ފުރައިވަޑައި ގަތުމަށް ނަޝީދު އިންކާރު ކުރެއްވުމުން ކަންބޮޑުވުން ފާޅުކޮށްފި

image ރައީސް ނަޝީދު

މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސީވިލާތަށް ފުރައި ވަޑައިގެންނެވުމަށް އިންކާރު ކުރެއްވުމުން އެކަމާ ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ފޮރިންއެފެއާޒު މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޮޕަރޭޝަނެއް ކުރެއްވުމަށް ޔޫކޭއަށް ވަޑައިގެންނެވުމުގެ ހުއްދައަކަށް ރައީސް ނަޝީދު އެދިވަޑައިގެންނެވުމުން އެކަމަށް ސަރުކާރުން ހުއްދަ ދެއްވިޔަސް ފުރައި ވަޑައިގަތުމަށް ދެކޮޅު ހެއްދެވުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާމުގެ ޤާނޫނީ ޓީމުން ބުނެފައިވަނީ ރައީސް ނަޝީދު ބޭނުންފުޅުވަނީ ބޭސްފަރުވާގެ ކަންކަން މުޅިން ހަމަޖެހުމުން އެނބުރި ވަޑައިގަންނަވާ ގޮތަށް ހުއްދަ ދެއްވުމަށެވެ. އަދި އެމަނިކުފާނު ބޭރުގައި ހުންނަވާ ދުވަސްވަރު އެމަނިކުފާނު ކުރައްވާ ކަންކަމަށް އާއިލާގެ މެންބަރަކު ޒިންމާވާން ޖެހޭ ގޮތަށް ސޮއިކުރުވައިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު އެދި ވަޑައިގެންފައިވާ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން ރައީސް ނަޝީދަށް ދެއްވާފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އަދި އެމަނިކުފާނުގެ ކަންކަމަށް ޒިންމާވާނެ އާއިލާގެ ބޭފުޅަކު ހުންނަވަން ޖެހޭނެ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ 30 ދުވަހުގެ މުއްދަތެއް ރައީސް ނަޝީދަށް ދެއްވިޔަސް އެމަނިކުފާނު ބޭސްފަރުވާ ފެއްޓެވުމަށްފަހު މުއްދަތު އިތުރު ކުރަން ޑޮކްޓަރުން ލަފާ ދެއްވައިފި ކަމަށްވާނަމަ މުއަދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އުމަރު ވިދާޅުވެފައިވަނީ ރައީސް ނަޝީދު އުޅުއްވަނީ އަނެއްކާވެސް ސިޔާސީ "ޑްރާމާ" އެއް ކުޅުއްވަން ކަމަށެވެ. އެމަނިކުފާނު ފުރައިވަޑައި ގަތުމުގެ ހުއްދަ ދެއްވުމުން ގާނޫނީ ލިޔުންތަކުގައި އެމަނިކު ސޮއި ކުރެއްވުމަށްފަހު ނަޝީދުވަނީ އެލިޔުންތައް އިރާލައިފައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެއީ ރައީސް ނަޝީދު އައު "ޑްރާމާއެއް" ކުޅުއްވަން ކުރެއްވި ކަމެއް ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ސިޔާސީ އެފަދަ ޑްރާމާ ކުޅުއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ރޭ ބުނެފައިވަނީ ލަންކާގެ ފިނޭންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ބޭރަށް ވަޑައިގަތުމަށް މުއްދަތެއް ނެތް ގޮތަށް ހުއްދަ ދެއްވާނެ ކަމަށް ރައީސް ޔާމީން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ގާނޫނީ ޓީމުން ބުނެފައިވެއެވެ. އެހެންނަމަވެސް މިނިސްޓަރު އުމަރު ވަނީ އެކަން ދޮގު ކުރައްވައިފައެވެ.

ރައީސް ނަޝދު ލިޔުންތައް އިރާލި ކަމަށް އުމަރު ވިދާޅުވިޔަސް ނަޝީދުގެ ވަކީލުން ވިދާޅުވެފައިވަނީ އެފަދަ ކަމެއް ނަޝީދު ނުކުރައްވާ ކަމަށެވެ. ލިޔުންތަކުގައި ސޮއި ކުރެއްވީ 4 ވަކީލުންނާއި ކަރެކްޝަނަލް ސާވިސްގެ 2 ބޭފުޅެއްގެ ހާޒިރުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް