ނަޝީދު ވަޑައިގަންނަވާނީ ގައުމަށްވެސް ފަރުވާ ހޯއްދަވައިގެން: ޝިފާޒު

image

ބޭސްފަރުވާއަކަށް މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް އެނބުރި ވަަޑައިގަންނަވާނީ "ގައުމަށް ބޭނުންވާ ފަރުވާ" ވެސް ހިއްޕަވައިގެން ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު ވިދާޅުވީ "އެމަނިކުފާނުގެ އަމިއްލަ ބޭސްފަރުވާއަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ގައުމަށްވެސް ބޭނުންވާ ފަރުވާ ހިއްޕަވައިގެން" ކަމަށެވެ. އޭގެ މާނައަކީ ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގަންނަވާނީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހުރިހާ މައްސަލައެއް ހައްލުވުމުން ކަމަށް ވެދާނެއެވެ. އަދި ދެން އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ގޮތްވުމަކީވެސް ވާނެ ކަމެއް ކަމަށް ބެލެވެއެވެ. މި ކަމާ ގުޅިގެން ޝިފާޒު ވިދާޅުވީ ރައީސް ޔާމީންގެ ބަސްފުޅާއި، އީސަގެ ބަހާއި، ޝިފާޒުގެ ބަސް ނޫސްވެރިންނަށް ފަހުމްވާން ޖެހޭނެ ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަހުމަދު އީސާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ގައުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ދެންވެސް އެމަނިކުފާނު ރާއްޖެއަށް ވަޑައިގެން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިބަސްފުޅުން ނަޝީދު ދެން ޖަލަށް ވަޑައި ނުގަންނަވާނެ ކަމަށް ބެލެވިދާނެއެވެ. މާލެ ވަޑައިގެން ކުރިންވެސް ހުންނެވި ގޮޅިއަށް ވަދެ ވަޑައިގަންނަވާ ކަމަށްވާނަމަ އެމަނިކުފާނުގެ ޚިދުމަތް ރާއްޖެއަށް ނުލިބޭނެއެވެ. އެ މަނިކުފާނުގެ ޚިދުމަތް ގައުމަށް ލިބޭނީ މިނިވަން ކަމާއެކު މަސައްކަތް ކުރެއްވިގެންނެވެ.

ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވީ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް ވިޔަސް އަދި އެމަނިކުފާނު އެމަކާ އުޅުއްވާހެން ހިޔެއް ނުވެއެވެ. އެކަން ކުރުމަށްވުރެ ބޮޑަށް އެމަނިކުފާނު އަވަދިނެތި އުޅުއްވަނީ ނޫސްވެރިންނާ ބައްދަލު ކުރެއްވުމާއި ބޭރުގެ ތަފާތު އެހެން ފަރާތްތަކާ ބައްދަލު ކުރެއްވުމުގައެވެ. ސަރުކާރުން އެމަނިކުފާނަށް ދެއްވާފައިވަނީ 30 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...