އެއްބައި ވަންތަކަން އާލާކުރަން ޖެހޭ: ޢުމަރު

image

ރާއްޖެއަށް ސުނާމީ ކާރިސާ ދިމާވި ދުވަހު ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމާއި އިސްނެގުން އަނބުރައި އަލުން ގެންނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެދުވަހަކީ ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ފެނިގެން ދިޔަ ދުވަހެއް ކަމަށެވެ. އަމިއްލައަށް އިސްނަގައިގެ ކަންކަން ކުރުމުގެ ރޫޙު ފެނިގެން ދިޔަ ދުވަހެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ 11 އަހަރު ފަހުން ކަންކަން ބަދަލުވެފައިވާ ގޮތަށް ބަލާއިރު އެފަދަ އިސްނެގުމާއި ރޫޙު އަލުން ދިވެހިންގެ ތެރެއަށް އަންނަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއްބައި ވަންތަކަމަކީ މިނިވަންކަން ދަމަހައްޓަން ބޭނުންވާ އެންމެ މުހިންމު ހަތިޔާރު ކަމަށެވެ.

ސުނާމީގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި މި ޖަލްސާގައިވަނީ ސުކޫތެއް ގެނެސްފައެވެ. އެއްބައިވަންތަ ކަމުގެ ދުވަހަކީ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެކުވެރިކަމާއި އެއްބައި ވަންތަކަމާއި އަޚުވަންތަ ކަން ދެމެހެއްޓުމަށް ފާހަގަކުރާ ދުވަހެކެވެ.

އެ ކާރިސާގައި ރާއްޖެއިންވަނީ 82 މީހުން މަރުވެފައެވެ. 26 މީހުންވަނީ ގެއްލިފައެވެ. 23 ރަށަކަށްވަނީ ބޮޑެތި ގެއްލުން ވެފައެވެ. އެއްބައިވަންތަ ކަމުގެ ދުހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރ 26 ވަނަ ދުވަހެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...