ބަނގުރާ ކައްކަންތިބި ތިންމީހަކު ކަނޑުހޫދޫން އަތުލައިގެންފި
އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ބަނގުރާ ކައްކަންތިބި ތިން ދިވެއްސަކު ފުލުހުން އަތުލައިގެންފިއެވެ.
އެ މީހުން އަތުލައިގެންފައިވަނީ ގއ. ކަނޑުހުޅުދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަން ތިބިކަމުގެ މަޢުލޫމާތު ލިބިގެން ގެމަނަފުށީ ޕޮލިސް ސްޓޭޝަނާއި، ކަނޑުހުޅުދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލާގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެހެންނަމަވެސް ފަހުންވަނީ 3 މީހަކު ދޫކޮށްލައިފައެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ 40 އަހަރުގެ މީހާއަށް 15 ދުވަސް، 19 އަހަރުގެ މީހާއަށް 10 ދުވަސް، 33 އަހަރުގެ މީހާއަށް 05 ދުވަހުގެ މުއްދަތު ދީފައެވެ.
މީގެ އިތުރަށް އައްޑޫސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ އުދާސްގެ ކައިރިންނާއި، ޒެފިޔާ ސަރަހައްދުންވަނީ ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުތަކެއް ހޯދައިފައެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރަށް ފުލުހުންވަނީ މަސްތުވާ ތަކެއްޗާއެކު ކުޅުދުއްފުށިންވެސް މީހަކު ހައްޔަރު ކޮށްފައެވެ. އުމުރުން 33 އަހަރުގެ މީހާ ހައްޔަރު ކުރުމަށްފަހު ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ހައްޔަރު ކުރިވަގުތު ބިންމައްޗަށް އެއްލާލި ސިގިރެޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމަށް ބުނެ ހުިށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ހުސްވި ޑިސެންބަރ 30 ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.ކޯޓުންވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހައިދީފައެވެ.
ކިޔުންތެރިންގެ ހިޔާލު