ރައީސް ނަޝީދު ޔޫކޭއަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވައިފި

image

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވައިފި ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެ ހުއްދަ ދެއްވީ ރައީސް ނަޝީދުގެ އެކަމަށް އެދިވަޑައިގެންނެވުމުން ކަަމަށެވެ.

އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައީސް ނަޝީދުގެ މައިބަދައަށް ލިބިވަޑައިގެންފައިވާ ގެއްލުމެއްގެ ސަބަބުން ކަނާތްޕުޅު ފަރާތުގެ ބައެއް ގުނަވަންތައް އައްސިވުމުގެ މައްސަލަ ދިމާވެ ވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.ރައީސް ނަޝީދު ވަރުވާއަށް ވަޑައިގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންނެވީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެންނެވެ. އެމަނިކުފާނަށް ބޭނުންފުޅުވާ ފަރުވާއަކީ ރާއްޖެއިން ދެވެން ހުރި ފަރުވާއެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގެންދެވީ ވިދާޅުވަމުންނެވެ.

ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވީ ބަންޑާރަ ނާއިބުގެ ލަފާފުޅާ އެއްގޮތަށް ކަމަށެވެ. ބަންޑާރަ ނާއިބު ލަފާފުޅު ދެއްވުމުން އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތްކަމަށާއި އެއީ ސަރުކާރުން ޤަބޫލު ކުރައްވަން ޖެހޭނެ ލަފާފުޅެއް ކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ.

ޢުމަރު ވިދާޅުވީ ރައީސް ނަޝީދަށް ހުއްދަ ދެއްވީ ކުރީގެ ރައީސުންނަށް ލިބިވަޑައިގެންފައިވާ ޚާއްސަ އިނާޔަތުގެ ދަށުން ކަމަށެވެ. އެމަނިކުފާނު ކުރައްވާފައިވާ ކުށާއި ބޭސްފަރުވާއާ ގުޅުމެއް ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޢުމަރު ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްސަލާގައި ސަރުކާރަށް އެކިދިމާއިން ޕްރެޝަރ ކުރިމަތިވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެ ޕްރެޝަރާ ކުރިމަތި ލެއްވުމަށް ސަރުކާރު ތައްޔާރު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...