ސެއިލިން އެރައުންޑް މޯލްޑިވްސް ގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

image ދިރާގުން ބާއްވާ ރޯޑޫ ރޭސްގެ ފޮޓޯއެއް: އެކުންފުނިން ގެންދަނީ ތަފާތު ކަންކަމަށް އެހީވަމުން

ސެއިލިން އެރައުންޑް މޯލްޑިވްސް'ގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ރިޔާނެގި ކެޓަމަރާންއެއްގައި 23 ދުވަހުގެ ތެރޭގައި ރާއްޖެވަށައި ޖެހުމަށް ރޭވިފައިވާ މި ބުރުގެ ޕާޓްނަރެއްގެ ގޮތުގައި، މިހަރަކާތް އިންތިޒާމް ކުރާ އެޓޯލް ސެއިލަރ އާއި އެކު ދިރާގުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކުރެވިގެން ދިރާގު ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ މާކެޓިންގ އަހުމަދު މައުމޫނާއި، މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މުހަންމަދު މިރްޝާން ހަސަނެވެ. އަދި އެޓޯލް ސެއިލަރ ގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސިކަންދަރު ނަސްރުﷲ ކަމާލުއްދީނާއި އަބްދުލް ޣަފޫރު އަލީ (ގައްބެ) އެވެ.

ރާއްޖެ ވަށައި މިބުރު ޖަހާނީ މޫދު ކުޅިވަރުގައި ހަރަކާތްތެރިވާ އަބްދުލް ޣަފޫރު އަލީ (ގައްބެ) އެވެ. އޭނާއަކީ އަކީ މޫދުގެ އެކި ކުޅިވަރުތަކުގައި ބައިނަލްއަޤްވާމީ ގިނަ މުބާރާތް ތަކެއްގައި ބައިވެރިވެ، ތަފާތު ވަނަތަކެއް ހޯދާފައިވާ ކުޅަދާނަ ޒުވާނެކެވެ.

އޮޔާއި ވައި ހުންނަ ގޮތުން މަހެއްހާ ދުވަހަށް މިދަތުރު ދެމިގެން ދާނެއެވެ. މިދަތުރު ކުރާ އުޅަނދުގައި، ދިރާގުގެ ވެސެލް ޓްރެކިންގ ސިސްޓަމް ހަރުކުރެވިފައި ހުންނާނެއެވެ. އަދި އޭގެ އިތުރުންވެސް ގައްބެއާއި އެކީގައި މީޑިޔާއާއި އެކު އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކްރޫ އެއް ދަތުރުކުރާނެއެވެ.މި ހަރަކާތާ ގުޅޭ ގޮތުން ދިރާގުގެ މާކެޓިންގ ޑިރެކްޓަރ އަހުމަދު މައުމޫން ވިދާޅުވީ،"ރާއްޖޭގައި މުޅިން އަލަށް ކުރެވޭ މިފަދަ ކަމެއްގައި ބައިވެރިވުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެކެވެ. އަބްދުލް ޢަފޫރު ފަދަ މިފަދަ ކުޅިވަރުތަކުގައި ފާހަގަކުރެވިފައިވާ އެތްލީޓަކު ރާއްޖޭގައި މިކަހަލަ ކަމަކާއި ކުރިމަތިލާ ކާމިޔާބު ވުމަކީ އަޅުގަނޑުމެންގެ ދުއާ އަދި އުންމީދެވެ. އަދި ދިރާގުގެ ސެޓެލައިޓް ޓްރެކިންގ ޑިވައިސް އާއި ސެޓެލައިޓްފޯނުގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ގައްބެއަށް ލިބިގެންދާއިރު އެއީ މިހަރަކާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކެކެވެ. އެގޮތުން މި ޑިވައިސްތަކުގެ އެހީގައި ގައްބެ ދަތުރު ކުރާ ރާސްތާ ބެލުންތެރިންނަށް ވަގުތުން ފެނިލުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ."

އެޓޯލް ސެއިލަރގެ މެނޭޖިންގ ޑިރެކްޓަރު ސިކަންދަރު މުހަންމަދު ކަމާލުއްދީން ވިދާޅުވީ، "ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގޭ މި ހަރަކާތުގައި ދިރާގު ބައިވެރިކުރުމުގެ އެންމެ މުހިންމު އެއް މަޤުސަދަކީ %100 ދިވެހި ބްރޭންޑެއް މިކަމުގައި ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިކުރުމެވެ. ދިރާގުން ވަނީ މިހަރަކާތުގެ ކޮންސެޕްޓުއަލް މަރުހަލާއިން ފެށިގެންވެސް ވަރަށް ބޮޑު އެއްބާރުލުމެއްދީ ވަރަށް ފުރިހަމަ ހިޔާލުތަކެއް މިހަރަކާތަށް ދީފައެވެ. އަދި ދިރާގުގެ އިންޓަނެޓާއި ސެޓެލައިޓް ފޯނުގެ އެހީގައި މި ހަރަކާތުގެ އެންމެ ފަހުގެ މައުލޫމާތާއި ފޮޓޯ އަބަދުވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް އަޅުގަނޑުމެން ހިއްސާކުރަމުން ގެންދާނަމެވ.ެ"

މިދަތުރުގެ ބައިވެރިޔާ އަބްދުލް ޣަފޫރު އަލީ ބުނީ ދިރާގުން ފޯރުކޮށްދޭ ސެޓެލައިޓް ޓްރެކިންގ ޑިވައިސް އަކީ ވަރަށް މުހިންމު ހިދުމަތަކަށް ވެގެންދާނެއެވެ. "މިދަތުރަކީ މުޅިން ވަޔާއި މޫސުމަށް ބަރޯސާވެގެން ކުރާ ދަތުރަކަށް ވާއިރު، ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކުރުމަކީ އަޅުގަނޑު އެންމެ އިސްކަމެއްދޭ ކަންތަކެވެ. އެގޮތުން އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާ ޓްރެކިންގ ޑިވައިސް ދިރާގުން ފޯރުކޮށްދޭކަމަށްޓަކައި އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއްދަންނަވަމެވެ. އަދި އިރާދަކުރެއްވިއްޔާ މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަމެވެ."

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...