުން ރަސްމީކޮށް ގައްބެއަށް މަރުޙަބާ ވިދާޅުވީ ސިޓީ މޭޔަރ ޢަބްދުﷲ ޞާދިގު (ސޯބެ) އެވެ. މަރުޙަބާ ދެންނެވުމަށްފަހު ސޯބެ ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ގައްބެގެ ބޮލުގައި އަޅާނެ ކޯރިއެއް ހަދިޔާ ކޮށްފައެވެ. އެއީ ސީދާ ގައްބެއަށް ތައްޔާރުކޮށްފައިވާ ކޯރިއެކެވެ.

ސޯބެ ވިދާޅުވީ ގައްބެއަށް ކޯރިއެއް ހަދިޔާ ކުރެއްވީ އެއީ ވަރަށް ފަހަކާ ޖެހެން ދެން ކަނޑު ދަތުރުވެރީން ބޭނުންކުރަމުން އައި އެއްޗަކަށްވާތީ ކަމަށެވެ. ޚާއްސަކޮށް ރިޔަލުގައި ދަތުރުކުރި ޒަމާނުގައި އެފަދަ ކޯރި އާންމުކޮށް ބޭނުން ކޮށްފައިވެއެވެ.ސޯބެ ވިދާޅުވީ ރިޔާ ނެގި އުޅަނދެއްގައި 300 އެއްހާ މޭލު ކަޑައްތު ކުރުމަށްފަހު ގައްބެ އައްޑޫ ސިޓީގެ ރައްތަކާ ހަމައަށް އައުމަކީ ސިޓީގެ ރައްޔިތުންވެސް ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ދިވެހިންނަކީ ރިޔަލު ދޯނިފަހަރުގައި އިހުޒަމާނުގައި، ކޮޅުނބާއި، ބޭދާޅިއާއި، އަދިވެސް އެހެން ޤައުމުތަކަށްވެސް ދަތުރު ކޮށްފައިވާ ބައެއް ކަމަށް ސޯބެ ވިދާޅުވިއެވެ. ގައްބެގެ މިދަތުރުން އެ ހަނދާންތައް އާވާ ކަމަށާއި މިފަދަ ދަތުރަކަށް ގައްބެ ފެށުމުން އެކަމުން ދައްކައިދެނީ އޭނާގެ ހިތްވަރު ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

މިދަތުރުގައި އައްޑޫ ހުޅުމީދުއަށް ޒިޔާރަތް ކުރުމުގެ ދަޢުވަތު އެރަށުގެ ރައްޔިތުންގެ ފަރާތުން ގައްބެއަށް ސޯބެ ދެއްވިއެވެ. އަދި އައްޑޫގެ އާސާރީ ތަންތަނާއި އެހެނިހެންވެސް މުހިންމު ތަންތަން ބަލައިލުމުގެ ދައުވަތުވެސް ސޯބެ ދެއްވިއެވެ.

ގައްބެގެ ދަތުރުގައި މިއަދު އައްޑުއަށް އައީ ފުވައްމުލަކުން ފުރައިގެންނެވެ. އައްޑޫއަށް އާދެވުނީ 4 ވަރަކަށް ގަޑިއިރުގެ ދަތުރަކަށްފަހުއެވެ. ގައްބެ ފުވައްމުލަކުން ފުރައިފައިވަނީ މެންދުރު 1.00 އެހައިކަންހާ އިރުއެވެ.

އައްޑޫ ކަނޑުއޮޅީގެ އަނގަމަތިން ގައްބެއަށް އެންމެ ފުރަތަމަ މަރުޙަބާ ކިޔާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނެވެ. ސިފައިންގެ އެހީގައި ކަނޑުން ވަދެ އައްޑޫ ހިތަދޫ ގޮނޑުދޮށަށް ކަޓަމަރާން ބީއްސާލަންދެން މަގު ދެއްކި ކަމަށްޓަކައި ގައްބެ ވަނީ ސިފައިންނަށް ޝުކުރު އަދާ ކޮށްފައެވެ.

އައްޑޫ ރައްޔިތުންގެ ފަރާތުން ގައްބެއަށްވަނީ ޓުއަރއެއްވެސް ދީފައެވެ. މި ޓުއަރގައި ގައްބެދާނީ މާދަމާ ހެނދުނުއެވެ. ކުރިން މިޓުއަރއޮތީ މިއަދު ބާއްވާ ގޮތަށެވެ. ގުޅިފައިވާ ރަށްރަށުގެ ތަންތަން ބެލުމަށް މި ޓުއަރގައި ގައްބެދާނީ ފުލުހުންގެ މޮޓޯކޭޑުގައެވެ.

ގައްބެ ބުނީ މިދަތުރުގައި އައްޑޫ ސިޓީއަށް އާދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އައްޑޫ ރައްޔިތުންގެ ފަރާތުން ލިބުނު މެހުމާންދާރީއާއި ކީ ހޫނު މަރުޙަބާގެ ސަބަބުން ވަރުބަލިކަންވެސް ފިލައިފި ކަމަށް ގައްބެ ބުންޏެވެ.

ގައްބެވަނީ ވަރަށްގިނަ މީހުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާ ބައްދަލު ކޮށްފައެވެ. އަދި އެމީހުންނާއެކު ސެލްފީވެސް ނަގައިފައެވެ. އޭގެ އިތުރަށް އޮޓޮގްރާފް ބޭނުންވި މީހުންނަށް ގައްބެވަނީ އޮޓޮގްރާފްވެސް ދީފައެވެ. ގައްބެއަށް އައްޑޫން މަރުހަބާ ކިޔުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާނީ ޑިސްކަވަރ އައްޑޫ، އައްޑޫ ސިޓީ ކައުންސިލް، ރޯވިން އެސޯސިއޭޝަން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ސަދަން އޭރިއާގެ ސިފައިންނާއި ފުލުހުންނެވެ. މިހުރިހާ ފަރާތްތަކަށް ގައްބެވަނީ ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement