ސިޔާސީ ވެރިން ދޫކޮށްލުމުގެ ވަގުތު ކައިރިވެއްޖެ: އީސަ

image އަހުމަދު އީސާ: ފޮޓޯ ހަވީރު

ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ވެރިން ޖަލުގައި ބަންދުކޮށްގެން ބައިތިއްބައިގެން ރައީސް ޔާމީނަށް ވެރިކަން ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކެނދިކުޅުދާ ދާއިރާގެ ރައީސް އަދި އެދާއިރާގެ ކުރީގެ މަޖިލިސް މެންބަރ އަހުމަދު އީސާ ވިދާޅު ވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި މިރޭ ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސިޔާސީ ވެރިން ދޫކޮށްލަން ރައީސް ޔާމީނަށް ޖެހޭ ވަގުތު ކުޑަތަން ވެއްޖެ ކަމަށެވެ.

އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ރައީސް ނަޝީދެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ބޭސްފަރުވާއަށް ބޭރަށް ނުފޮނުވަން ސަރުކާރުން އެތައް ބަހަނާއެއް ދެއްކުމަށްފަހު މިހާރުވަނީ ފޮނުވާފައި ކަމަށެވެ.

އެމަނިކުފާނު ވަޑައިގެންނެވީ އަމިއްލަ ޕާސްޕޯޓުގައި ކަމަށާއި މިހާރު ގެންދަވަނީ އެމަނިކުފާނު ބޭނުންފުޅުވާހާ ބޭފުޅުންނާ ބައްދަލު ކުރައް ވަމުން ކަމަށެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށްވެސް އީސަ ވިދާޅުވިއެވެ. ރައީސް ނަޝީދު އެނބުރި ވަޑައިނުގަންނަވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އީސަ ވިދާޅުވީ ރައީސް ނަޝީދު އެނބުރި ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު އެނގޭ އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެން ނޫންނަމަ ޖަލަށް ވަޑައެއް ނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ވަޑައިގަތުމަށްފަހު ވަރުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް އީސަ ވިދާޅުވިއެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ލަންކާގައި ތިއްބެވި ބޭރުގެ މަންދޫބުންނާ ބައްދަލު ކުރައްވަމުން ކަމަށާއި ރައީސް ޔާމީނަކާ އެ ބޭފުޅުން ހިތުން ރުހުމުން ބައްދަލު ނުކުރައްވާނެ ކަމަށްވެސް އީސަ ވިދާޅުވިއެވެ. ރައީސް ޔާމީނާ ބައްދަލު ކުރެއްވިޔަސް ކުރައްވާނީ ކޮންމެވެސް ނަސޭހަތެއް ދެއްވުމަށް ކަމަށްވެސް އީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެންވެސް މިގައުމަށް ހަމަޖެހުމާއި ފާގަތިކަން އޮތީ ރައީސް ނަޝީދު މިނިވަން ވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް